ކެންސަރުގެ ވޭނީ ދުވަސްތަކުގެ ވާހަކައާ އެކު ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާގެ ލޮލުން ކަރުނަ އޮހެން ފެށި އެވެ. އެއީ ކުއްލިއަކަށް އޭނާގެ ދިރިއުޅުމުން ދުވަސްތަކެއް ހުއްޓުނު ހަނދާންތަކެކެވެ.
ފަސް އަހަރުގެ އެ ހަނގުރާމައިގެ ތެރެއަށް އޭނާ ވެއްޓުނީ ހިތާމައަކަށް ފަހު ހިތާމައަކުން އަރައިނުގަނެވި އެވެ. ފަސްއެނބުރި ބަލާލާއިރު, ހަޔާތުގައި އެންމެ ހިތްދަތިކަން ލިބުނީ ކޮން ކަމަކުން ކަމެއް ވިދާޅުވާން ވެސް އެނގިވަޑައިނުގަންނަވާހާ ހިތްދަތި ކަންކަމެވެ.
ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނިކޮށް ފުރަތަމަ, 2015 ގައި ވަޒީފާ އެހެން މިނިސްޓްރީއަކަށް ބަދަލުކުރުމުން ދޫކޮށްލައްވަން މަޖުބޫރުވެވައިގަތީ އެވެ. ސްކޫލް ނިމުމާ އެކު 1982 ގައި ސަރުކާރާ ގުޅިވަޑައިގަތް ގޮތަށް މަސައްކަތަށް ހުސްވެ, ފަރުވާތެރިކަމާ އެކު ޒިންމާ އަދާކުރައްވަނިކޮށް ކުރިމަތިވެވަޑައިގަތް އެ ހާލަތުން ވަރަށް ބޮޑަށް މާޔޫސްވި އެވެ. އޭރު ގެންދެވީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ބައްޔަށް ޝިފާއެއް ލިބޭތޯ މަސައްކަތް ކުރައްވަމުންނެވެ. އެއަށް ފަހު މަންމަ ވެއްޓިގެން ބޮޑު އަނިޔާއެއްވެ ފަރުވާދޭން ޖެހުނީ ހަމަ އެ ދުވަސްކޮޅެވެ.
ކެންސަރު ޖެހި އަމިއްލަ އަށް ބަލިވެއްޖެ ކަން އެނގުނީ އެ ހުރިހާ ކަމެއްގެ ތެރޭގައި އުޅުއްވަނިކޮށެވެ. ފަރުވާ ލިބި ހުރިހާ ކަންކަމުން ކުރިއަށްދާން ކުރެއްވި މަސައްކަތުގައި، ވަކި ހިސާބަކުން, އެންމެ ބޭނުން ޖެހުނު ދުވަހު ދޫކޮށްލާފައި ފިރިކަލުން ދުރަށް ވަޑައިގަތުން ވީ ކެންސަރަށް ވުރެން ވެސް ބަރުދާސްތުކުރަން އުނދަގޫވި ކަމަކަށެވެ.
މި ހިތާމަތަކުގެ ތެރޭގައި ދިރިއުޅުން ވޭތުކުރެއްވި އާތިފާގެ ހިތްވަރު ގަދަ ކަމަކީ އެހެން މީހަކަށް މިއިން އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުދެއްކެވުމެވެ. ބަލި ހާލާ އެކު ވެސް ގައުމަށް ހިދުމަތް ކުރެއްވުމަށް އޮތް ލޯތްބާ އެކު މި ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ޒިންމާތައް ފުރިހަމައަށް އަދާކުރެއްވި އެވެ.
ގޮންޖެހުން އިންތިހާ އަށް ކުރިމަތިވެވަޑައިގަތެވެ. އެހެން ޕާޓީއެއްގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވުމުން ސިޔާސީ ގޮތުން ޕްރެޝަރުތަކާއި ނާގާބިލްކަން ދެއްކުމަށް އަމާޒުކުރި ފާޑުކިއުންތަކުގެ ދިފާއުގައި މިއަދާ ހަމައަށް ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. މަސްލަހަތު އިސްކުރައްވައި ކެބިނެޓުން ދުރަށް ވަޑައިގަތީ އެވެ.
"ރައީސް ވިދާޅުވި އިސްތިއުފާ ނުދެއްވަން. އެކަމަކު އަޅުގަނޑުގެ ބަލިކަމާއި މަސްލަހަތު އެންމެ ރަނގަޅު ގޮތެއް ކަމަށް ފެނުނީ ދުރަށް ދިއުން," އާތިފާ ވިދާޅުވި އެވެ.
