އެމްޑީޕީ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގައި ރައީސް ޔާމީން ހައްޔަރުކޮށް، ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި ބެހެއްޓިއިރު އަމީނަކީ އޭރުގެ ޑިފެންސް މިނިސްޓަރެވެ. އޭގެ ފަހުން ނަޝީދުގެ ވެރިކަން ނިމުމާ ހަމައަށް އޭނާ ހުންނެވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުގަ އެވެ.
އެ މައްސަލާގައި އަމީނަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރު ބާއްވަން ހަމަޖައްސާފައިވާއިރު ކޯޓުން ބުނީ އެ ޝަރީއަތް ސިއްރުކޮށްފައިވާ ކަމަށެވެ. އެކަމަކު ސިއްރުކުރި ސަބަބާ ބެހޭ ގޮތުން ކޯޓުގެ ބަހެއް ނުލިބެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ކުރީގެ ގާނޫނުގެެ ދަށުން އަމީނަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.
އެ މައްސަލާގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލާ ފުލުހުން ސުވާލު ކުރިޔަސް އޭނާގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ.
އޭރު ރައީސް ޔާމީން ފުރަތަމަ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން ރޭވިކަމަށް ތުހުމަތުކޮށް ފުލުހުންނެވެ. އެކަމަކު އެމަނިކުފާނު ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ނެރުމުން އެމަނިކުފާނަށް ހިމާޔަތް ދޭން ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުން އެމަނިކުފާނު އާރަށުގައި ދުވަސްތަކެއް ވަންދެން ބެހެއްޓި އެވެ.
އެ މައްސަލާގައި ރައީސް ޔާމީނަށް ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައި ވަނިކޮށް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، އެ ފައިސާ ބޭނުންފުޅުނުވާ ކަމަށް އެންގެވުމުން ދައުލަތުން ވަނީ އިސްތިއުނާފް މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.