އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯައިސީ)ގެ ގައުމުތައް ބައިވެރިވާ އެންޓި ކޮރަޕްޝަން މުއާހަދާގައި ރާއްޖެ ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
"މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮން އެންޓިކޮރަޕްޝަން ލޯއެންފޯސްމެންޓް ކޯޕަރޭޝަން" ގެ ނަމުގައި ގާއިމްކޮށްފައިވާ އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރުހުންދޭން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 58 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މާލީ ހާމަކަން އިތުރުކުރުމާއި ނާޖާއިޒް ގޮތުގައި މީހުން ހޯދާ މުދާ ދައުލަތަށް އަނބުރާ ހޯދުމުގައި އޯއައިސީގެ މެންބަރު ގައުމުތައް ގުޅިގެން މަސައްކަތްކުރަން މައްކާ ކޮންވެޝަން ގައި ގައުމުތަކުން ސޮއިކުރަން ފެށީ 2023 ވަނަ އަހަރެވެ.
އެ މުއާހަދާ އެކުލަވާލީ އޯއައިސީގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން 2022 ވަނަ އަހަރު ޖިއްދާގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެ މުއާހަދާގައި މިހާތަނަށް 21 ގައުމަކުން ވަނީ ސޮއިކޮށްފަ އެވެ.
މުއާހަދާގެ މައިގަނޑު މަގުސަދުތައް
- ކޮރަޕްޝަނާއި މާލީ ކުށްތަކާ ގުޅޭ ޖާސޫސީ މައުލޫމާތު މެންބަރު ގައުމުތަކުގެ މެދުގައި ހިއްސާކުރުން
- ތަހުގީގުތަކާއި ދައުވާތައް ކުރުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމާއި އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ދިނުން
- ކުށްކޮށްގެން ހޯދާ މުދާ ހުރި ތަންތަން ދެނެގަނެ ހިފެެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުން
- މީހުން ތަމްރީން ކުރުމުގައި އެއްބާރުލުން ދިނުމާއި ފަންނީ މައުލޫމާތު ހިއްސާކުރުން
- ކޮރަޕްޝަނާ ދެކޮަޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެން ޖަމިއްޔާ، ޖަމާއަތްތަކާ ކޯޑިނޭޓްކުރުން
ދައުލަތުގެ ފައިސާއަަށް ހިޔާނާތްތެރިވުމާއި ރިޝްވަތު ހިފުމާއި މަނީލޯންޑަރިން އަދި އިންސާފަށް ހުރަސްއެޅުން ފަދަ ކުށްތައް ހުއްޓުވަން، އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން އެއްބާރުުން ދޭން ޖެހޭނެ އެވެ.