ބޮޑީ ބޯޑިން އެތުލީޓުން ކަމަށްވާ ޒުވާން އާމިން އުމަރު މޫސާ އާއި ތަޖުރިބާކާރު އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ދުނިޔޭގެ ރޭންކިންގައި މަތީ މަގާމުތަކަށް ޖެހިލައިފި އެވެ.
މިދިޔަ މަހު ރާއްޖޭގައި ބޭއްވި ބޮޑީ ބޯޑިން ވޯލްޑް ޓްއާގައި ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކޮށް ދެވަނަ ހޯދި އާމިން ވަނީ ދުނިޔޭގެ ބޯޑީ ބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން އާންމު ކުރި ރޭންކިންގައި އާމިން ވަނީ ރޭންކިންގެ ތިންވަނަ މަގާމު ހޯދައިފަ އެވެ.
ޖުމުލަ 2000 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި ހިމެނުނު ފަސް އެތުލީޓުންގެ ތެރޭގައި ރާއްޖޭގައި ބޭއްވި ވޯލްޑް ޓްއާ މުބާރާތުގެ ފައިނަލުގައި އާމިން އާ ވާދަކުރި ސްޕެއިންގެ ކެނެރީ އައިލެންޑަށް ނިސްބަތްވާ ގެބްރިއަލް މޮލީނާ ވެސް ހިމެނެ އެވެ. މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށް ދިޔަ މުބާރާތުގައި މޮލީނާ އަށް، އާމިންގެ މައްޗަށް ކުރި ހޯދުނީ ކުޑަކުޑަ ތަފާތަކުންނެވެ. އޭނާ އަށް ހޯދުނީ 13 ޕޮއިންޓެވެ. ކްލަބް ވެލެން×ސިއާގެ ފުޓްބޯޅަ ޓީމުގެ ޒުވާން ފޯވާޑް އާމިން ވަނީ 12.1 ޕޮއިންޓެް ހޯދައިފަ އެވެ.
ޖުމުލަ 1720 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ވެސް ފަސް އެތުލީޓުން ހިމެނެ އެވެ. ތިންވަނައިގައި ހިމެނުނު އިތުރު އެތުލީޓުންނަކީ ޕެރޫގެ ނިކޮލަސް އެސްޕިނޯޒާ، ބްރެޒިލްގެ ގެޔޭމޯ މޮންޓަނީގްރޯ، ބްރެޒިލްގެ ހޯޒޭ އަގުސްޓޯ މޮއިސިސް ޖޫނިއާ އަދި ޕެރޫގެ ފަބިއާ ސާވެޑްރާ އެވެ.
ވޯލްޑް ޓްއާ މުބާރާތުގައި ސީނިއާ ކެޓަގަރީން ކުއާޓާ ފައިނަލަށް އަދިއަދި ޑޮރޮޕް ނީ ކެޓަގަރީން ސެމީ ފައިނަލަށް ދަތުރު ކުރި ކުޑަ އައްޔަ ވަނީ ޑްރޮޕް ނީ ކެޓަގަރީގެ ދުނިޔޭގެ ރޭންކިންގެ 12 ވަނަ ހޯދައިފަ އެވެ.
އެ ކެޓަގަރީގެ ރޭންކިންގެ އެއްވަނައިގައި އޮތީ، މިފަހަރު ރާއްޖޭގައި ބޭއްވި ވޯލްޑް ޓްއާ މުބާރާތުގެ އެ އިވެންޓްގެ ޗެމްޕިއަން އެމެރިކާގެ ޑޭވިޑް ހަބާޑް އެވެ. އޭނާ ވަނީ ސީނިއާ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ރާއްޖޭގެ ގައުމީ ޗެމްޕިއަން ކުޑަ އައްޔަ ދުނިޔޭގެ 12 ވަނަ ހޯދީ 1460 ޕޮއިންޓް ހޯދައިގެންނެވެ. ރޭންކިންގެ 13 ވަނައިގައި އޮތީ އެމެރިކާގެ ޕޮހާކޫ ކެކެއުލުއާ އެވެ.
ވޯލްޑް ޓްއާ މުބާރާތުގައި އޯޕަން ކެޓަގަރީގެ ތިންވަނަ ރައުންޑްގައި އައްޔަ ވަނީ ދުނިޔޭގެ ރޭންކިންގެ ދެވަނަ ޓޭނާ މެކް ޑެނީލް ބަލިކޮށްފަ އެވެ. މިފަހަރުގެ ރޭންކިންގައި ވެސް ދެވަނަ މާގަމު ދެމެހެއްޓި ޓޭނާގެ މައްޗަށް ވޯލްޑް ޓްއާގައި ރައުްނޑް 3 ގެ ހީޓް 5 ގައި ވާދަކޮށް ޓޭނާގެ މައްޗަށް އައްޔަ ކުރި ކާމިޔާބު ހޯދީ 2.25 ޕޮއިންޓްގެ ތަފާތަކުން ކާމިޔާބު ހޯދައިގެންނެވެ.
އައްޔަ ވަނީ އެ ހީޓްގައި 15.55 ގެ ސްކޯއެއް ހޯދައިފަ އެވެ. ޓޭނާ އަށް ހޯދުނީ 13.30 ޕޮއިންޓެވެ.
ސީނިއާ އޯޕަން ބައިގެ ދުނިޔޭގެ އެއްވަނަ ހޯދީ ދެކުނު އެފްރިކާގެ ޓްރިސްޓަން ރޮބަޓްސް އެވެ. އޭނާ ވަނީ 10215 ޕޮއިންޓް ހޯދައިފަ އެވެ.