ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ގިނަ މޫނުތަކެއް ފެންނަ "ލޯބިވެވިއްޖެ" ފިލްމުގެ ޓްރެއިލާ އާއި ރަސްމީ ޕޯސްޓަރު ރިލީޒްކޮށްފި އެވެ.

އެސް ޕްރޮޑަކްޝަން އަދި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ "ލޯބިވެވިއްޖެ" ގެ ޕޯސްޓަރާއި ޓްރެއިލާ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، އިއްޔެ ހަވީރު ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ކުޑަ ހަފްލާއެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު، "ލޯބިވެވިއްޖެ" ފިލްމުގެ ޓްރެއިލާ ލޯންޗުކޮށްދެއްވަނީ --ފޮޓޯ: އެސްޕްރޮޑަކްޝަން
އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު، "ލޯބިވެވިއްޖެ" ފިލްމުގެ ޓްރެއިލާ ލޯންޗުކޮށްދެއްވަނީ --ފޮޓޯ: އެސްޕްރޮޑަކްޝަން

ލީޑު ކާސްޓުންނާއި، ޕްރޮޑަކްޝަންގައި މަސައްކަތްކުރި ބައެއް މީހުންނާ އެކު ބޭއްވި އެ ހަފްލާގައި ވަނީ ފިލްމު ސިނަމާގެ ސްކްރީނަށް އަންނާނެ ތާރިހު ވެސް އިއުލާނުކޮށްފަ އެވެ. އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު އަޅުވަން ނިންމާފައިވާ އެ ފިލްމު ވާނީ، މަރާމާތަށް ފަހު އޮލިމްޕަސް ސިނަމާގައި އަޅުވާ ދެވަނަ ފިލްމަށެވެ.

ބޮޑު ބަޖެޓަކާ އެކު، މަޝްހޫރު އެކްޓަރު އަލީ ސީޒަން ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި އޭނާއާ އެކު، މަރިޔަމް އައްޒަ އާއި، އައިމިނަތު ރިޝްފާ އާއި، އަހްމަދު އީސާ (އާނަންދު) އާއި، އަލީ އާޒިމް (ދޮން އައްޔަ) އާއި، އަހްމަދު ނިމާލު އަދި އަބްދުﷲ ޝާފިޔު (ފުބޫ) އާއި އައިމިނަތު ނިޝާ (ނިޝްކޮ) ގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ) ވެސް ފެންނާނެ އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ސްކްރީން ރައިޓަރު އަހްމަދު ޒަރީރުގެ ސްކްރީން ޕްލޭއާ އެކު ފިލްމު ކެމެރާ ކޮށްފައި ވަނީ އިބްރާހިމް މޫސާ (ދަބަ) އެވެ. އަދި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ އަލީ ޝާނިޒް މުހައްމަދާއި އައިމިނަތު ޝަނާޒެވެ.

"ލޯބިވެވިއްޖެ" ފިލްމުގެ ރަސްމީ ޕޯސްޓަރުތައް
"ލޯބިވެވިއްޖެ" ފިލްމުގެ ރަސްމީ ޕޯސްޓަރުތައް

އިއްޔެގެ ހަފްލާގައި ޑައިރެކްޓަރު ސީޒަން ބުނީ، ފިލްމެއްގައި ފެންނަން ޖެހޭ ހުރިހާ އިހުސާސްތަކެއް ހިމެނޭ ފިލްމަކަށް "ލޯބިވެވިއްޖެ" ވާނެ ކަމަށެވެ. އަދި އެއީ އޭނާގެ ފިލްމީ ކެރިއަރުގައި، ސިނަމަޓޯގްރަފީގައި އެންމެ ބުރަ މަސައްކަތެއް ކޮށްގެން އުފެއްދި ފިލްމަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

"މިއީ (ފިލްމު އުފެއްދުން) ގައުމީ މަސައްކަތެއް ކަމަށް މި ބަލަނީ. އިޖުތިމާއި ގިނަ މައްސަލަތަކަށް ހައްލު އެބަ ގެނެސްދޭ. ވަރަށް ކަންކަން ހައްލު ކޮށްދޭ،" ހަފްލާ ޝަރަފްވެރިކޮށްދެއްވި އަމްރު ވިދާޅުވި އެވެ.

އިއްޔެގެ ހަފްލާގައި ޝަރަފްވެރި މެހެމާން އަމްރު، އަދި ފިލްމުގެ ލީޑް އެއް އެކްޓްރެސް، އައްޒަ --ފޮޓޯ: އެސްޕްރޮޑަކްޝަން
އިއްޔެގެ ހަފްލާގައި ޝަރަފްވެރި މެހެމާން އަމްރު، އަދި ފިލްމުގެ ލީޑް އެއް އެކްޓްރެސް، އައްޒަ --ފޮޓޯ: އެސްޕްރޮޑަކްޝަން

"ލޯބިވެވިއްޖެ" ޝޫޓްކޮށްފައިވަނީ މާލޭގެ އިތުރުން ގދ. ތިނަދޫ އަދި ސްރީ ލަންކާގަ އެވެ. ފިލްމުގެ ޝޫޓިން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ތިނަދޫންނެވެ.

"ލޯބިވެވިއްޖެ" ފިލްމުގެ ބެކް މިއުޒިކް ޒުވާން މިއުޒީޝަން ފަތުހުﷲ ޝަކީލް ހުސައިން ތައްޔާރުކޮށްފައި ވާއިރު، އެ ފިލްމުގައި އަށް ލަވަ ހިމެނޭ ކަމަށް އެސްޕްރޮޑަކްޝަނުން ބުންޏެވެ.

ފިލްމުގެ ލަވަތައް މިހާރު ސައުންޑް ކްލައުޑުން ލިބެން ހުންނާނެ އެވެ. އެ ލަވަތައް ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ، މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، އާއި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އަަޝްފާ އާއި ރާފިޔަތު ރަމީޒާ އާއި ހަސަން ޖަލީލް އަދި މުމްތާޒް މޫސާގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކުރި އައްމަޑޭ އާއި، އައިޑަލް އިން ވިދާލި މުއްޒިންގެ އާއި، އަލީފް އަދި ނަފްހާ އެވެ.