އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ. މި ދަތުރުގައި، އެމެރިކާ އިން ރާއްޖެ އަށް އަސްކަރީ އަދި މާލީ އެހީތެރިކަމުގެ ޔަގީންކަން ދިނުމާ އެކު ގުޅުން ބަދަހިކުރުމުގެ ރަސްމީ މަޝްވަރާތައް އޮންނާނެ އެވެ.
މިއީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާ އެކު އުފައްދާފައިވާ "އިންޑޯ-ފެސިފިކް އެލަޔަންސް"ގެ ބައްދަލުވުމަކަށް އިންޑިއާއަށް ވަޑައިގަތް އިރު މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކަށް ވެސް ޕޮމްޕެއޯ ކުރައްވާ ދަތުރެކެވެ. ރާއްޖެ އަކީ އޭނާގެ މި ދަތުރުގެ ތިން ވަނަ މަންޒިލެވެ. އޭނާ ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ. ޝެޑިއުލްގައި ދެން އޮތީ އިންޑޮނީޝިއާ އެވެ.
އެމެރިކާގެ ރައީސަށް ޚާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް އަދި ސީއައިއޭގެ ކުރީގެ ވެރިޔާ ޕޮމްޕެއޯގެ ރާއްޖެ މި ވަޑައިގަތީ އެމެރިކާގެ ޚާރިޖީ ވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ދަތުރެއް ކުރެއްވިތާ 16 އަހަރު ފަހުންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް އެންމެ ފަހުން ދަތުރެއް ކުރެއްވީ ޖުލައި 2004 ގަ އެވެ. އޭރުގެ އެމެރިކާގެ ޚާރިޖީ ވަޒީރަކީ ކޮލިން ޕަވަލް އެވެ.
ޕޮމްޕެއޯގެ މި ދަތުރުގައި ފުރަތަމަ ބައްދަލުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެވެ. އޭގެ ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ވާހަކަތަކުގައި، ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމާއި ކުރިމަގުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މީގެ އިތުރުން މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުން ފަދަ ކަންކަމާ ބެހޭ ގޮތުން ވެސް ޕޮމްޕިއޯ އާއި ޝާހިދު މަޝްވަރާކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ރާއްޖެ އާއި އެމެރިކާ އިން މިހާރު ވެސް ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމާއި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުން ޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެ އެވެ.
މި ދަތުރުގައި މިފަދަ ހުރިހާ ދާއިރާތަކަށް އަލިއަޅުވާލައި، ރާއްޖެ އަށް ފުރުސަތުތައް އިތުރުކޮށް ގުޅުން ހަރުދަނާކުރުމުގެ މައްޗަށް ޕޮމްޕެއޯ ވާހަކަދައްކަވާނެ އެވެ.
މި ދަތުރުގައި މަޝްވަރާކުރައްވާނެ މުހިއްމު އެއް ކަމަކީ، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުވެ. މީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެމެރިކާއިން ތައުލީމީ ފަހި ފުރުސަތުތަކަކަށް މަގުފަހިވާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ކޮވިޑް-19އާ ގުޅިގެން ވެސް އެމެރިކާ އިން ވަނީ ރާއްޖެ އަށް މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ގިނަ އެހީތަކެއް ވެދީފަ އެވެ. އެގޮތުން، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއޭއައިޑީ) މެދުވެރިކޮށް، އެމެރިކާ އިން ވަނީ ރާއްޖެ އަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފަ އެވެ. މީގެއިތުރުން، ރާއްޖެ އަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.
"އިންޑޯ-ފެސިފިކް އެލަޔަންސް"ގެ ބައްދަލުވުމަކަށް ފަހު ޕޮމްޕެއޯ ރާއްޖެ ވަޑައިގަތްއިރު، ރާއްޖެ އާއި އެމެރިކާ އިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމަކީ އިންޑިއާ ކަނޑުގައި ރާއްޖޭގެ ސިޔާސަތު ސާފުކޮށް ދައްކައިދޭ ނިންމުމެއް ކަމަށް ސިފަކޮށް އިންޑިއާ އިން އެ އެއްބަސްވުމަށް ތާއީދުކުރާ ކަން އޮތީ ހާމަކޮށްފަ އެވެ.
މި ވެރިކަމުގައި، ޝާހިދު ވަނީ ޕޮމްޕެއޯގެ ދައުވަތަކަށް ފެބުއަރީ 19 ގައި ވޮޝިންޓަނަށް ވަޑައިގެން، ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ވެސް އެކި ދާއިރާތަކުން އެހީތެރިވުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.