ހުޅުމާލޭ 2 ގައި ބީއެމްއެލްގެ ދެ އޭޓީއެމް ހުޅުވަން ނިންމާފައިވާ ކަމަށް ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކާލް ވިދާޅުވީ، ހުޅުމާލޭ 2 ގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ދެ އޭޓީއެމް ބަހައްޓަން ބޯޑުން ނިންމާފައިވާ ކަަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އޭޓީއެމް ބަހައްޓައި އިތުރު ބްރާންޗެއް ހަދަން އެކަމަށް އެންމެ ރަނގަޅު އިމާރާތެއް ބަލަމުން އަންނަ ކަމަށެވެ.
ހުޅުމާލެ 2 ގައި ބަހައްޓާ އޭޓީއެމްތަކާ އެކު މިއަހަރު 50 އަށް ވުރެ ގިނަ އާ އޭޓީއެމް ބަހައްޓަން ބޭންކުން ވަނީ ނިންމައިފަ އެވެ.
ހުޅުމާލެ 1 ގެ ތިން ސަރަހައްދެއްގައި ބީއެމްއެލްގެ އޭޓީއެމްތައް މިވަގުތު އެބަ ހުއްޓެވެ. ހުޅުމާލޭގައި ހުންނަ ބީއެމްއެލް ގޮތްޕާއި ޓްރީޓޮޕްގެ އިތުރުން ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރެނާޓަސް އިތާ މުއިތް އެޕާޓްމެންޓްގެ ތިރީގައި ވެސް ބީއެމްއެލްގެ އޭޓީއެމްތައް އެބަ ހުއްޓެވެ. އެހެންވެ، މިވަގުތު ހުޅުމާލޭގައި ބީއެމްއެލްގެ ހަތް އޭޓީއެމްއެއް އެބަ ހުއްޓެވެ.
ބީއެމްއެލް އިން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 150 އޭޓީއެމް އިން ހިދުމަތް އަންނަނީ ދެމުންނެވެ.