ސެޕްޓެމްބަރުގައި އޮންނަ ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން މިއަދު މަޝްވަރާތައް ފަށައިފި އެވެ.
ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާނެ ކަން އިއުލާނުކޮށްފަ އެވެ. އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ގެންދަވަނީ ކުށުގެ ރެކޯޑު ސާފުކުރައްވަމުންނެވެ.
ޖޭޕީގެ ޓީމުތައް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔައަސް ރަސްމީ ކެމްޕޭނެއް އަދި ނުފަށަ އެވެ. އެކަމަކު އޭގެ ކުރިން އެއް ކެންޑިޑޭޓަކު ނެރެގެން އިންތިހާބު ކާމިޔާބުކުރަން އަންނަނީ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ.
ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯދަން މި ދެ ޕާޓީން މަޝްވަރާ ފެށިއިރު، މި ސަރުކާރުގެ ކޯލިޝަނުން ރަސްމީކޮށް ދެ ޕާޓީ ވަތްކެއް ނުވެ އެވެ. އެކަމަކު ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދިން ދައުވަތު ޖޭޕީ އާއި އެމްއާރުއެމް އިން ވެސް ގަބޫލެއް ނުކުރި އެވެ.
ޖޭޕީގެ މައި ޖަގަހަ، ކުނޫޒްގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. އެމްއާރްއެމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފާރިސް އެވެ.
މި ބައްދަލުވުމަށް ފަހު ފާރިސް ވިދާޅުވީ ގައުމު އެދޭ އިސްލާހީ ބަދަލު ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އާ ވެއްޖެ ކަމަށެވެ.
ހިޔާލުތަފާތުވާ ކަންތައްތަކެއް ހުރިނަމަ އެ ކަންކަމާމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެބައޮތް، -- ފާރިސް
"އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެވޭނެ ހާލަތަކަށް، ބައެއް ކަންތައްތައް ދެ ފަރާތުން އެއްބަސްވުން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ނިންމުނީ ކޯލިޝަންގެ ބައްދަލުވުންތައް ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަކަށް ގޮތެއް ނިންމުމެވެ.
"ހިޔާލުތަފާތުވާ ކަންތައްތަކެއް ހުރިނަމަ އެ ކަންކަމާމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އެބައޮތް،" ފާރިސް ވިދާޅުވި އެވެ.
ޖޭޕީން ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރަން ނިންމާފައިވީ ނަމަވެސް ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށްވާ ނަމަ އެކަމާމެދު މަޝްވަރާ ނުކުރަންވީ ސަބަބެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ މި ބޭނުންވާ ނަތީޖާ ނުނިކުންނާނެ. އަޅުގަނޑުމެން އެ ދިމާއަށް މަސައްކަތް ކުރާނަން އަދިވެސް،" އަމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް އެމްއާރްއެމްއިން ފާރިސް ނެރެން މަސައްކަތް ކުރި ނަމަވެސް އެކަމުގައި ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ.
ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އެމްއާރުއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން އޮތީ އީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެ ނިންމުން މުރާޖައާ ކުރަން އީސީން ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެމްއާރުއެމް ބައިވެރިއެއް ނުކުރެ އެވެ.