އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަލަސްތީނުގެ އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކެއް، އިޒްރޭލު ސަރުކާރުން ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމަށް އެ ޖަމިއްޔާތަކުން ގޮވާލައިފި އެވެ.

އިޒްރޭލު ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އިޒްރޭލު ސިފައިން ހައްޔަރުކުރާ ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެ ޖަމިއްޔާތަކުން ކުރަމުން އައި މަސައްކަތްތައް ހުއްޓޭނެ އެވެ. އެއީ އިޒްރޭލުގެ ތެރޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު އެ ޖަމިއްޔާތަކަށް ނުލިބޭނެތީ އެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް، މިދިޔަ ހުކުރު ދުވަހު ސޮއިކުރައްވައި ނެރުއްވި އަސްކަރީ ގަރާރެއްގައި، ފަލަސްތީނުގެ ހަ ޖަމިއްޔާއެއް ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވެ އެވެ. އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އެ ހަ ޖަމިއްޔާއަކީ، އިޒްރޭލާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައިވާ، ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ޕަލެސްޓައިންއާ ގުޅިފައިވާ ބައެކެވެ.

އިޒްރޭލުން 1979 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ލިޔެ ބަލަހައްޓަމުން އަންނަ އަލް ހައްގު ޖަމިއްޔާ އިން ބުނި ގޮތުގައި، އިޒްރޭލުން ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. އެހެންކަމުންމ އިޒްރޭލުގެ ޓެރަރިސްޓުންގެ ލިސްޓުން އެ ޖަމިއްޔާތައް އުނިކޮށްދިނުމުގައި ބައިނަލްއަގުވާމީ މުޖްތަމައުން އެހީތެރިވެދިނުމަށް އެ ޖަމިއްޔާ އިން ގޮވައިލި އެވެ.

އަލް ހައްގު ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލު ސިފައިންނާ ފުލުހުން ފަލަސްތީނުގެ ބިންތަކުގަޔާއި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ތަހުގީގުކުރަން ފަށާފައިވާ ދަނޑިވަޅެއްގައި، އިޒްރޭލު ސަރުކާރުން މި އެޅި ފިޔަވަޅަކީ އިއްތިފާގެއް ނޫން ކަމަށެވެ. އިޒްރޭލުގެ އެ އަމަލަކީ، ބައިނަލްއަގުވާމީ ކޯޓުން ހިންގާ ތަހުގީގުތަކަށް، އެ ޖަމިއްޔާތަކުން ހުށަހަޅާނެ ހެކިތަކުގެ ބުރަދަން ނައްތައިލުމަށް، އިޒްރޭލު ސަރުކާރުން ދުރާލައި ރާވައިގެން ހިންގާ އަމަލެއް ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

އެ ކޯޓުގެ ކުރީގެ ޕްރޮސެކިއުޓާ ބެންސޫޑާ، މިދިޔަ މާޗް މަހު ވިދާޅުވެފައިވާ ގޮތުގައި، އިޒްރޭލުން ފަލަސްތީނުގައި ހިންގާ އަމަލުތަކަކީ،ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ބަލައިގެން ތަހުގީގުކުރުމަށް ފުދޭ ވަރަށް ހެކި ލިބިފައި އެބަހުއްޓެވެ. ނަމަވެސް އިޒްރޭލުން ބުނެފައިވަނީ އެ ކޯޓުން ހިންގާ ތަހުގީގަށް އިޒްރޭލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށެވެ.

އދ. އިން އުފައްދާފައިވާ ޖިނާއީ ކޯޓުން އެފަދަ ތަހުގީގެއް ހިންގުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަން ތައްޔާރުކުރުމުގައި އިސްވެ ހަރަކާތްތެރިވި، ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ އައްޒަމީރު ވެސް ވަނީ، ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފަ އެވެ.

އައްޒަމީރު ޖަމިއްޔާ އިން ބުނި ގޮތުގައި އިޒްރޭލުގެ އެ ނިންމުމަކީ، އިޒްރޭލުގެ ޒަމާންވީ އަޅުވެތިކަމަށް ގޮންޖަހަމުންދާ ފަލަސްތީނުގެ މަދަނީ ޖަމިއްޔާތައް ކުށްވެރިކުރުމަށް އިޒްރޭލުން ހިންގާ ވަރަށް ނުބައި ޖަރީމާއެކެވެ. އަދި އިޒްރޭލަށް ފިއްތުންތައް ކުރިމަތިކޮށްގެން، ޓެރަރިސްޓުންގެ ލިސްޓުން އެ ޖަމިއްޔާތައް އުނިކޮށްދިނުމަށް، އައްޒަމީރު ޖަމިއްޔާއިން ވެސް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވައިލި އެވެ.

ހިއުމަން ރައިޓްސް ވޮޗް އާއި އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނި ގޮތުގައި، އިޒްރޭލުގެ އެ ނިންމުމަކީ ވަރަށް ނުރައްކާތެރި ނިންމުމެކެވެ. އެ ނިންމުމުގެ ސަބަބުން، ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އޮފީސްތައް ބަންދުކުރުމާއި، އެ ޖަމިއްޔާގެ މުދަލާއި ފައިސާތައް އަތުލުމާއި، އެ ޖަމިއްޔާތަކުގެ މެމްބަރުން ހިފައި ހައްޔަރުކޮށް ޖަލަށް ލުމުގެ ބާރު، އިޒްރޭލު ސިފައިންނާއި ފުލުހުންނަށް ލިބިދޭނެ އެވެ. އޭގެ އިތުރުން، އެ ޖަމިއްޔާތަކުގެ ހަރަދުތަކަށް ފައިސާ ހޯދުމަށް ހިންގާ އެއްވެސް ހަރަކާތެއް ހިންގުމާއި، އާންމު ތަންތާނގައި އެއްވުންތަކާއި އެހެން ހަރަކާތްތައް ބޭއްވުން ވެސް މަނާވާނެ އެވެ.