ކާމިޔާބު ޑެބިއުއަކަށް ފަހު ޕްރިމިއާކުރިތާ ގާތްގަނޑަކަށް މަހެއް ފަހުން "ދަ ސުޕަ މާރިއޯ ބްރޯސް. މޫވީ" އަށް ލިބުނު ޖުމްލަ އާމްދަނީ އެއް ބިލިއަން ޑޮލަރު ހުރަސްކޮށްފި އެވެ.

އެ ފިލްމު އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހަމަަކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށް "ޔުނިވާސަލް" އިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި ޖެހިޖެހިގެން ހަތަރު ހަފްތާ ބަންދުގައި ވެސް ބޮކްސް އޮފީހުގެ ލިސްޓުގެ އެއްވަނައިގަ އިން އެ ފިލްމަށް އަދިވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ތާރީހުގައި ވެސް އެއް ބިލިއަން ޑޮލަރު ހުރަސް ކުރި 10 ވަނަ އެނިމޭޓެޑް-ފިލްމު ނުވަތަ ކާޓޫނުގެ ޝަރަފް ހޯދި "ސުޕަމާރިއޯ" އަކީ ކޮވިޑްގެ ފަހުން އެއް ބިލިއަން ޑޮލަރު ހުރަސްކުރި ފަސް ވަނަ ފިލްމެވެ.

"ސުޕަމާރިއޯ" ފިލްމުގެ ކެރެކްޓާތަކެއް
"ސުޕަމާރިއޯ" ފިލްމުގެ ކެރެކްޓާތަކެއް

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ޕްރިމިއާ ކުރި މި ފިލްމަށް ވަނީ އެޅުވި ފުރަތަމަ ފަސް ދުވަސް ތެރޭގައި ވެސް 380 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

މި ފިލްމު ބިނާކޮށްފައި ވަނީ "ނިންޓެންޑޯ" ގެ މަޝްހޫރު ވިޑިއޯ ގޭމް ފްރަންޗައިޒް "ސުޕަ މާރިއޯ" އަށެވެ. އޭގައި ސުޕަ މާރިއޯގެ ރޯލަށް ކްރިސް ޕްރެޓް އަޑުއެޅިއިރު، ލުއިގީގެ ރޯލަށް ޗާލީ ޑޭ އަދި ޕްރިންސަސް ޕީޗްގެ ރޯލަށް އަޑުއެޅީ އަންޔާ ޓޭލާ-ޖޯއީ އެވެ.

ޖޭކް ބްލެކް އާއި ކީގަން މައިކަލް ކީ އާއި ސެތް ރޯގެން އާއި ފްރެޑް އާމިސެން އާއި ކެވިން މައިކަލް ރިޗަޑްސަން އަދި ސަބާސްޓިއަން މަނިސްކަލްކޯ ވެސް ފިލްމުގެ ކާސްޓުގައި ހިމެނެ އެވެ. އަދި "ސުޕަ މާރިއޯ" ގެ ވީޑިއޯ ގޭމްތަކުގައި ސުޕަ މާރިއޯގެ އަޑު އެޅި ވޮއިސް އެކްޓަރު ޗާލްސް މާޓިނޭ ގެ ހާއްސަ ކެމިއޯއެއް ފިލްމުގައި ފެނެ އެވެ.