އެންޓާކްޓިކާ (މާޗް 18) - ކޮވިޑް ވެކްސިން އެންޓާކްޓިކާއާ ހަމައަށް ވެސް ގެންގޮސް އެ ކޮންޓިނެންޓުގައި ތިބި މީހުންނަށް ވެކްސިން ޖަހަން ފަށައިފި އެވެ.
ޗިލީން ބުނީ އެންޓާކްޓިކާގައި ތިބި 49 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށެވެ. ޗިލީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ދެކުނު އެމެރިކާގެ ގައުމުގެ ފަސް މިލިއަން މީހުންނަށް މިހާތަނަށް ވަނީ މަދުވެގެން އެއް ޑޯޒް ވެކްސިން ޖަހައިފަ އެވެ. އެއީ އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔެވެ.
ޗިލީން މި ހަފުތާގައި ވަނީ އެންޓާކްޓިކާގައި ތިބި އެ ގައުމުގެ ސިފައިންނާއި އެޑުއާޑޯ ފްރެއި މޮންޓަލްވާ އެއާ ބޭސްގައި ގާއިމްވެ ތިބި ސައެންޓިފިކް ރިސާޗަރުންނަށް ވެކްސިން ދީފަ އެވެ. އެ ބޭސްގައި ތިބި އިތުރު 53 މީހަކަށް ވަރަށް އަވަހަށް ވެކްސިން ޖަހާނެ އެވެ.
ވެކްސިން ޖެހި، އުމުރުން 25-58 އަހަރާ ދެމެދުގެ މީހުންގެ ތެރޭން އެއްވެސް މީހެއްގެ ފަރާތުން އެލާޖިކް ރިއެކްޝަނެއް ފެނިފައެއް ނުވެ އެވެ.
އެންޓާކްޓިކާ އިން ވެސް ވަނީ ކޮރޯނާވައިރަސް ފެނިފަ އެވެ. ޗިލީ ސިފައިން ގާއިމްވެ ތިބޭ ސްޓޭޝަނަކުން ޑިސެމްބަރު މަހު ވަނީ 36 މީހަކު ޕޮޒިޓިވްވެފަ އެވެ. އެންޓާކްޓިކުން ބަޔަކު ޕޮޒިޓިވީ ރިސާޗް ސްޓޭޝަނަށް ސަޕްލައި ގެންދާ ބޯޓެއްގެ ތިން މީހުން ޕޮޒިޓިވްވި ޚަބަރު ޗިލީން ހާމަކުރި ފަހުންނެވެ. އެ ބޯޓު ރިސާޗް ސްޓޭޝަނަށް ދިޔައީ ނޮވެމްބަރު 27 ވަނަ ދުވަހު އެވެ. އެނބުރި ޗިލީ އަށް ދިޔައީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. ބޯޓުގެ ތިން ފަޅުވެރިން ޕޮޒިޓިވްވިކަން އެނގުނީ ޗިލީގައި ބަނދަރު ކުރި ފަހުންނެވެ.
އެންޓާކްޓިކާ ކޮވިޑުން ސަލާމަތް ކުރުމުގެ ގޮތުން އެ ކޮންޓިނެންޓަށް ކުރާ ޓޫރިސްޓް ދަތުރުތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.