މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ރުފިޔާ އަދަދު 52.4 ބިލިއަން ރުފިޔާ އަށް އަރައި، 11 ބިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2021 ވަނަ އަހަރުގެ އިގްތިސާދުގައި ޖުމްލަ ފައިސާ ނުވަތަ ބްރޯޑް މަނީ ވަނީ 27 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 65 ޕަސެންޓް އިތުރު އަދަދެކެވެ. އިގްތިސާދުގައި ދައުރުވާ ފައިސާގެ ގޮތުގައި 2019 ވަނަ އަހަރު ރެކޯޑުކުރެވިފައި ވަނީ 36 ބިލިއަން ރުފިޔާ އެވެ. އަދި 2020 ވަނަ އަހަރު އެ އަދަދު ހުރީ 41 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ ވަނީ އޭގެ ކުރީ އަހަރަށް ވުރެ 11 ބިލިއަން ރުފިޔާގެ އިތުރު ވެފަ އެވެ. އޭގެ މާނައަކީ، އިގްތިސާދީ ހަރަކާތްތަކުން ލިބޭ ފައިސާގެ އަދަދު އިތުރުވުމެވެ.

އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައި ވަނީ ނެޓް ފޮރިން އެސެޓާއި ނެޓް ޑޮމެސްޓިކް އެސެޓްގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. ނެޓް ފޮރިން އެސެޓް އިތުރުވީ ބޭރު ފައިސާ ޑިޕޮސިޓް ކުރި ވަރު އިތުރުވުމުންނެވެ. އަދި ނެޓް ޑޮމެސްޓިކް އެސެޓް އިތުރުވީ ކޮމާޝަލް ބޭންކްތަކުން އެމްއެމްއޭ އަށް ޖަމާކުރާ ފައިސާ އިތުރުވެގެންނެވެ.

މިދިޔަ އަހަރު ކޮމާޝަލް ބޭންކްތަކުން އާންމުންނަށް ދޫކުރި ލޯނުގެ އަދަދު ވަނީ އެއް ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެއީ ވެސް ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވި އެއް ސަބަބެވެ.

މި އަހަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ކޮވިޑްގެ ކުރިން އޮތް ހާލަތަށް ރުޖޫއަވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.