ކުރީގެ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ، މިނިވަން ކޮމިޓީގެ މެމްބަރުކަމުން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.
"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
ފަސް މެމްބަރުން ހިމެނޭ އެ ކޮމިޓީގެ ޗެއާކަން ވެސް ކުރެއްވި އަނީސާ "މިހާރު" އަށް ވިދާޅުވީ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބަކާ ހުރެ އެ ކޮމިޓީގެ މަސައްކަތްތަކަށް ވަގުތު ނުދެއްވޭތީ ކަމަށެވެ. ކޮމިޓީ އެކުލަވާލިތާ އަދިވީ މަހެއްހާ ދުވަހެވެ.
އޭނާއަށް ބައިވެރިވެވަޑައިގެންނެވުނީ ވެސް އެންމެ ބައްދަލުވުމެއްގައި ކަމަށާއި އެހެންވެ ބަލި ހާލަތުގެ ސަބަބުން މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވި އެވެ.
އެ ކޮމިޓީގައި ދެން ތިއްބަވަނީ އަބްދުލްއަޒީޒް ޔޫސުފާއި އާމިނަތު އީނާސް އާއި އަހުމަދު އަލިމަނިކު އަދި މަރިޔަމް ފިޒާނާ ރަޝީދެވެ.
އަނީސާ އެ ކޮމިޓީން އިސްތިއުފާ ދެއްވިއިރު އޭނާ އެ ކޮމިޓީގެ މެމްބަރުކަމާ ހަވާލުވެވަޑައިގަތީ ވެސް ގައުމީ އިނާމާބެހޭ ކޮމިޓީން އިސްތިއުފާ ދެއްވުމަށް ފަހު އެވެ. އޭރު އެ ކޮމިޓީން އިސްތިއުފާ ދެއްވީ ވެސް ސިއްހީ ސަބަބުތަކާ ގުޅިގެން ކަމަށް ވެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމާ އެކު އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އޭސީސީގެ ތަހުގީގުން އެނގިފައި ވަނީ ފްލެޓު ދޫކުރުމުގައި އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ފޯމުގަ އެވެ.
އެ މައްސަލާގައި އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑުވެފައިވާއިރު އެ ކޮމިޓީއަކީ އެ މައްސަލަތައް ބަލަން އުފެއްދި މިނިވަން ކޮމިޓީއެކެވެ.