އެންޓާކްޓިކް (ޑިސެމްބަރު 23) - ކޮވިޑް-19 އިން މިހާތަނަށް ސަލާމަތްވެފައިވާ އެންޓާކްޓިކް ކޮންޓިނެންޓަށް ވެސް ކޮރޯނާވައިރަސް އެންމެ ފަހުން ފެތުރިއްޖެ އެވެ.
އެންޓާކްޓިކް ޕެނިންސުލާގެ ބެނާޑޯ އޯހިގިންސް ރިސާޗް ސްޓޭޝަނުން ކޮރޯނާވައިރަހުގެ 36 ކޭސް ފެނިފައިވާ ކަމަށް ޗިލީގެ ސިފައިން ބުނެފައިވެ އެވެ. އޭގެ ތެރޭން 26 މީހުންނަކީ ސިފައިންނެވެ. އަނެއް 10 މީހުންނަކީ މެއިންޓެނަންސް މަސައްކަތް ކުރާ މީހުންނެވެ. ޕޮޒިޓިވްވި މީހުން މިހާރު ވަނީ ޗިލީ އަށް ގެންގޮސްފަ އެވެ.
އެންޓާކްޓިކުން ބަޔަކު ޕޮޒިޓިވްވެފައި މި ވަނީ ރިސާޗް ސްޓޭޝަނަށް ސަޕްލައި ގެންދާ ބޯޓެއްގެ ތިން މީހުން ޕޮޒިޓިވްވި ޚަބަރު ޗިލީން ހާމަކޮށްފައި ވަނިކޮށެވެ. އެ ބޯޓު ރިސާޗް ސްޓޭޝަނަށް ދިޔައީ ނޮވެމްބަރު 27 ވަނަ ދުވަހު އެވެ. އެނބުރި ޗިލީ އަށް ދިޔައީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. ބޯޓުގެ ތިން ފަޅުވެރިން ޕޮޒިޓިވްވިކަން އެނގުނީ ޗިލީގައި ބަނދަރު ކުރި ފަހުންނެވެ.
ޗިލީން ބުނެފައި ވަނީ އެންޓާކްޓިކަށް އުޅަނދު ފުރުމުގެ ކުރިން ހުރިހާ ފަޅުވެރިންގެ ވެސް ޕީސީއާރް ޓެސްޓް ހެދި ކަމަށާއި އެންމެން ވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
އެންޓާކްޓިކުން ކޮރޯނާވައިރަސް ފެނުމާ އެކު ދުނިޔޭގެ ހަތް ކޮންޓިނެންޓަށް ވެސް މިހާރު ވަނީ އެ ރޯގާ ފެތުރިފަ އެވެ.
އެންޓާކްޓިކްގެ ބެނާޑޯ އޯހިގިންސް ރިސާޗް ސްޓޭޝަން ހިންގަނީ ޗިލީންނެވެ.
ލެޓިން އެމެރިކާ އިން ކޮރޯނާވައިރަހުގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ޗިލީ ހިމެނެ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 589,189 މީހުން ޕޮޒިޓިވްވެ 16,217 މީހުން މަރުވެފަ އެވެ.