އަލް ޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން އާންމުކުރި ތަހުގީގީ ރިޕޯޓް "ސްޓީލިން ޕެރެޑައިސް" ގައި، މަރުކަޒީ ބޭންކް އެމްއެމްއޭ އިން 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ އަމަލެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރިޔަސް، އެފަދަ އެއްވެސް މުއާމަލާތެއް ހިނގާފައި ނެތް ކަމަށާއި އެފަދަ ފައިސާއެއް ވަދެފައި ނުވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަލްޖަޒީރާގެ ރިޕޯޓުގައި އެމްއެމްއޭއާ ގުޅޭގޮތުން ކުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. މަނީލޯންޑެރިންގެ އަމަލެއް ހިންގަން އުޅުނު ކަމަށް އަލްޖަޒީރާއިން ބުނެފައި ވިޔަސް އެކަން ހިނގި ކަމަކަށް ބުނެފައެއް ނުވެ އެވެ. އެ ޗެނަލުން އާންމުކޮށްފައި ވަނީ އެފަދަ މުއާމަލާތެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ޑޮކިއުމަންޓެވެ.

އަލްޖަޒީރާއިން ރިޕޯޓު އާންމުކުރީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމުގެ ބަހެއް ހޯދުމެއް ނެތި ކަމަށާއި އެކަމާ ނުހަނު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. ރިޕޯޓަށް އަޒީމާގެ ބަހެއް ހޯދަން މަސައްކަތް ކުރި ކަމަށް އަލްޖަޒީރާއިން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މަރުކަޒީ ބޭންކުން ބުނީ ދައުލަތުގެ ހަޒާނާއަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާ އުސޫލަކުން ހިނގާ ކަމެއް ކަމަށާއި އެއްވެސް ފައިސާއެއް ވެއްދުމާއި ނެރުމުގެ ކަންކަން ކުރެވޭނީ ދައުލަތުގެ ހަތަރު އިދާރާއެއްގެ އިސްވެރިން ތިބެގެން ކަމަށެވެ.

އެމްއެމްއޭ އިން ގަބޫލުކުރާ ގޮތުގައި މި އުސޫލު މިހެން އޮތުމުން، ޑޮކިއުމަންޓްރީގައި ބުނާހާ ގިނަ އަދަދެއްގެ ފައިސާ ހަޒާނާއަށް ވައްދައި ނެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ މެދުގައި އޮންނަން ޖެހޭ އިތުބާރު ދެމެހެއްޓުމަށް ބުރޫއަރާނެތީ އެފަދަ ދޮގުވާހަކަތައް މީޑިއާތަކުން ނުފެތުރުމަށް އެމްއެމްއޭއިން ވަނީ ގޮވާލައިފަ އެވެ.

އިންވެސްޓް ކުރުމުގެ ނަމުގައި ރާއްޖެއިން ބޭރުން 1.5 ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ ގެނެސް އެމްއެމްއޭ އަށް ވެއްދުމަށް ފަހު އެ ފައިސާ އެކި ދިމަދިމާލަށް ގެންދިއުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ބޭރުގެ ބަޔަކާ އެކު މުއާމަލާތުކޮށްފައިވާ ކަމަށް ބުނާ ލިޔުންތަކެއް އަލްޖަޒީރާ އިން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ގަވަރުނަރު އަޒީމާ އަށް ކޮށްފައިވާ ޓެކްސްޓް މެސެޖުތަކެއް ވެސް ހާމަކޮށްފައިވެ އެވެ. އެ މެސެޖުތަކުން އެނގޭ ގޮތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެނައުމާ ދެކޮޅަށް އަޒީމާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.