ހއ. ދިއްދޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ، "އަމާން ވެށިން" މިހާތަނަށް ކޮވިޑްގެ ޕޮޒިޓިވް 22 ކޭސް ފެނިއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން މި މަހު ހައެއްގައި ހުޅުވި އަމާންވެށިން ޕޮޒިޓިވްވީ އެތަނަށް ގެންދިޔަ 12 ކުއްޖަކާއި އެތަނުގެ 10 މުވައްޒަފެކެވެ. އިތުރު ދެ ކުއްޖެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ދިއްދޫގެ އަމާން ވެށީގައި ކޮވިޑް ފެތުރުނީ އެތަނަށް މާލެ އިން ގެންގޮސް ކަަރަންޓީނުގައި ތިބި ކުދިންގެ ފަރާތުންނެވެ.

ދިއްދޫ ކައުންސިލުން ބުނީ ބައްޔަށް ޕޮޒިޓިވް ވި ކުދިންނާއި ބޮޑެތި މީހުން ވެސް އަމާން ވެށީގައި ކަރަންޓީންވެފައި ތިބުމުން ރަށުތެރެއަށް ބަލި ފެތުރުމުގެ ބިރެއް މި ވަގުތު ނެތް ކަމަށެވެ.

އެކަމަކު ބަލި ޖެހުނު މުވައްޒަފުންގެ ތެރޭގައި ހައި ރިސްކު ދެ މީހަކު ހިމެނޭތީ އެ މީހުން މިހާރު ވަނީ ށ. ފޮނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށް ކައުންސިލުން ބުންޏެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ދިއްދޫ އަމާން ވެއްޓަށް، ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ގެންދިޔަ ކުދިން ފުރުމުގެ ކުރިން އެތަނުގެ މުވައްޒަފަކު ވަނީ އެ ކުދިންގެ ގައިގައި ބައްދައިފަ އެވެ. ވަދާއީ ސަލާންކުރުމުގެ ގޮތުން އޭނާ އެގޮތަށް އެކުދިންނާ ގައިގޯޅިވި އިރު އޭނާ ހުރީ ރޯގާ ވެސް ޖެހިފައި ކަމަށްވެ އެވެ. ފަހުން ކޮވިޑަށް އޭނާ ޕޮޒިޓިވްވި ކަމަށް މައުލޫމާތު ހުރި މީހަކު ބުންޏެވެ.

އަމާން ވެއްޓަކީ ކުޑަކުދިންގެ ހިޔާގައި ގެންގުޅޭ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް އެއަށް ވުރެ ހުޅުވާލެވިފައިވާ މާހައުލެއް ހޯދައިދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ހިންގާާ ތަނެކެވެ. އެ ތަންތަނުގައި ތިބޭ ކުދިންނަށް ބޭރަށް ނުކުމެވި، ރަށުގެ އާންމުންނާ އެކު ވެސް ކޮންމެވެސް ވަރަކަށް އުޅުމުގެ ފުރުސަތު އޮވެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮވިޑް-19 ވަރަށް މިހާރު ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. އެގޮތުން ކ. ހުރައިން 52 މީހަކު ދިއްފުށިން 21 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އަދި މިފްކޯގެ މަސް ފެކްޓަރީ ހުންނަ ފެލިވަރުން 70 އެއްހާ މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ.