ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގިނަ ޝަކުވާތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުންނާ މިއަދު ހިއްސާކުރައްވައިފި އެވެ.

އެޗްއާރުސީއެމްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ތިން މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ޖަލުގައި އެތައް ބަޔަކަށް ނުހައްގުން އަނިޔާ ލިބެމުންދާ މައްސަލަ އާއި ޖަލުގެ ގޮޅިތަކުގެ ފެންވަރު ދަށް ކަމާއި އީސީގެ ނިންމުމާ ގުޅިގެން ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމެވެ.

އަމީތު މިރޭ "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ބަންދުކޮށްފައި ތިބޭ ގިނަ މީހުންގެ ތަހުގީގުނުކޮށް ބަަންދުކޮށްފައި ބައިތިއްބާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ބައެއް މީހުންގެ ބަންދަށް 15 ދުވަސް ޖެހުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެއްވެސް ތަހުގީގެއް ނުކޮށް، އަނެއްކާ ދެވަނަ ފަހަރަށް ކޯޓަށް ގެންގޮސްގެން މުއްދަތު ޖަހާފައި ތިބި މީހުން އެބަތިބި ކަމަށާއި ބައެއް މީހުން ހުކުމެއް ނެތި އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާކުއެ، ޖަލުގެ ގޮޅިތަކަކީ އިންސާނުން ބަންދުކޮށްގެން ގެންގުޅެންވާ ވަރަށް ވުރެ ހާލަތު ދަށް ގޮޅިތަކަކަށްވާތީ އެ މައްސަލަ އެޗްއާރުސީއެމްގެ މެމްބަރުންގެ ސަމާލު ކަމަށް ގެންނެވި ކަމަށް އަމީތު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނެވެ.

މީގެއިތުރުން މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި "ޣައިރު ގާނޫނީ ނިންމުމުގެ ސަބަބުން" ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ދޮރު ބަންދުވެފައި އޮތުމުން، އެކަމުގެ ޝަކުވާ ވެސް މެމްބަރުންނާ ހިއްސާ ކުރެއްވި ކަމަށް އަމީތު ވިދާޅުވި އެވެ.

މި ތިން ބޭފުޅުން ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ސިޔާސީ ބައެއް ބޭފުޅުންނަށް ބޭއިންސާފުން އަމަލު ކުރާތީ އެކަމުގެ ޝަކުވާ ވެސް ކުރައްވައިފަ އެވެ. ހާއްސަކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވާހަކަ ހިއްސާ ކުރެއްވި އެވެ.

"އަދީބުގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެޗްއާރުސީއެމުގެ ރެކޮމެންޑޭޝަން ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމްގެ އިސް ބޭފުޅުން ފާހަގަކުރެއްވި،" އަމީތު ވިދާޅުވި އެވެ.

މީގެ އިތުރުން މި ބޭފުޅުންގެ ޝަކުވާތަކާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ކޮމިޝަންގެ މެމްބަރުން ދެއްވި ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ތިން ބޭފުޅުން ވަނީ މީގެ ހަފުތާއެއް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އީމެއިލް މެދުވެރިކޮށް ބައްދަލުވުމަށް އެދުމުން އެކަމަށް ޖަވާބެއް ނުލިބި ހަފުތާއެއްވުމާ ގުޅިގެން އަމީތާއި ސައުދު ވަނީ ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް މެމްބަރުން "ބިޒީ" ވުމުގެ ސަބަބުން އިއްޔެ ބައްދަލުނުވީ ކަމަށް އަމީތު ވިދާޅުވި އެވެ.

ޖުލައި 24 ގައި މަޖިލީހަށް ވަން މައްސަލާގައި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ސައުދާއި އަމީތު އަދި ވަހީދުގެ މައްޗަށް ކުރެ އެވެ. މީގެ އިތުރުން ސައުދަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.