ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި ކުރީގެ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ފެބްރުއަރީ އަދި މާޗު މަހު އަށް ފުލުހަކު ހައްޔަރުކޮށްފައި ވެ އެވެ. އޭގެ ފަހުން ފުލުހުންގެ ވަޒީފާ އިން ކޮށްފައިވާ އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ނުވަ ދުވަސް އިތުރުކޮށްފަ އެވެ.
އެ މީހުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ މަހުފޫޒު ސައީދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔަ އިރު އެ މީހުންގެ ނުރުހުމުގައި ބޯ ބާލާފައިވާ ކަމަށެވެ. ނުރުހުމުގައި އެފަދަ ކަމެއް ކުރުމަކީ އެންޓި ޓޯޗާގެ ގާނޫނުން މަނާ ކަމަކަށް ވުމުން ބަންދުގެ މަޖިލީހުގައި ކޯޓުގައި އެ މައްސަލަ ފާހަގަކުރި ކަމަށް ވިދާޅުވި އެވެ.
މަހުފޫޒު ވިދާޅުވީ ބަންދުގެ މަޖިލީހުގައި އެ ނުކުތާ ފާހަގަކުރުމުން އެ މައްސަލަ އަށް ކޯޓުން އެ ކަމަށް ރިއާޔަތް ނުކުރި ކަމަށެވެ.
"ބަންދުގެ މަޖިލީހުގައި އެ ނުކުތާ ފާހަގަ ކުރީމަ ކޯޓުން އެ ނުކުތާ އަށް އެއްވެސް ރިއާޔަތްކުރުމެއް ނެތި ބަންދު އިތުރުކުރީ. އެހެންވެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ،" މަހުފޫޒުު ވިދާޅުވި އެވެ.
ފުލުހުންގެ ވަޒީފާ އިން ވަކި ކޮށްފައިވާ އެ މީހުން މިހާރު ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.