ނިއު ދިއްލީ (މެއި 2) - އިންޑިއާގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަފުތާތަކަކަށް އެ ގައުމު ލޮކްޑައުން ކުރަން ޖެހޭނެ ކަމަށް އެމެރިކާގެ ތަޖްރިބާކާރު އެންތަނީ ފައުޗީ ލަފާ ދެއްވައިފި އެވެ.
ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ އިންޑިއާ ލޮކްޑައުނަކަށް ދިއުމަށް ދެކޮޅު ހަދައިފަ އެވެ. ސަބަބަކީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން އިންޑިއާ ލޮކްޑައުން ކުރުމުން ގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބި، އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން ދިއުމުންނެވެ.
"އަޅުގަނޑަށް ހީވަނީ އެންމެ މުހިންމު ކަމަކީ ވަގުތުން އޮކްސިޖަން ލިބޭނެ ގޮތް ހެދުން. ސަޕްލައި އިތުރުކުރުން. ބޭސް ހޯދުން. ޕީޕީއީ ވެސް ހޯދުން. މި ބާވަތުގެ ކަންކަން،" ފައުޗީއާ ހަވާލާދީ އިންޑިއަން އެކްސްޕްރެސް ނޫހުން ބުންޏެވެ.
"އެކަމަކު މި ވަގުތަށް ވެސް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އިންޑިއާ ލޮކްޑައުން ކުރުން. އެކަމަކު ލޮކްޑައުން ކުރާ އިރު ކުރަން ޖެހޭނީ ހަ މަހަކަށް ނޫން. މިސާލަކަށް ބަލި ފެތުރުމުގެ ސައިކަލް ކޮންޓްރޯލް ވަންދެން ވަގުތީ ގޮތުން ޝަޓް ޑައުން ކުރެވިދާނެ."
ފައުޗީ ވިދާޅުވީ ލޮކްޑައުން ކުރުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.
"އެކަމަކު ހަފުތާތަކަކަށް ނަމަވެސް ލޮކްޑައުން ކޮށްފިއްޔާ ބަލި ކޮންޓްރޯލް ކުރުމުގައި އެކަމުގެ ނަތީޖާ ވަރަށް ބޮޑަށް ފެންނާނެ،" ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ވިދާޅުވި އެވެ.
އިންޑިއާ އިން ހޮނިހިރު ދުވަހު ވަނީ 400،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެޕްރީލް މަހު ވަނީ ހަތް މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. ކޭސްތައް އިތުރުވެ އިންޑިއާގެ ހެލްތު ސިސްޓަމަށް ނުތަކާވަރު މިހާރު ވަނީ ވެފަ އެވެ. އޮކްސިޖަން ނުލިބި އެތައް ބަޔަކު ދަނީ ހޮސްޕިޓަލްތަކުގެ ބޭރުގައި ވެސް މަރުވަމުންނެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅު އަޅަން ފަށައިފަ އެވެ. ޚާއްސަކޮށް ހުޅަނގުގެ މަހާރާޝްތުރާ އާއި ވެރިރަށް ނިއު ދިއްލީ ހިމެނެ އެވެ. ނިއު ދިއްލީގެ ލޮކްޑައުން ހޮނިހިރު ދުވަހު ވަނީ ހަފުތާއަކަށް އިތުރުކޮށްފަ އެވެ.