ދިވެހި ފުލުހުންނާ ކޮރަޕްޝަނާ ގުޅުވައިގެން ދައްކާ ވާހަކަތައް އަލެއް ނޫނެވެ. އެކަމަކު ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ފަޅާއަރުވާލަން އަލް ޖަޒީރާ އިން ތައްޔާރުކުރި ރިޕޯޓުގައި މިވަނީ ފުލުހުންގެ މައްޗަށް ސީރިއަސް އެހެން ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ. ޖެނަރަލްގެ އޮފީސް ރޯކޮށްލައި ޓެރަރިޒަމްގެ އަމަލެއް ހިންގަން ދެ ފުލުހަކު ތައްޔާރަށް ހުރި ކަމުގެ ތުހުމަތެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ އެންގެވުމަށް އެކަން ކުރަން ދެ ފުލުހަކު އެއްބަސްވާ ކަމަށް ބުނާ މެސެޖްތަކެއް އާއްމުވުމުން ގިނަ ބައަކަށް ލިބުނީ ހައިރާން ކަމެވެ. ރައްޔިތުންގެ ދިފާއުގައި ތިބޭ ފުލުހުން އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަށް ގަބޫލުކުރަން ބައެއް މީހުން އުނދަގުލެވެ.
"ސްޓީލިން ޕެރަޑައިސް" ތަހުގީގީ ރިޕޯޓުގައި، ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ތައްޔާރުކުރެއްވި އޮޑިޓް ރިޕޯޓްގެ މައްސަލާގައި އަދީބާއި އެސްއޯ ފުލުހަކާ ދެމެދު ކޮށްފައިވާ މެސެޖްތަކެއްގެ ޓެކްސްޓް ދައްކަ އެވެ.
"ކަލޭމެން އޮޑިޓަ ޖެނެރަލަށް ފޯކަސް ކުރަން ޖެހޭ،" ފުރަތަމަ މެސެޖްގައި އަދީބު ވިދާޅުވެފައިވެ އެވެ.
އޭގެ ޖަވާބުގައި ފުލުސް މީހާ، "ކަންބޮޑުވާނެ ކަމެއް ނެތް" ކަމަށް ބުނެ އެވެ. ނިޔާޒްގެ ސަބަބުން އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އޮޑިޓް އޮފީހުގައި ރޯކޮށްލަން ޖެހޭ ކަމަށް އަދީބު އަންގަވަ އެވެ. އޭގެ ފަހުން ހަމަ އެސްއޯގެ އެހެން ފުލުހަކު މެސެޖް ފޮނުވަނީ އޮޑިޓް އޮފީސް ޗެކްކޮށްފި ކަމަށާއި އެތާނގައި ވަރަށް ގިނަ އަދަދަކަށް ކެމެރާ ހުރި ކަމަށް ބުނެ އެވެ.
އަދީބާއި ދެ ފުލުހަކާ ދެމެދު ދެކެވުނު ކަމަށް ބުނާ މި ވާހަކަތަކުން ޖިނާއީ ބޮޑު ޖަރީމާއެއް ހިންގަން ފުލުހުންގެ ބަޔަކު އުޅުނު ކަމުގެ ތުހުމަތު އޮތީ ކުރެވިފަ އެވެ.
އެކަމަކު "ސްޓީލިން ޕެރެޑައިސް"ގައި ދެއްކި ތުހުމަތާ ބެހޭ ގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ. ފުލުސް އޮފީސް އޮތީ ހިމޭންވެފަ އެވެ.
އަލް ޖަޒީރާގެ ޑޮކިއުމެންޓަރީގައި ބޭނުންކޮށްފައި ވަނީ އަދީބުގެ ބައެއް ފޯނުތަކުގައި ހުރި މެސެޖްތައް ކަމަށް ބުނެފައިވެ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އަދީބާއި ދެ ފުލުހަކު ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. ސީރިއަސް ތުހުމަތެއް ކޮށްފައިވާއިރު އެ މައްސަލަ ބެލިތޯ ވެސް ހާމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖިނާއީ ބޮޑު ޖަރީމާއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ކޮށްފައި އެ ވަނީ. ވަރަށް ސީރިއަސްކަމާ އެކު ބަލަން ޖެހޭ މައްސަލައެއް، އަދި އެކަމުގައި ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުންގެ އިތުރުން ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނުން ވެސް އެ ތުހުމަތު ބަލަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަޅާނުލައި ދޫކޮށްލާ ވަރަށް ވުރެ މިފަދަ ތުހުމަތުތަކުގެ ސީރިއަސްކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންނަށް ކުރާ ތުހުމަތުތަކުގެ އިތުރުން ކޮރަޕްޝަނާއި މަނީލޯންޑެރިންގެ ތުހުމަތު ވެސް ތަހުގީގުކޮށް ބަލަން ޖެހޭ ކަމަށެވެ.
އެކަމަކު ފުލުހުންނަށް ކުރާ ތުހުމަތާއި އެހެން ތުހުމަތުތައް ވެސް، ރާއްޖޭގެ މިހާރު ހާލަތު އޮތް ގޮތުން ނުފޫޒެއް ނެތި ބެލިދާނެ ކަމަކަށް ރިޔާޒް ގަބޫލެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެއްވެސް ނުފޫޒެއްގެ ދަށުނުވެ ކުރުމުގެ އިހްތިޔާރު ފުލުހުންނަށް ގާނޫނުން އޮތީ ދީފަ އެވެ. އެކަމަކު ގާނޫނުގައި ބުނާ ގޮތަށް ނުފޫޒަށް ތަބާނުވެ ކަންކަން ގެންދިއުމުގެ ހިތްވަރެއް ފުލުހުންގެ މުއައްސަސާގެ އިސް ވެރިންގެ ކިބާގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މުޅި ފުލުހުންގެ މުއައްސަސާ ގޯސް ކަމަކަށް. އެ މުއައްސަސާގައި ތިބި ނުފޫޒު ގަދަ މަދު ބަޔަކު އެކި ގޮތްގޮތުން ބޭނުންކޮށްގެން ކަންކަން ކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.