ހައުސިން އިން ޖެންޑާ އަށް: ބޮޑު ހާސްކަމެއް
އާބަން ޑިވެލޮޕްމަންޓުގެ ދާއިރާ އިން ކިޔަވާ ވިދާޅުވެ އާތިފާ އުޅުއްވީ ފަންނީ މަސައްކަތްތަކުގަ އެވެ. ޕީޕީއެމްގެ ވެރިކަމުގައި އޭނާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުން ވެސް ކުރެއްވީ ސިޔާސީ މަސައްކަތެއް ނޫނެވެ. ވަގުތު ހުސްކުރެއްވީ އޭނާގެ ޝައުގުވެރިކަން އޮންނަ ޓެކްނިކަލް ކަންކަމަށެވެ.
އެކަން ދޫކޮށްލައްވަން ޖެހިވަޑައިގަތީ ކުއްލިއަކަށެވެ. ހައުސިން އިން ދުރުކޮށް ޖެންޑާ މިނިސްޓްރީ އަށް ވަޒީފާ ބަދަލުކުރެއްވީ އެވެ.
އެއީ އޭނާގެ ޕްރޮފެޝަންއެއް ވެސް ނޫނެވެ. އެހެންވެ ނަމެއްގައި ވަޒީފާ އަދާކުރައްވައި މުސާރަ ނަންގަވަން ބޭނުން ނުވުމުން އެ ވަޒީފާއަކަށް އޭނާ ނުނިކުންނަވަ އެވެ.
އޭރު އާތިފާ ގެންދެވީ 18 އަހަރުގެ ފިރިހެން ދަރިފުޅުގެ ބައްޔަށް ޝިފާއެއް ލިބޭތޯ ވެސް މަސައްކަތް ކުރައްވަމުންނެވެ. އޮޓޯ އިމިއުން ބައްޔަކަށް ވާތީ ފަރުވާގެ ކޮޅެއް މެދެއް ނުފެނި ދަރިފުޅު ވެސް އުޅުނީ ވަރަށް ވޭނުގަ އެވެ.
"އެ ހާސްކަމެއްގެ ތެރޭގައި އަޅުގަނޑު އުޅެނިކޮށް ވަޒީފާ ވެސް ދޫކޮށްލަން މަޖުބޫރުވީ. ވަރަށް ބުރަކޮށް މަސައްކަތް ކުރި މީހަކު ގެއަށް ވަންނަން ޖެހުން ވީ ވަރަށް އުނދަގޫ ކަމަކަށް. އިތުރު ހާސްކަމެއް ކުރިމަތިވީ," އާތިފާ ވިދާޅުވި އެވެ.
ވަޒީފާ ހުއްޓާލެއްވި އިރު އަމިއްލަ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ. ސަރުކާރުގެ ހިދުމަތުގައި ޖެހި، އަމިއްލަ ކަމެއް ކުރައްވަން ދަސްވެވަޑައިގެންފައި ވެސް ނެތީ އެވެ.
ޕްރޮފެޝަން ދޫކޮށްނުލައްވަން އާތިފާ ދެން ފެއްޓެއްވީ ޔުނިވަސިޓީގެ ރިސާޗް ޕްރޮޕޯސަލެއްގެ މަސައްކަތެވެ. ބޮޑު ބައްޔެއްގައި ދިރިއުޅުން ބެދިއްޖެ ކަމުގެ ހާސްކަން ކުރިމަތިވީ އެކަމުގައި އުޅުއްވަނިކޮށެވެ.
ދިރިއުޅުމުގައި ތަރުތީބުކޮށް ކުރަމުން އައި ކަންކަމުގެ ތެރެއިން އާތިފާ އެހާ ހިސާބަށް ދޫކޮށްލައްވައިގެން ހުންނެވީ ޖިމަށް ވަޑައިގަތުމެވެ. ވަޒީފާ ގެއްލުނު ހިސާބުން ކުރިމަތިވި މާޔޫސްކަމާއި އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން ކަސްރަތު ވެސް ހުއްޓާލެއްވީ އެވެ.
