ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި މީޑިއާތަކުން މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމްތައް ހިންގުމަށް އެމެރިކާ އިން ދޭ އެހީ އަށް އެދި ޕްރޮޕޯސަލް ހުށަހަޅަން އެމެރިކާ އެމްބަސީން ހުޅުވާލައިފި އެވެ.
އެމެރިކާ އެމްބަސީން ބުނީ އެހީ އަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ކާމިޔާބުކުރާ އެންޖީއޯތަކަށް 15،000 ޑޮލަރާއި 24،000 ޑޮލަރާ ދެމެދުގެ އެހީދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދޭ އެހީ ހޯދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ހުޅުވާލީ މޭ 30 އިން އޮގަސްޓް 19 އަށެވެ.
ޖަމިއްޔާ، ޖަމާއަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުމަށް އެމެރިކާ އިން އާއްމުކޮށް އެހީ ދެނީ ވަކި ބާވަތްތަކެއްގެ ޕްރޮގްރާމްތަކަށެވެ.
އެހީ ދޭނެ ޕްރޮގްރާމާތައް
ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ ޕްރޮގްރާމްތައް
އިސްނެގުމުގެ ހުނަރު ކުރިއެރުވުމުގެ ޕްރޮގްރާމްތައް
ބާރުވެރިކުރުވުން
ޖެންޑާ ހަމަހަމަކަމާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުން
މިނިވަން މީޑިއާގެ ނަޒާހަތްތެރިކަން
ސިވިލް ސޮސައިޓީގެ ގާބިލްކަން އިތުރުކުރުން
ތަފާތު ދީންތަކުގެ މީހުންގެ މެދުގައި މަޝްވަރާކުރުން
އެހީ ނުދޭނެ ޕްރޮގްރާމްތައް
ޕްލޭނެއް ނެތި، ނަތީޖާ މޮނިޓާ ނުކުރެވޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް
ތަރައްގީގެ މަޝްރޫއުތައް
މީހުންނަށް މުސާރަ ދިނުމާއި ހިންގުމުގެ އޮނިގަނޑާ ގުޅޭ ޕްރޮގްރާމްތައް
އެހެން އެހީއަކުން ހިންގާ ޕްރޮގްރާމެއް ފުރިހަމަކުރަން
އަސްކަރީ އަދި ސިޔާސީ ހަރަކާތްތަކާއި އިމާރާތްކުރުމުގެ މަޝްރޫއުތައް
ވަކި ދީނެއް ކުރިއެރުވުމުގެ ހަރަކާތްތައް
އެމެރިކާ އެމްބަސީން އެހީ ދޭ އުސޫލާއި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާނެ ގޮތްތައް އެމްބަސީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ. އެމެރިކާ ސަރުކާރުން ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކަށް މީގެ ކުރިން ވެސް އެހީ ދީފައިވެ އެވެ.