ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން ޖަލުން މިނިވަންކުރި އިރު، އެކަށީގެންވާ ފަރުވާ ނުދެވިގެން ދެ ފައިގެ އިނގިލިތައް ގިރިފައި އޮތުމުން، އެ މީހާގެ ދެ ފައިގެ ބައެއް އިނގިލިތައް ބުރިކޮށްލަން ޖެހިއްޖެ އެވެ.

މީހެއްގެ ހައްގަކަށް އަރައިގެން ކަމަށް ބުނެ ހަތް މަހަށް ޖަލަށް ލާން ހުކުމްކުރި އަހުމަދު ނާފިއު، 38، ހުކުމް ތަންފީޒުކޮށް ނިމިގެން ޖަލުން ދޫކޮށްލި އިރު، އޭނާގެ ދެ ފައިގެ އިނގިލިތައް އޮތީ ވަރަށް ބޮޑަށް ގިރިފަ އެވެ. ވާތު ފައިގެ ބޮޑުވައި އިނގިލި ފިޔަވައި ހަތަރު އިނގިއްޔެއް ގިރިފައިވާ އިރު، ކަނާތު ފައިގެ ތިން އިނގިއްޔެއް ވެސް ވަނީ ވަރަށް ބޮޑަށް ގިރިފަ އެވެ.

މިދިޔަ ހޯމަ ދުވަހު ހުކުމް ތަންފީޒުކޮށް ނިމުމާ އެކު އޭޑީކޭ އަށް ގެންގޮސް އެ ތަނުން އަންނަނީ އޭނާ އަށް ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުގައި އޮވެ "މިހާރު"އާ ވާހަކަދައްކަމުން، ޅ. ނައިފަރަށް އުފަން ނާފިއު ބުނީ މިރޭ ޑޮކްޓަރުން އައިސް ދެ ފައިގެ އިނގިލިތައް ބެލި ކަމަށާއި އޮޕަރޭޝަން ކުރިޔަސް އެ އިނގިލިތައް ދެން ރަނގަޅު ނުކުރެވޭނެ ކަަމަށެވެ. އެހެންކަމުން އެ އިނގިލިތައް ބުރިކޮށްލުން ނޫން ގޮތެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ނާފިއު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ކަނާތު ފައިގައި އެންމެ ފުރަތަމަ ނެގީ ފޮޅެކެވެ. ނަމަވެސް އެ ތަން ފާރުވެ ހާލަތު ގޯސްވީ ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަމަށާއި އެކަމުގެ ޒިންމާ އެތަނުން ނަގަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ގަން ބޫޓަކަށް އެރީމަ ކަނާތު ފައިގެ ބޮޑުވައި އިނގިލީގެ ކޮޅުގައި ނެގީ ފޮޅެއް. އެ ދުވަސްކޮޅު ޖަލަށް ލާން ހުކުމްކުރީ. އޭރު ވެސް ވަރަށް އާދޭސްކުރިން ފަރުވާ ދޭން. އެކަމަކު އޭގެ އެތައް ދުވަހެއް ފަހުން ޑޮކްޓަރަށް ދައްކައިިދިނީ،" ނާފިއު ބުންޏެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމުން އެންމެ ފުރަތަމަ ބުނީ ފައިގައި ބޭސް އެޅުމަށެވެ. ބޭސް އެޅުމުން ވެސް ރަނގަޅު ނުވާތީ އެދުނީ އެހެން ޑޮކްޓަރަކަށް ދައްކައިިދިނުމަށެވެ. އެކަމަކު ކަރެކްޝަނުން އެ ފުރުސަތު ދިނީ އެތައް ދުވަހެއް ފަހުން ކަމަށް ނާފިއު ބުންޏެވެ.

އޭގެ ފަހުން އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދެއްކުމުން ފައިގެ އިނގިލިތައް ބުރިކޮށްލަން ޖެހޭނެ ކަމަށް ބުނި ކަމަށްވެ އެވެ. ނަމަވެސް އޮޕަރޭޝަން ކޮށްގެން ރަނގަޅުވާނެ ކަމަށް އޭޑީކޭގެ ޑޮކްޓަރު ލަފާދިނުމުން އޮޕަރޭޝަން ކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.

"އައިޖީއެމްއެޗަށް ދެއްކީމަ ކޮންމެ ފަހަރަކު ވެސް ބޭސް އަޅާފައި ފޮނުވާލަނީ. ދެން ފައި ރަނގަޅު ނުވާތީ އަޅުގަނޑު އެދުނިން ޑޮކްޓަރަށް ދައްކައިދޭން،" ނާފިއު ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި ދެ ފަޔަށް އެ މައްސަލަ ދިމާވެގެން އުޅެނީ ނާރެއް ބެދިގެންނެވެ.

"ރަނގަޅަށް ފަރުވާ ކުރެވިއްޖެ ނަމަ މިތަން ރަނގަޅުވާނެ ކަމަށް ގިނަ މީހުން ބުނޭ. ޑޮކްޓަރުން ވެސް ބުނަނީ އެހެން. ނާރެއް ބްލޮކްވެފައޭ ބުނީ،" އޭނާ ކިޔައިދިނެވެ.

ނާފިއު ބުނި ގޮތުގައި ޖަލުގައި ހުރި އިރު އޭޑީކޭ އަށް ދެއްކުމުން ވަގުތުން އޮޕަރޭޝަން ކުރަން އެންގި އެވެ. އެކަމަކު ކަރެކްޝަނަލް ސާވިސް އިން އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ނުބެލި ކަމަށް އޭނާ ބުންޏެވެ.

މާލޭ ޖަލުގައި ބެހެއްޓުމަށް ފަހު ތިން ހަފުތާ އަށް އޭނާ މާފުށީ ޖަލަށް ބަދަލުކުރި އެވެ. ބޭސް އަޅަން ދެ ދުވަހަކު މާލެ ގެނައި ކަމަށް ބުންޏެވެ.

އެ ތިން ހަފުތާ އަށް ފަހު އޭނާ ދޫކޮށްލަންދެން ބެހެއްޓީ މާލޭގައި ހުންނަ ރިމާންޑް ސެންޓަރުގަ އެވެ.

ނާފިއުގެ ބޮޑުބޭބެ މުހައްމަދު ނާޒިމް ބުނީ ކަރެކްޝަންގެ އިހުމާލުން އެގޮތަށް ކަންތައް ވުމުން އެ މައްސަލަ ބަލައިދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ކަރެކްޝަނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ނާޒިމް ބުންޏެވެ.

ޖަލަށް ލުމުގެ ކުރިން ނާފިއުއަށް ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް ނިމުނުއިރު މީހެއްގެ އެހީއާ ނުލައި ނާފިއުއަށް އެއްވެސް ވަރަކަށް ނުހިނގެ އެވެ.

މި މައްސަލާގައި ކަރެކްޝަނަލް ސާވިސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.