"ވަޒީފާ ބިޒީ ކަމުގައި ވެސް ހުރިހާ ސްޓްރެސްއެއް ރިމޫވްކުރަންދާ ތަން އަޅުގަނޑަށް ގެއްލިގެން އައި ރިއެކްޝަންގެ ތެރޭގައި ހެން ހީވަނީ މިކަމެއް ދިމާވީ," އާތިފާ ވިދާޅުވި އެވެ.
އެނގުނީ ދެވަނަ ސްޓޭޖްގައި: "މީ ވަރަށް ވޭން ހުރި ކަމެއް"
އާތިފާގެ ހަނދާނުގައި ހުންނަނީ ކެއުމުގެ ތެރޭގައި އެއް ދުވަހަކު ދޫ ހެފުނު ކަމެވެ. މާބޮޑު ސަމާލުކަމެއް ނުދެވުނު އެ ފާރުކޮޅު ރަނގަޅު ނުވީ އެވެ.
އަމިއްލަ ނަފްސަށް އަޅާލުމުގެ ވިސްނުމެއް އޭރު ނެތީ ދެން ކުރިމަތިވި ކަންކަމަށް އިސްކަން ދެވުނުލެއް ބޮޑުކަމުންނެވެ.
"ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުގެ ސިސްޓަމްގެ ތެރޭގައި އެނބުރެމުން ދިޔައީ. ޑޮކްޓަރަށް ދެއްކުމުގެ ކުރިއަށް އުނދަގޫތަކެއް ވާތީ ދިވެހި ބޭސް ވެސް ކުރިން," އާތިފާ ވިދާޅުވި އެވެ.
"ބައިވަރު ކޮންފިއުޝަނެއްގެ ތެރޭގައި އުޅެނިކޮށް ދުލުގައި ހަމަ ރިއްސާތީ އެއް ދުވަހަކު ޑޮކްޓަރަށް ދެއްކީ."
ޑޮކްޓަރުގެ ލަފައަކަށް ވީ ދުލުގެ ބައޮޕްސީއެއް ހެއްދުމެވެ.
"ހަފުތާއެއްގެ ތެރޭ ރިޕޯޓް ލިބުނު އިރު ހުރީ ކެންސާގެ ސްޓޭޖް 2 ގައި," އާތިފާ ވިދާޅުވި އެވެ.
ރާއްޖޭގައި ކެންސަރުގެ ފަރުވާ އެންމެ އެކަށީގެންވާ ގޮތަށް އޭރު ނުދެވޭތީ ފަރުވާ ފެއްޓެވީ އިންޑިއާގެ ބެންގަލޫރުންނެވެ. މި ފަރުވާއަކީ ހުރިހާ ގޮތަކުން ވެސް އުނދަގޫ ކަމެއް ކަން އާތިފާ އަށް އިހްސާސްވެވަޑައިގަތީ އެ ހަބަރާ އެކު އާއިލާ އަށް ކުރި އަސަރާއި އަމިއްލަ ދިރިއުޅުމުގައި ދިމާވި ކަންކަމުންނެވެ.
"މިއީ މުޅި ސިސްޓަމަށް އަންނަ ޗޭންޖްއޯވާއެއް. މީހާ އަށް އެކަންޏެއް ނޫން. މީހާގެ ފެމިލީ އަށް ވެސް ހަރަދުކުރުން ވެސް އިންކަމް ލިބޭނެ ގޮތެއް ނެތި ފަރުވާ ކުރަން ޖެހުން ވެސް،" އާތިފާ ވިދާޅުވި އެވެ.
"ކެންސާގައި ބޮޑަށް ދަނީ ރިކަވަރީ އަށް. ސައިކޯ ސޯޝަލް ޓްރީޓްމަންޓް ލިބުމުގެ ފުރުސަތު ކުޑަ. ކެންސާ ބަލީގައި އުޅޭ މީހުންގެ ސަފަރިން އެކަނި ފެނުނަސް މީހާ އަށް ބޮޑެތި އުނދަގޫތަކެއް ވޭ. ގިނަ މީހުން އުޅެނީ ވަރަށް ހާލުގައި."
