ރާއްޖޭގެ ޖަލުގައި ތިބެންޖެހޭ މީހުންގެ އަދަދު އެއީ އެހެން ގައުމުތަކުގެ ސަފީރުންނަށް އެނގެން ޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، އެމެރިކާ ސަފީރަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ރައްދު ދެއްވައިފަ އެވެ.
ނިހާން އެ ގޮތަށް ވިދާޅުވީ ރާއްޖޭގައި ހައްޔަރުކުރާ މީހުންގެ އިތުރުވެ ގުނައި އަދަދު ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަތޫލް ކެޝަޕް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށްވެރިވާ މީހުން ހައްޔަރުކޮށް، އެ މީހުން ބައިތިއްބަންޖެހޭ ތަނެއްގައި ބޭތިއްބުމަކީ ރާއްޖޭގެ މުއައްސަސާތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެއީ އެހެން ގައުމުތަކުގެ ސަފީރުންނާ ބެހޭ ކަމެއް ނޫން ކަމަށެވެ.
ޖަލުގައި ތބި އިދިކޮޅު ފަރާތްތަކަކީ އެކި ކުށްކުށުގެ ތުހުމަތުގައި ނުވަތަ އެކި ކުށްތައް ސާބިތުވެގެން ތިބި ފަރާތްތައް ކަން ވަކިވަކިން ފާހަގަ ކުރައްވައި، ނިހާން ވިދާޅުވީ އެ ފަރާތްތައް ނޫނަސް އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިބި ކަމަށެވެ. އެހެންވީ އިރު، އެ އެންމެން ދޫކޮށްލަން ގޮވައި ނުލަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުމެންނަށް ސާފުކޮށް އެބަ އިނގޭ ކޮން ކަމަކާ ގުޅިގެން، ކޮން ކުށެއްގައި ކަން ޖަލުގައި ބަންދު ކުރެވިފައި ވަނީ. ބޭރުގެ ފަރާތްތައް ނޭނގޭނެ. އެހެން ދޫކޮށްލަން އަންގަންޏާ އަޅުގަނޑުމެންގެ އަބްދުއްރަހީމް ވިދާޅުވިހެން، ޖަލުގައި ތިބި ހުރިހާ އެންމެން، ބައްތި ދިއްލުން މަނާވެގެން ބަންދުކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ތިބި ކުށްވެރިން ދޫކޮށްލައިގެން މި މީހުންގެ ވާހަކަ ދެއްކޭނީ،" ޖަލުގައި ތިބި އިދިކޮޅު މީހުންނަށް ނިސްބަތް ކުރައްވާ ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖެ އަށް އެކި ފިއްތުންތައް ކުރިމަތިކުރަނީ ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމާއި އެއް ޖިންސުން ކައިވެނި ކުރުމުގެ މިނިވަންކަން ރާއްޖޭގައި ނުދޭތީ ކަމަށެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި އެކި ފިއްތުންތައް ކުރިމަތި ކުރަނީ އެ ސަބަބާ ހެދި ކަމަށް ވިޔަސް، އެފަދަ މިނިވަންކަމެއް ރާއްޖޭގައި ދޭން ފުރުސަތު ނުދޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"އިސްލާމް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން. ދެ ދުނިޔޭގެ ބާއްޖަވެރިކަމުން އަޅުގަނޑުމެން ބޭރު ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ބާރަކަށް، ހުޅަނގެއް ކީއްކުރަން، އިރުމައްޗެއް ކީއްކުރަން. އެހެން ދިމާލެއް ނޯންނާނެ. އަޅުގަނޑުމެން އެގޮތަށް ބޮލެއް ނުލަނބާނަން،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް އިރު މިހާރު ވެސް ރާއްޖޭގެ ފުލުހުން އަމަލު ކުރަމުންދާ ގޮތަކީ އެހެން ގައުމުތަކުގެ ފުލުހުން އެކަމުން މިސާލު ލިބިގަންނަންޖެހޭ ކަމެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާގައި ދިވެހި ފުލުހުން ދެއްކީ އޭގެ މިސާލެއް ކަމަށް ވިދާޅުވެ، ނިހާން ވިދާޅުވީ ފުލުހުން އިއްޔެ ދެއްކީ އޯގާތެެރިކަން ކަމަށެވެ.