އަމާނާ ތަކާފުލް އިން ތާޑް ޕާޓީ އިންޝުއާ ކުރާ ފަރާތްތަކަށް "100ކޭ ޝީލްޑް"ގެ ނަމުގައި ހާއްސަ ރައްކާތެރިކަމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދު އަމާނާ ތަކާފުލްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "100ކޭ ޝީލްޑް" ތައާރަފް ކޮށްދިނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒް އެވެ.

ރިޔާޒް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެ ކުންފުނިން ތާޑް ޕާޓީ އިންޝުއަރެންސްކުރާ ފަރާތަތަކަށް ހިލޭ ލިބޭ އިންޝުއަރެންސް ކަވަރެއް ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން އިންޝުއާކުރާ ފަރާތްތަކަށް 100،000ރ. ހަމަޔަށް ބަދަލު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"100ކޭ ޝީލްޑްގެ ދަށުން، އެކްސިޑެންޓެއްގައި ލިބޭ ގެއްލުންތައް އަޅުގަނޑުމެން މި ކަވާ [ބަދަލު ދެނީ] ކޮށްދެނީ 100،000ރ. އާއި ހަމަ އަށް. މިސާލަކަށް މަރުވުން ނުވަތަ ފުރާނަ އަށް ނުރައްކާވުން އަދި ނުކުޅެދުންތެރިކަމަކާ ދިމާވިޔަސް މީގެ ދަށުން ބަދަލު ދެވޭނެ. ދުއްވާ މީހާގެ އިތުރުން ފަހަތުގަ އިންނަ މީހާ ވެސް މީގެން ކަވާ ކުރާނެ،" ރިޔާޒް ވިދާޅުވި އެވެ.

އަމާނާ ތަކާފުލްގެ ޖީއެމް ރިޔާޒް އަދި ސީނިއާ އެގްޒެކްޓިވް ޝަމޫލް.-- ފޮޓޯ: މިހާރު
އަމާނާ ތަކާފުލްގެ ޖީއެމް ރިޔާޒް އަދި ސީނިއާ އެގްޒެކްޓިވް ޝަމޫލް.-- ފޮޓޯ: މިހާރު

މި ޕެކޭޖު ލިބޭނީ އޭޕްރީލް މަސް ނިމުމުގެ ކުރިން އަމާނާ ތަކާފުލް އިން ނުވަތަ އެ ކުންފުނީގެ އެޖެންޓެއް މެދުވެރިކޮށް ތާޑް ޕާޓީ އިންޝުއަރެންސް ހެއްދުމުން ނެވެ. އަދި އެ ކުންފުނީގެ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ތާޑް ޕާޓީ އިންޝުއަރެންސްގެ ހިދުމަތް ހޯދުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެ ކުންފުނީގެ އެޖެންޓުންނަށް ހަދާނީ ފިލާ ވެސް ހަދިޔާ ކޮށްފަ އެވެ. އަމާނާ ތަކާފުލްގެ އެޖެންޓުންގެ ގޮތުގައި މިހާރު 12 ފަރާތެއް ހަރަކާތްތެރިވަމުންދެ އެވެ. އަދި އެޖެންޓުންގެ ހިދުުމަތްތަކާ އެކު ކުންފުނީގެ ވިޔަފާރި މިދިޔަ އަހަރު 132 ޕަސެންޓް ކުރި އަރާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.