ރާއްޖޭގެ ސިޔާސީ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ޓީމުން، ފަށަން ނިންމާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރާ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ މިއަދު ބައްދަލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަށް މިނިސްޓަރާ އެކު މަޝްވަރާކޮށް، ސިޔާސީ ހާލަތު އޮޅުން ފިލުއްވަން ވަޑައިގަތީ، އދ.ގެ ޓީމުގެ ދެ ބޭފުޅުންނާއި ރާއްޖޭގައި ހުންނަވާ އދ. ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޮޑާ އެވެ.

އދ.ގެ ޓީމުން ވަނީ އިދިކޮޅު ޕާޓީތަކާއި ޖަލު ބަންދުގައި ތިބި ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލުންނާ ވެސް ބައްދަލުކޮށްފަ އެވެ. އިދިކޮޅު ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގަތް މަންދޫބުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅަށް ކުރިމަތި ކޮށްފައިވާ "ހާލަތު" ކިޔައިދީފަ އެވެ.

އިދިކޮޅު ޕާޓީތަކުގެ އިތުރުން މި ޓީމުން ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ބައްދަލުކޮށްފަ އެވެ.

އދ. އިން ބާރުއަޅަނީ، ސަރުކާރާއި އިދިކޮޅުން ވާހަކަ ދައްކައިގެން މައްސަލަތަކަށް ހައްލު ހޯދުމެވެ. އެކަމުގައި އދ. އަށް ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ. މަޝްވަރާތައް ފަށަން އދ. އިން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް ސަރުކާރާއި އިދިކޮޅުގެ ޝަރުތުތަކާ ހެދި އެކަން ފެށޭ ގޮތެއް ނުވި އެވެ. ސަރުކާރުން ބުނެފައި ވަނީ މަޝްވަރާ އަށް ދާން އެއްވެސް ޝަރުތެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ. އެކަމަކު އިދިކޮޅުން ބުނަނީ، ސިޔާސީ ހުރިހާ ލީޑަރުން ނުހައްގުން ބަންދުކޮށްފައި ބައިތިއްބައިގެން ސަރުކާރާ އެކު ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އދ.ގެ ޓީމަކުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނައިރު، އެކި ތުހުމަތުތަކުގައި އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކެއް ޖަލަށް ލާފައިވާތީ، ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.