ދިމާވި ހުރިހާ ކަންކަމުން ވެސް އާތިފާ ހިތްވަރު ދޫކޮށް ނުލެއްވީ އެވެ. އެންމެ ހާލު ދެރަވި އިރު ވެސް ނުތެދުވާނަމެކޭ ނުވަތަ ދެން ނުތެދުވެވޭނެއެކޭ އެންމެ ފަހަރަކު ވެސް ހިތަށް ނުގެންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އެކަމަކު ވަރަށް ވޭން ހުރި ކަމެއް. ފުރަތަމަ ކީމޯ ދިން ތަނާ އަޅުގަނޑަށް ޑެންގޫ ޖެހުނީ. ތަންދޮރު ނޭނގޭ ވަރަށް ހުން ގަދަވި. ކީމޯ ދީފައި ހުރީމަ ބޭރަށް ހިންގުމާ ހުރިހާ ކަމެއް ވެސް ދިމާވި،" އޭނާ ވިދާޅުވި އެވެ.
ރޭޑިއޭޝަން ދޭން ފެށުމާ އެކު އާތިފާގެ ކެއުން އެއްކޮށް ހުއްޓުނީ އެވެ. ކަރު ތެރެ އާއި އަނގަ ފާރުވެ ކާއެއްޗެހި ނުދިރިގެން ޑޮކްޓަރުންނަށް މަޖުބޫރުވީ ބަނޑަށް ހޮޅި ގުޅާށެވެ.
"ގާތްގަނޑަކަށް ހަ މަސް ދުވަސްވި. މާލެ އައީ ވެސް ހޮޅި ގުޅައިގެން،" އާތިފާ ވިދާޅުވި އެވެ.
އޭގެ ފަހު ދަތުރު ފަރުވާ އަށް ބޭރަށް ގޮސް ހޮޅި ނަގަން ޑޮކްޓަރުގެ ގާތުން އެދުނީ، އޭނާ ވިދާޅުވި ގޮތުގައި، އުނދަގޫވާތީ އެވެ.
ހޮޅި ނައްޓައިގެން ފުރަތަމަ ކޮޅުގައި ކެވުނީ ބަތްޕެންފޮދެއް އެކަންޏެވެ. އެކަމުން ވެސް އަރައިގަނެވުނީ އާތިފާ ވަރަށް ހިތްވަރު ކުރި ފަހުންނެވެ.
"އާއިލާގެ އަޅާލުން ވަރަށް ބޮޑު. އެހެންވީމަ ކަންތައްތައް ކުރަން ވަރަށް ބާރު އެޅި. ހާއްސަކޮށް އަޅުގަނޑުގެ ދޮންބެ (އާތިފް ޝަކޫރު) އަބަދުވެސް އެއް ކަމެއް ކުރަން އަނެއް ކަމެއް ކުރަން ވިދާޅުވާނެ," އާތިފާ ވިދާޅުވި އެވެ.
އެންމެ އިސްކަން ދެއްވީ ސިކުނޑި ތެރޭގައި ކެންސަރުގެ ހިޔާލުތައް ވަށާލިޔަ ނުދިނުމެވެ. އާތިފާ ކުރެއްވި ކަމަކީ މަސައްކަތްތައް ތަރުތީބުކޮށްލެއްވުމެވެ. ދުވަސް ނިންމާލައްވަނީ އަނެއް ދުވަހަށް ބިޒީ ޝެޑިއުލަކާ އެކުގަ އެވެ.
"އަނެއް ދުވަހު ތެދުވަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ތަރުތީބު ކުރިން, އެއީ ހެނދުނު ތެދުވަން ބާރުއެޅުމަށް."
ފެހުމާއި ހަވާދު ހެދުމާއި އަސާރަ އާއި މިރުސް ސޯސް ހެދުން ގަވާއިދުން އާތިފާ ކުރިއަށް ގެންދެވި އެވެ. މިކަމުން އާމްދަނީއެއް ވެސް ލިބުނެވެ.
މައުމޫން ހައްޔަރުކުރުން: ބޭރަށް އެޅުއްވި ފުރަތަމަ ފިޔަވަޅު
ކެންސަރުން އަރައިގަތުމަށް އާތިފާ ކުރެއްވި މަސައްކަތްތަކުގައި ގެއިން ބޭރަށް ފުރަތަމަ ފިޔަވަޅު އެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް ޖަލަށް ގެންދިއުމުންނެވެ.
"ރައީސް މައުމޫން ޖަލަށް ގެންދިޔަ ރޭ އަޅުގަނޑަށް ވަރަށް އުނދަގޫވި. އަނެއް ދުވަހު މެޑަމް ނަސްރީނާ އަރިހަށް އަޅުގަނޑު ދިޔައިން. އެއީ މި ބަލީގައި އުޅެފައި ގެއިން އެގޮތަށް ނުކުމެވުނު ފުރަތަމަ ދުވަސް. އެ ބޭފުޅުންނަށް އެކަން ދިމާވީމަ ނުގޮސް ހުންނަން އުނދަގޫވީ އަޅުގަނޑަށް. އޭރު ތެދުވި ގޮތަށް ތެދުވެ ބޭރަށް ނުކުމެވުނީ އަޅުގަނޑަށް," އާތިފާ ވިދާޅުވި އެވެ.
