އަލިރަސްގެފާނު ޒިޔާރަތް ބަންދުކޮށްގެން، އެތަން ކޮންނަން ފަށައިފި އެވެ.

ޝަހީދުއަލީ ހިނގުމުގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތް ކުރިމަތި މިހުރީ ފިލާ ޖަހައި ބަންދުކޮށްފަ އެވެ.

އެތަނުގައި ކޮންނަމުން ދަނީ ޒިޔާރަތަށް ވަންނަ ދޮރު ކައިރި އެވެ. އަލިރަސްގެފާނުގެ މަހާނަ އާއި އެމަނިކުފާނާ އެކު ޝަހީދުވި ވިލިނގިލީ ރާވެރިބޭގެ މަހާނަ އޮންނަނީ، ޒިޔާރަތުގެ އިރުމަތީ ކޮޅުގަ އެވެ. އެ ދެ މަހާނައިިގެ ހުޅަނގުން ޓިނުން ބިތްގަނޑެއް ޖަހާފައިވެ އެވެ. އެ ބިން ގަނޑު ޖެހީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.

ރާއްޖޭގެ ތާރީޚީ ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ ޒިޔާރަތް ބަލަހައްޓަނީ ހެރިޓޭޖް ޑިޕާޓްމެންޓުންނެވެ. އެކަމަކު ޒިޔާރަތް ކޮންނަ ސަބަބެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ސާފުުވާ ގޮތެއް އަދި ނުވެ އެވެ.

އަލިރަސްގެފާނާއި ރާވެރިބޭގެ މަހާނަ އޮތް ސަރަހައްދު ޓިނު ޖަހައި ބަންދުކޮށްފައި އަދި އޭގެ ފަހަތުން ވަޅުތައް ކޮންނަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަލިރަސްގެފާނާއި ރާވެރިބޭގެ މަހާނަ އޮތް ސަރަހައްދު ޓިނު ޖަހައި ބަންދުކޮށްފައި އަދި އޭގެ ފަހަތުން ވަޅުތައް ކޮންނަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަލިރަސްގެފާނު ފަސްދާނުލާފައި ވަނީ، ތާރީޚު ބުނާ ގޮތުގައި، ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި 1558 ގައި ޝަހީދުވެވަޑައިގެންނެވި ތަނުގަ އެވެ. އޭރު އެރީ މާލޭގެ ހުޅަނގު ފަރާތު ތިލަ މޫދެވެ. މާފަންނު ހުޅަނގު ފަރާތް ހިއްކައިގެން މީހުން ގެދޮރު އިމާރާތްކުރަން ފެށި އިރު އެ ޒިޔާރަތް އޮންނަނީ މޫދުގައި ވަކިން ހިއްކާފައި އޮތް ތަނެއްގަ އެވެ. މާލެ އިން އެ ތަނަށް ދާން ކުޑަ މަގެއް ހިއްކާ، ގުޅާލާފައި އޮވެ އެވެ.

އަލިރަސްގެފާނު ޒިޔާރަތް ފިލާ ޖަހައި ބަންދުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަލިރަސްގެފާނު ޒިޔާރަތް ފިލާ ޖަހައި ބަންދުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ޒިޔާރަތް ޒަމާނީ ފެންވަރަށް ރީތިކޮށް، ހަދާފައި ވަނީ ދެ ހާހުގެ ކުރީކޮޅުގަ އެވެ.

އެތަން ކޮންނަމުންދާ މައްސަލާގައި ސޯޝަލް މީޑިއާގައި ސަރުކާރަށް ވަނީ ފާޑިކިއުންތައް އަމާޒުކޮށްފަ އެވެ. ތާރީހީ ތަންތަނަށް ބަދަލު ގެންނަނީ ކީއްވެގެންތޯ ސާފުކޮށްދޭން ވެސް އަންނަނީ ގޮވާލަމުންނެވެ.

އެތައް އަހަރެއް ވީ ކަޅުވަކަރު މިސްކިތް ވެސް ސަރުކާރުން ވަނީ ރޫޅާލައިފަ އެވެ. އެ މިސްކިތް އަލުން ރާވައި، ބަހައްޓަން ސަރުކާރުން ނިންމީ ގދ. ތިނަދޫގަ އެވެ.