މީހުންގެ އަގުވައްޓާލުމުގެ ބޭނުމުގައި އެއްވެސް އަސާސެއް ނެތް މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިޔަސް އެ ފަދަ މައްސަލަތަކާ މެދު އަމަލުކުރާނެ ހާއްސަ އުސޫލެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝާމިލް ވިދާޅުވީ މީހުންގެ އަގުވައްޓާލަން ކުރާ އެފަދަ ކަންތައްތަކަށް ފިޔަވަޅު އެޅޭނެ ގޮތް ރާއްޖޭގެ އެހެން ދާއިރާތަކުގައި އެބަހުރި ކަމަށާއި އެކަމަކު އޭސީސީގައި އެނިޒާމު ނެތް ކަމަށެވެ. ސީދާ އޭސީސީގެ މެންބަރުންގެ އަގުވައްޓާލަން ބައެއް މައްސަލަތައް ހުށަހަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން އަމަލުކުރާ ނިޒާމުގެ ތެރޭގައި އަޅުގަނޑުމެންނަށް ކަނޑައެޅިގެން ނެތް ލިޔެވިފައެއް އަޅުގަނޑުމެންގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތެރޭގައި، މީހަކު ކަނޑައެޅިގެން މީހެއްގެ އަގުވައްޓާލުމުގެ ބޭނުމުގައި އަޅުގަނޑުމެންނަށް މައްސަލައެއް ހުށަހެޅިއަސް ދެން އަމަލުކުރާނެ ގޮތެއް،" ޝާމިލް ވިދާޅުވި އެވެ.
ޝާމިލް މިމޭރުމުން ޖަވާބު ދެއްވީ "ވެރިންގެ ބޮލުގައި ބޮޑެތި ބަދުނާމު އެޅުވުމުގެ ގޮތުން ހުށަހަޅާ މައްސަލަތަކަށް އިސްކަންދީގެން އަވަހަށް ނިންމާނެ ހާއްސަ އުސޫލެއް ނުގެންގުޅެންތޯ" މެންބަރު އިބްރާހީމް ހުސައިން ސުވާލުކުރެއްވުމުންނެވެ.
އޭސީސީގެ މެންބަރުންނާ ސުވާލުކުރައްވަމުން އިބްރާހީމް ތުހުމަތުކުރެއްވި ގޮތުގައި އިސްމަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ އަގު ކަނޑައެޅިގެން ވައްޓާލަން ވެސް ބައެއް ފަރާތްތަކުން އޭސީސީއަށް މައްސަލަ ހުށަހަޅަ އެވެ.
"ހާއްސަކޮށް ދިވެހިރާއްޖޭގައި ވެރިކަންކުރާ ފަރާތްތައް ނުވަތަ ސިޔާސީ ބޭބޭފުޅުންގެ ބޮލުގައި އަޅުވާ ބަދުނާމު، ކަރަޕްޝަން ހަަމަ ނުހިންގާ ފަރާތްތަކާ ދޭތެރޭގައި ވެސް އިދިކޮޅު ފަރާތްތަކުން ނޫނިއްޔާ ބޭނުންވާ ބަޔަކު އެބޭފުޅެއްގެ އަބުރު ކަތިލާލަން ވީމާ ހަމަ ބޭނުން ވަރެއްގެ އެމައުންޓެއް [ކޮރަޕްޝަނުގެ ތެރެއިން ހޯދިކަމަށް ތުހުުމަތުކުރާ ފައިސާގެ އަދަދެއް] އެ ބޭފުޅެއްގެ ބޮލުގައި އަޅުވާލާފައި އެބޭފުޅަކު ކަތިލައިލާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
އެ ތުހުމަތާ އެކު އޭނާ އެއްސެވީ އެފަދަ މައްސަލަަތައް އަވަހަށް ނިންމައި ރައްޔިތުންނަށް އަވަހަށް ޖަވާބުދެވޭނެ އުސޫލެއް އޮވޭތޯ އެވެ.
ޝާމިލު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ރާއްޖޭގައި ކުރިން އަމަލުކުރި ގާނޫނުގައި އެ އުސޫލު އޮތް ކަމަށާއި އެކަމަކު މިހާރު އަމަލުކުރާ ގާނޫނުގައި އެ އުސޫލު ނެތް ކަމަށެވެ. އެކަމަކު ސަރުކާރާއި ޖުޑިޝަރީ ވެސް ހިމެނޭ ގޮތުން، ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަަލަތަކުގައި އަމަލުކުރާނެ ގޮތުގެ ސްޓްރެޓެޖީއެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީގައި އެކުލަވައިލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.