ފްރެމެންޓަލް މީޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ އެމެރިކަން އައިޑޮލްގެ 15 ސީޒަން ވަރަށް ކާމިޔާބުކަމާ އެކު، ފޮކްސް އިން ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށް ފަހު، މި ޝޯ ބަދަލުތަކެއްގެ ތެރެއަށް ހިނގައްޖެ އެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކަން އައިޑޮލްގެ 16 އާއި 17 ވަނަ ސީޒަން ގެނެސް ދިނުމަށް، އޭބީސީ އާއި ފްރެމެންޓަލް މީޑިއާ އިން މިހާރު ވަނީ ކޮންޓްރެކް ވެސް ހަދައިފަ އެވެ. މި ޝޯ އަށް އެންބީސީން ވެސް ވާދަކުރި އެވެ.

ކުރިއަށް އޮތް ސީޒަން ފެށުމުގެ ތައްޔާރީތައްވަމުން އޭބީސީން މިހާރު ވަމުން އަންނަ އިރު، އަދި ޝޯ ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އޭބީސީން ވަރަށް ފުރިހަމަ އަށް އެމެރިކަން އައިޑޮލް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝޯ ދައްކާ ޗެނަލް ބަދަލުވިޔަސް، މީގެ މައި ހޯސްޓަށް ބަދަލު އައުމަކީ ނާދިރު ކަމެކެވެ.

އެހެންވެ އަޑުތައް ފެތުރިފައިވާ ގޮތުން އޭބީސީން ގެނެސްދޭ އެމެރިކަން އައިޑޮލްގެ ހޯސްޓަކީ ވެސް ރަޔަން ސީކްރެސްޓް އެވެ. މި ޝޯގެ 15 ސީޒަން ހުށަހަޅައި ދީގެން ޝޯގެ ރަހަ ހެޔޮވަރުކޮށް، ދިރުން ގެނެސް ދިން ރަޔަން އަށް ވަނީ އެމެރިކަން އައިޑޮލްގެ ސަބަބުން ވަރަށް ބޮޑު މަޝްހޫރު ކަމެއް ވެސް ލިބިފަ އެވެ.

އަނެއްކޮޅުން ރަޔަންއަކީ މިހާރު އޭބީސީން ގެނެސްދޭ އެންމެ ދުވަސްވީ އަދި އެންމެ މަގުބޫލު ޓޯކް ޝޯ ކަމަށްވާ "ލައިވް ވިތު ކެލީ އެންޑް ރަޔަން" ގެ އެއް ހޯސްޓެވެ.

އެމެރިކަން އައިޑޮލްގެ ހޯސްޓް ރަޔަން: އޭބީސީ ގެނެސްދޭ ޝޯގެ ހޯސްޓަކީ ވެސް އޭނާ ކަމަށްވޭ.
އެމެރިކަން އައިޑޮލްގެ ހޯސްޓް ރަޔަން: އޭބީސީ ގެނެސްދޭ ޝޯގެ ހޯސްޓަކީ ވެސް އޭނާ ކަމަށްވޭ.

ނަމަވެސް އެމެރިކަން އައިޑޮލްގެ 16 ވަނަ ސީޒަންގެ ހޯސްޓެއްގެ ގޮތުގައި އޭނާ ފެންނާނެ ކަމުގެ ޔަގީން ކަމެއް އަދި އޭބީސީއަކުން ނުދެ އެވެ. އެ މީހުން ވަނީ އެކަމާ ބެހޭ ގޮތުން އަދި ވާހަކަ ދައްކަން ބޭނުން ނޫން ކަމަށް ބުނެފަ އެވެ.

އެމެރިކަން އައިޑޮލްގެ މޭސްތިރިޔާ ސައިމަން ފްލާއާ ހަވާލާދީ، ވެރައިޓީން ބުނީ ޝޯގެ ހޯސްޓެއްގެ ގޮތުގައި ރަޔަން ފެނުން ވަރަށް ގާތެވެ.

"ރަޔަންއާ ނުލައި އެމެރިކަން އައިޑޮލްއެއް ވެސް ނޯންނާނެ،" އިތުރު ތަފުސީލަކަށް ދާން އިންކާރުކޮށް ސައިމަން ބުންޏެވެ.

އޭނާ އެ މޭރުމުން ވާހަކަ ދެއްކި ނަމަވެސް އޭބީސީން ގެނެސްދޭ ސީޒަންތަކުގައި ސައިމަންގެ ހިއްސާއެއް ނޯންނާނެ އެވެ.

ފްރެމެންޓަލް މީޑިއާ ނޯތު އެމެރިކާ އާއި ކޯ މީޑިއާ ގްރޫޕްސް 19 އެންޓަޓައިމަންޓް ގުޅިގެން ގެނެސްދޭ އެމެރިކަން އައިޑޮލް ސީޒަން 16 ގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންނަކީ ޓްރިޝް ކިނާނޭ އާއި ޖެނިފާ މުލިން އެވެ.

މިދިޔަ އަހަރު ގެނެސް ދިން އެމެރިކަން އައިޑޮލްގެ ސީޒަން 15 ކާމިޔާބުކޮށްފައި ވަނީ ޓްރެންޓް ހާމަން އެވެ.

އެމެރިކަން އައިޑޮލް ޖަޖްކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޖެނިފާ ލޮޕޭޒް، ކެއިތު އާބަން، މާރިއާ ކެރީ، ނިކީ މިނާޖް، ޕައުލާ އަބްދުލް އަދި އެލެން ޑެޖެނެރެސް ހިމެނެ އެވެ.

އައިޑޮލް ފްރެންޗައިޒް މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބާއްވަ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.