އޭގެ ފަހުން އާތިފާ ގިނަ ވަގުތު ހޭދަކުރެއްވީ އެ އާއިލާ އާ އެކުގަ އެވެ. މައުމޫންގެ އިސްލާހީ މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގަތީ އެވެ. އެ ކެމްޕޭންގައި އަތޮޅުތަކަށް ވެސް ވަޑައިގަތެވެ.
އާތިފާ ވިދާޅުވީ މި ވެރިކަމާ ހަމައަށް އިސްލާހީ މަސައްކަތުގައި އުޅުއްވިޔަސް ވަޒީރުކަމަށް ވަޑައިގަތުމަކީ އުއްމީދު ކުރެއްވި ކަމެއް ނޫން ކަމަށެވެ. ކޯލިޝަން ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ނަން ހުށަހެޅުއްވުމަށް މައުމޫން ގުޅުއްވައި އެ ވާހަކަ ވިދާޅުވުމުން އާތިފާ ވިސްނަވަން ވަގުތުކޮޅެއް ނަންގަވައި ގާތް ބޭފުޅުންނާ މަޝްވަރާ ކުރެއްވި އެވެ.
އެ މަގާމާ ހަވާލުވެވަޑައިގަތް އިރު ހައުސިން މިނިސްޓްރީ އުފެއްދީ އަލަށެވެ. އެހެންކަމުން ޖެހިވަޑައިގަތީ ސްޓްރަކްޗާ ހަދައި މިނިސްޓްރީ ރުކުރުވާލަން ޖެހިފަ އެވެ. އަހަރެއްހާ ދުވަހު އެ މަސައްކަތުގައި ބުރަކޮށް އުޅުއްވީ ލިބުނު މަދު މުވައްޒަފުންނާ އެކުގަ އެވެ.
މަސައްކަތަށް ފަރުވާތެރި އެ މުވައްޒަފުންނާ އެކު އާތިފާ ކަންކަން ހަމައަކަށް އެޅުއްވީ އެއް މޭޒެއްގައި މުވައްޒަފުންނާ އެކު މަސައްކަތް ކުރައްވައިގެންނެވެ.
"މަދު މުވައްޒަފުންނާ އެކު ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހުނީ. ރަށްރަށުން ގެނެސްފައި ހުރި އެޕްލިކޭޝަން ފޯމު ވެސް ތަރުތީބުކޮށް ފޮނުވާލަން ޖެހުނު. ޕްރޮޖެކްޓްސް ސްޓާފުން ނެތި އަޅަން ފަށާފައި ހުރި ދޮޅުހާހެއްހާ ހައުސިން ޔުނިޓް،" އާތިފާ ވިދާޅުވި އެވެ.
އެކި މަރުހަލާތަކުގައި އެކި ގޮތްވެފައި ހުރި މި ސައިޓުތަކަށް އާތިފާ އަމިއްލަ އަށް ވަޑައިގަތެވެ. ސަރުކާރުން ބަޖެޓް ހޯއްދަވައި ބައެއް ޕްރޮޖެކްޓްސްތަކުގެ ބިއޯކިޔު އާއި ކުރެހުންތައް ވެސް އަމިއްލަ އަށް ހައްދަވައި މަސައްކަތް ކުރިއަށް ގެންދެވި އެވެ.
މިހާ ބުރަކޮށް އުޅުއްވަމުން ވެސް ތަފާތު އެކި މައްސަލަތަކުގައި މަޖިލީހަށް ހާޒިރުކުރެއްވުމުން ވެސް ޖަވާބުދާރީވެވަޑައިގަތުމުގައި ދެމިހުންނެވި އެވެ. އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ އިންޒާރުތަކާ އެކު އޭނާ މަގާމުން ދުރުކުރަން މަަސައްކަތް ކުރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އާތިފާ ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވުމަކީ އޭނާގެ މިޒާޖެވެ. ކެބިނެޓުގެ ވަޒީރަކާ މުހާތަބު ކުރަން ނުވާހާ ހުތުރު ބަހުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސިޓީތައް ލިބިވަޑައިގަތަސް ރައްދެއް ނުދެއްވަ އެވެ.
