ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިވެހި ފުޓްބޯޅަ އަށް އަލުން ހިދުމަތް ކުރަން ފެށުމަށް މިރޭ އިފުތިތާހުކުރާ ހާއްސަ ޕްރޮޖެކްޓް ހާއްސަ މެސަޖަކާ އެކު މިއަދު އިއުލާންކޮށްފި އެވެ.

ފުޓްބޯޅައިގައި "ބަލަކް" ގެ ނަމުން މަޝްހޫރު އަލީގެ މެސެޖްގައި ވަނީ "ފުޓްބޯޅައިން ރާއްޖޭގެ ނަން ދިލުވާލާނެ" ކަމަށެވެ.

މިރޭ 8:30 ގައި ހިރިޔާ ސްކޫލްގައި ބާއްވާ ހަރަކާތް އޮންނަކަން ހާމަކޮށް، އަލީ އެ މެސެޖް ހިއްސާކުރީ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އަޑުން ކިޔާފައިވާ ރީމޭކް ލަވައެއްގެ ތަންކޮޅަކުންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު ރޭޑިއަންޓްގެ ފަހުގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު ޗެއާމަން އަލީގެ 39 ވަނަ އުފަންދުވަހާ ދިމާކޮށް، ހަރަކާތް މިރޭ ބާއްވާނީ ފުޓްބޯޅަ މެޗެއްގެ ގޮތަށް ދެ ހާފަށް ބަހާލައިގެންނެވެ.

އަލީގެ އުފަން ދުވަހަކީ މިއަދެވެ.

ލަންޑަންގެ ސްޕޯޓިން ލަންޑަނަށް، އޭނާގެ ކޯޗު ކަމުގެ ދަށުން ތަށި ހޯދައި ދިނުމަށް ފަހު އަލީ، ފައިނަލް މެޗު ބަލަން ދަނޑަށް ދިޔަ ބައެއް ދިވެހި ސަޕޯޓަރުންނާ އެކު.--
ލަންޑަންގެ ސްޕޯޓިން ލަންޑަނަށް، އޭނާގެ ކޯޗު ކަމުގެ ދަށުން ތަށި ހޯދައި ދިނުމަށް ފަހު އަލީ، ފައިނަލް މެޗު ބަލަން ދަނޑަށް ދިޔަ ބައެއް ދިވެހި ސަޕޯޓަރުންނާ އެކު.--

ލައިވް މިއުޒިކާ އެކު، ފުޓްބޯޅައިގެ ގާލާ ނައިޓެއްގެ ގޮތުގައި ބާއްވާ ހަރަކާތުގެ ފުރަތަމަ ހާފުގައި ފެންނާނީ މިރޭ އިފުތިތާހުކުރާ ކުރާ ޕްރޮޖެކްޓްގެ ތައާރަފެކެވެ. ދެވަނަ ހާފުގައި އޮންނާނީ އަލީގެ ޕްރެޒެންޓޭޝަނާ ގުޅޭ ގޮތުން ނޫސްވެރިންނާއި އޯޑިއަންސުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

އަލީގެ މިރޭގެ ކޮންމެ ހާފެއްގެ ދިގުމިނަކީ 45 މިނިޓެވެ. ޖުމުލަ 90 މިނެޓެވެ. އެހާ ހިސާބުން މެޗުގެ ފަހު ކަށިގަނޑު ފުމުމާ އެކު އެ ޕްރޮޖެކްޓް ޕްރެޒެންޓޭޝަންގެ ސެޝަން ނިމޭނެ އެވެ.

ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރި ކުރެއްވި، އަލީ ފުޓްބޯޅައިގައި އެންމެ ފަހުން މަސައްކަތް ކުރީ އިނގިރޭސި ވިލާތުގެ ނޮން ލީގުގެ ކްލަބް، ސްޕޯޓިން ލަންޑަނުގެ ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ވިމްބެލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް އެ ކްލަބަށް މިދިޔަ މެއި މަހު ކާމިޔާބުކޮށް ދިނެވެ.

އިނގިރޭސި އެފްއޭގެ ކޯޗިން ލައިސެންސެއް ހާސިލް ކޮށްފައިވާ އަލީ ވިދާޅުވީ، އޭނާ އަލަށް ފަށާ ޕްރޮޖެކްޓް އެކުލަވައިލާނީ އިނގިރޭސި ވިލާތުގެ ފުޓްބޯޅައިގައި އޭނާ އަށް ލިބުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި މަހު 11 ވަނަ ދުވަހު އަލީ މާލެ ވަޑައިގަތުމުން އޭނާ އަށް ބައެއް މީހުން މަރުހަބާ ކިޔަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
މި މަހު 11 ވަނަ ދުވަހު އަލީ މާލެ ވަޑައިގަތުމުން އޭނާ އަށް ބައެއް މީހުން މަރުހަބާ ކިޔަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރުމުން، އަލީ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން ބޭސް ފަރުވާ އަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސް، ތިން އަހަރު ފަހުން މި މަހު 11 ގައި ރާއްޖެ އައިސް އަލީ ވިދާޅުވީ ސިޔާސީ މަސައްކަތަށް ވުރެ އޭނާގެ ސިކުނޑި މި ވަގުތު އޮތީ ފުޓްބޯޅައިގެ މަސައްކަތަށް ކަމަށެވެ. ވިދާޅުވީ ސިޔާސީ މީހުންނަށް ވުރެ ފުޓްބޯޅައިގައި އުޅޭ މީހުން އަލީ އަށް މާ ބޮޑަށް އިތުބާރު ކުރާނެ ކަމަށެވެ.

އޭރު އޭނާ ވިދާޅުވި ގޮތުން އަލުން ހަވާލުވާނީ ކްލަބަކާ އެވެ. އޭނާގެ ޗެއާމަންކަމުގެ ދަށުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު އަހަރު ތެރޭ 13 ތަށި ހޯދައިދީފައި ވާނެކަން ފާހަގަކޮށް އަލީ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ މުހިންމު ކަމަކީ ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅުން ކަމަށެވެ. އިންޑިއާގައި އޮންނަ ވަރުގެ ލީގެއް ރާއްޖޭގައި ވެސް ބިނާ ކުރެވޭނެ ކަމަށް އެފްއޭއެމުން ކުރިން އެކުލަވާލި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަންކަން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން އަތޮޅުތަކުގައި ތިބި [ފުޓްބޯޅައިގެ] ކުދިންނަށް (ކަމެއް ކޮށްދޭން)، އަޅުގަނޑަށް އެނގޭ އެ ކުދިންގެ ޕޭރެންޓުން އެ ކުދިން މޮޅު ކުރަން ބޭނުންވާ ވަރު. އެހެންވީމާ އަޅުގަނޑު ބޭނުން އެ ގޮތަށް ތިބި ކުދިންނަށް ކަމެއް ކޮށްދޭން. އެއީ އަޅުގަނޑުގެ ޕެޝަން،" އަލީ ވިދާޅުވި އެވެ.