ސިންގަޕޫރު (އޮގަސްޓް 18) - އިންގްލެންޑުގެ ނިއުކާސަލް ޔުނައިޓެޑުގެ ލެޖެންޑް އެލަން ޝިއަރާގެ އެހީއާ އެކު ސިންގަޕޫރުގެ އިންވެސްޓަރެއް ކަމަށްވާ ބެއްލަގްރާފް ނޯވާ ގްރޫޕް (ބީން) ނިއުކާސަލް ޔުނައިޓެޑްގެ މަޝްވަރާތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ ބޮޑު ހިއްސާއެއް އޮންނަގޮތަށް އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސް އަދި ރިއުބެން ބްރަދާސް ނިއުކާސަލް ގަންނަން ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ އެކި ޕްރެޝަރުތަކާ ހެދި އެވެ. އެ ޑީލު ކުރިއަށް ނުދިޔަ އެންމެ ބޮޑު ސަބަބަކީ ސައުދީއާ ދެކޮޅަށް ސިޔާސީ ގޮތުން އައި ޕްރެޝަރާއި އިންސާނީ ހައްގުތަށް ހިމާޔަތްކުރާ ޖަމިއްޔާތަކުން އެ ކަމާ ދެކޮޅަށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަމުން ދިއުމުންނެވެ.
ސައުދީން އިސްވެ ނިއުކާސަލް ގަތްނަމަ އެ ކްލަބަށް އެކަށީގެންވާ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ ކްލަބްގެ ކުރީގެ ކުޅުންތެރިން ދިޔައީ ބުނަމުންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އެ ޓީމުގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ އެވެ.
ޝިއަރާ މިހާރު އަންނަނީ ބީއެން ގްރޫޕްގެ ވެރިންނާ ގުޅިގެން ނިއުކާސަލް ގަތުމުގެ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ޝިއަރާގެ އިތުރުން ކުރިން ނިއުކާސަލަށް ކުޅުނު އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިޔާ މައިކަލް ޗޯޕްރާ ވެސް މިކަމުގައި ބައިވެރިވެ އެވެ.
"މިހާރު އަހަރެމެން މި ވާހަކަ ދައްކަނީ މި ޑީލް ކުރިއަށްދާނެ ގޮތް. ވަރަށް ޕޮޒިޓިވް މަޝްވަރާތަކެއް ކުރިއަށް ގޮސްފި. އަހަރެމެންގެ ފަރާތުން މި ކަން ކުރަން މި ތިބީ ކެތްމަދުވެފައި،" ބީއެން ގްރޫޕްގެ ތަރުޖަމާނު މީޑިއާ އަށް ބުނެފައިވެ އެވެ.
ސައުދީން އިއްވެ އޮވެ ނިއުކާސަލް ގަންނަން މަސައްކަތްކުރިއިރު އެ މީހުން ހުށަހެޅީ 391 މިލިއަން ޑޮލަރެވެ. މި މަހު 10 ވަނަ ދުވަހު ބީއެން ގްރޫޕުން ނިއުކާސަލް ގަންނަން މަޝްވަރާތަށް ފެށިއިރު، ވާހަަކަ ދެއްކީ 300 މިލިއަން ޑޮލަރުގެ ޑީލެއްގެ ތެރެއިން ނިއުކާސަލް ގަންނާށެވެ. ނިއުކާސަލްގެ މިހާރުގެ ވެރިޔާ މައިކް އެޝްލީ، 2007 ވަނަ އަހަރު އެ ޓީމު ގަތީ 145 މިލިއަން ޑޮލަރަށެވެ.
ބީއެން ގްރޫޕަކީ ސިންގަޕޫރުގެ ދެބެންގެ ދެ ދަރިން ކަމަށްވާ ނެލްސަން އާއި ޓެރެންސްގެ އިތުރުން އެ މީހުންގެ ވިޔަފާރި ޕާޓްރަނު އެވަންޖެލިން ޝެން އުފެއްދި ކުންފުންޏެކެވެ. ސަތޭކަ އަށް ވުރެން ގިނަ ގައުމުތަކުގައި ވިޔަފާރި އޮންނަ މި ގްރޫޕް އޮޕަރޭޓްކުރަނީ ފްރާންސްގެ ޕެރިސް މެދުވެރިކޮށެވެ. އެ ގްރޫޕްގެ އަގު އުޅެނީ 12 ބިލިއަން ޑޮލަރުގަ އެވެ.
މީގެ 10 އަހަރު ކުރިން ސިންގަޕޫރުގެ މަހުޖަނު ޕީޓަ ލިމް ވަނީ އިނގިރޭސި ގަދަބާރު ލިވަޕޫލް ގަންނަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ފަހަރު އޭނާ އަށް އެކަން ކާމިޔާބުނުވި އެވެ. އެހެން ނަމަވެސް ޔޫރަޕްގެ ވަރުގަދަ ލީގެއްގެ ފުޓްބޯޅަ ކްލަބެއް ގަންނަން ވަރަށް ބޮޑަށް ޝައުގުވެރިވާތީ ފަހުން ލިމް ވަނީ ސްޕެއިނުގެ ވެލެންސިއާގެ ބޮޑު ހިއްސާއެއް ގަނެފަ އެވެ.
އޭޝިއާގެ ގިނަ މަހުޖަނުންތަކެއް އަންނަނީ އިނގިރޭސި ކްލަބްތައް ގަންނަމުންނެވެ. އެ ގޮތުން ލެސްޓާ ސިޓީ ހިންގަނީ ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާގެ އާއިލާއިންނެވެ. މީގެ ދެ އަހަރު ކުރިން ވިޗާއި ވަނީ ހެލިކޮޕްޓަރު ހާދިސާއެއްގައި މަރުވެފަ އެވެ.