އަދާކުރެއްވި ޒިންމާތަކުން، ދިފާއުގައި އާތިފާ އަށް ދެއްކެވޭނެ ވާހަކަތައް ވެސް ހުއްޓެވެ.
"އަޅުގަނޑު 31 އަހަރު ސަރުކާރުގައި އުޅެފައި ނުކުތް އިރު ވެސް ނޯންނާނެ އެއްވެސް މީހެއްގެ ވާހަކަ ދައްކައިފައެއް. އެއީ ރަނގަޅު ގޮތެއް ނޫން," އާތިފާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެއްވެސް މަސައްކަތެއް ނުނިމިއެއް ނުހުންނާނެ. ދުވަހުން ދުވަހަށް ކުރަން ޖެހޭ ހުރިހާ ކަމެއް ތަރުތީބުކޮށް ކުރިން."
ހުވަފެނުން ވެސް ނުދެކޭ ހިތްދަތި ސޮފްހާ
ސަރުކާރުގެ 31 އަހަރުގެ ހިދުމަތް ދޫކޮށްލައްވައި ދެން ވިސްނުން ބެހެއްޓެވީ އަމާން, ހަމަހިމޭން އުފާވެރި ދިރިއުޅުއްވުމަކަށެވެ. އެކަމަކު އެ އުފާވެރިކަން އޭނާގެ ނަސީބުގައި އެ ވަގުތަށް ނެތީ އެވެ.
ވަޒީރު ކަމުން އިސްތިއުފާ ދެއްވިތާ ދޮޅު ހަފުތާ ނުވަނީސް ދެން ކުރިމަތިވެވަޑައިގަތީ ދުވަހަކު ވެސް ހިތަށް އެރުވި ކަމެއް ނޫނެވެ. ފިރިމީހާ އޭނާގެ އަތުން ދޫކޮށްލައި ދާން ބޭނުންވީ އެވެ. ފުރަތަމަ ކައިވެނީގައި ގާތްގަނޑަކަށް މުޅި އުމުރު ހޭދަވި ފަހުން ވަރިވުމަކީ ދުވަހަކު ވެސް އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ.
"ހުރިހާ ކަމެއް ދިމާވިއިރު ފިރިމީހާ ހުރި. އަޅުގަނޑުގެ ހަޔާތުގައި ދުވަހަކު ވެސް ހިތަކަށް ނާރާ ވަރިވެ އެހެން މީހަކާ އިންނަން ޖެހޭ ހާލަތެއް އަންނާނެއެކޭ," އާތިފާ ވިދާޅުވި އެވެ.
ދެމަފިރިން އެކީގައި ދިރިއުޅުން އާރާސްތުކުރީ އެފަދަ ވިސްނުމެއްގައެއް ނޫނެވެ. އެކަމަކު ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސް އަޅާލުން ބޭނުންވި ދުވަހު އާތިފާ އަށް ހިޔާވަހިކަމެއް ވެސް ނުލިބުނެވެ. ކޯޓަށް ގެންގޮސް އާތިފާ ވަރިކޮށްލުމަކީ ހަޔާތުގެ އެންމެ ހިތްދަތި ސޮފްހާ އެވެ.
އާތިފާ ދޫކޮށްލަން ފިރިމީހާ ދެއްކި އުޒުރު އަދިވެސް ގަބޫލެއް ނުކުރެއްވެ އެވެ. ކައިވެނިކޮށްގެން އެހާ ދުވަސްވި އިރު އާތިފާއާ އެކުގައި ވިޔަފާރިއެއް ނުފެށުމުން އެކަން ކުރާނެ ބައިވެރިއަކު ލިބުމުން ވަކިވާން ބޭނުންވީ ކަމަށް ފިރިމިހާ ބުނި ކަމަށް އާތިފާ ވިދާޅުވި އެވެ.
"އާތި މިހާރު ވަރަށް ބަލިވެއްޖެ ދޯއޭ ވެސް ބުނިން. ކާކުހޭ ހޮސްޕިޓަލަށް ދާނީ ވެސް އެހިން. ދޫކޮށްނުލައި އިތުރު މީހަކާ ކައިވެނި ކުރިއަސް މައްސަލައެއް ނެތޭ ވެސް ބުނިން. އެކަމަކު އިންނަން އުޅޭ މީހާ ގަބޫލުނުވީ ކަމަށް ބުނީ. ކޯޓަށް ގެންގޮސް އަހަރެންނާ ދޭތެރޭގައި އެގޮތަށް ކަންތައްކުރީ،" އާތިފާ ވިދާޅުވި އެވެ.
ކޮވިޑުގެ ހާލަތަށް ވުމާ އެކު ކޯޓުގައި ވަރީގެ މައްސަލަ ނިމެން އެހާ ދުވަސް ހިނގުން ވެސް ވީ އާތިފާއަށް އިތުރު ވޭނަކަށެވެ.
ދިރިއުޅުން ވަށައިލި ހިތްދަތިކަމުގެ ތެރެއިން ކެންސަރުން އޭނާ މުޅިން ރަނގަޅު ވެއްޖެ އެވެ. އެކަމަކު އެއާ އެކުވި އެހެންކަންކަމުން ލިބިވަޑައިގަތް ހިތްދަތިކަން އާތިފާ އަށް މާ ބޮޑުވީ އެވެ. އެކަމުން އަދިވެސް މުޅިން އަރައެއް ނުގަނެވެ އެވެ. ރޭޑިއޭޝަނުގެ އަސަރާއި ނަފްސާނީ ގޮތުން ދިމާވި ކަންކަމުން އޭނާގެ ބަލި ހައްތަހާ ބޮޑުވާ ދުވަސް ވެސް އާދެ އެވެ. ޑޮކްޓަރުންގެ ކަންބޮޑުުވުން މިކަމުގައި އެބައޮތެވެ. އޭނާއަށް އަބަދު މަޝްވަރާ ދެއްވަނީ އެ ކަންކަމުން އަރައިގަނެވޭނެ ކޮންމެސް މަސައްކަތެއް ވެސް ކުރެއްވުމަށެވެ.
މި ހުރިހާ ކަންކަމާ އެކު ވެސް އެހެން މީހުންނަށް ފެންނަނީ އޭނާގެ ހިމޭން ކަމާއި ދޭތެރެއަކުން ހިނިތުންވުމެވެ.
ވަރަށް ހިތްވަރު ކޮށްފައި މިހާރު އަނެއްކާވެސް މަސައްކަތެއް ފައްޓަވައިފި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ޕްރޮޖެކްޓެއްގައި އުޅުއްވަނީ ދިރިއުޅުން އެފުށްމިފުށަށް ޖެހި، ގޮތް ހުސްވުމުންނެވެ. އާމްދަނީއެއް ލިބޭނެ އިތުރު ގޮތެއް ވެސް ނެތުމުންނެވެ. އެކަމަކު ވެސް ކެތްތެރި އެވެ. އެ ހިތްވަރު ކޮންމެ ދުވަހު އޭނާ ނެރުއްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެންސަރާ އެކު ދެން އެ ދިމާވާ ނަފްސާނީ ކަންކަމުގައި ކޮންމެ މީހަކަށް ވެސް އާއިލާ އާއި ގާތް މީހުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވެ އެވެ. ކެންސަރުގެ ފަރުވާކޮށްގެން ރަނގަޅުވާން މަސައްކަތް ކުރާއިރު އެ މީހަކާ މެދު އަޅާލައި އޯގާތެރިވެވޭނެ އަދި ދިމާވާ އުނދަގޫތައް ދެނެގަތުމުގައި ގާތް މީހުންގެ ވިސްނުން ބަހައްޓަން ޖެހެ އެވެ. އެއީ ބަލި މީހާގެ ހިތްދަތިކަމަށް އެންމެ ލުޔެއް ލިބޭނީ އެކަންކަމުން ކަމަށް ވާތީ އެވެ.
އިންޓަވިއު ނިމެންދެން ވެސް ކަރުނަ ނުހިފެހެއްޓި, އުދާސްތައް ބަންޑުން ކުރައްވައި މި ވާހަކަ އާތިފާ ހިއްސާކުރެއްވީ ކެންސަރުގައި އެކަނިވެ ގޮތް ހުސްވެފައި ތިބި މީހުންނަށްޓަކަ އެވެ. އާތިފާގެ މިހާރުގެ އުފަލަކީ އޭނާ ތަހައްމަލްކުރި ކަންކަމުން އެހެން މީހުންނަށް ހިތްވަރު ދެއްވުމުގައި ދެމިހުންނެވުމެވެ.