އަލް-ޝާލީ މެރިން އިން މުޅިން އާ ޑިޒައިނެއްގެ ލޯންޗެއް މާކެޓަށް ނެރެފި އެވެ.
"ކޯސްޓް ކްރާފްޓް 38 ޕްލަސް" ގެ ނަމުގައި މާކެޓަށް ނެރުނު މި ލޯންޗަކީ 31 މީހުންގެ ޖާގައިގެ 39 ފޫޓު ދިގު މިނުގެ ބޯޓެކެވެ.
އަލް-ޝާލީ ގެ އޮޕަރޭޝަންސް މެނޭޖާ އިސްމާއިލް ޝަރީފު ވިދާޅުވީ، މި ބޯޓު ފަރުމާކޮށްފައިވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯޓް ޝޯގައި ދައްކާލުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، މި ބްރޭންޑުގެ ފުރަތަމަ ލޯންޗަށް ވާއިރު މިއީ އާންމުކޮށް ހުންނަ ލޯންޗުތަކަށް ވުރެ، ޖަހާ ރާޅަށް ގަދަ ލޯންޗެއް ކަމަށެވެ.
"މި ލޯންޗުގައި އެއްވެސް ވަރަކަށް ފެން އެޅިގެން ނުވަތަ ފެނުގެ އަސަރުކޮށްގެން ހަލާކުވެގެންދާނެ އެއްވެސް ބާވަތެއްގެ މެޓީރިއަލެއް ހަލްގައި ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
އާ ލޯންޗުގެ ޑިޒައިން ތައާރަފްކޮށްފައިވާ އިރު މިމަހުން ފެށިގެން ބަންނަ ކޮންމެ އުޅަނދަކަށް ޑީފެކްސް ވޮރެންޓީ 18 މަހަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. މިއާ އެކީ އަލް-ޝާލީން ބަލާ ބޯޓެއްގައި މައްސަލައެއް އުޅޭ ނަމަ އެކަމެއް އެ ކުންފުނިން ހައްލުކޮށްދޭނެ އެވެ.
ޝަރީފު ވިދާޅުވީ، އަލް-ޝާލީން ބަންނަ ކޮންމެ ލޯންޗެއްގެ އެންމެ ފުރިހަމަ މައުލޫމާތު ކަސްޓަމަރަށް ހަވާލު ކުރާ އިރު ދޭ ކަމަށެވެ. އޭނާ ވިދާޅުވީ، އަލަށް މާކެޓަށް ނެރުނު ކޯސްޓް ކްރާފްޓް 38 ޕްލަސް މަރުކާގެ މި ލޯންޗަކީ ދަތުރުކުރާ މީހުންނަށް ރައްކާތެރި އެއްޗެއް ކަމަށެވެ.
ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާގެ އަގު ހުރި މި މޮޑެލްގެ އިތުރު ލޯންޗުތައް ވެސް އަލް-ޝާލީން އަންނަނީ ބަންނަމުންނެވެ. މި މޮޑެލްގެ ފުރަތަމަ ލޯންޗު ބަނދެފައިވަނީ ދިވެއްސެއްގެ އޯޑަރަކަށް އަތޮޅުތެރޭގައި ފެރީ ދަތުރުކުރުމަށެވެ.
އަލް-ޝާލީ މެރިން އިން މިހާތަނަށް 12 ޑިޒައިނެއްގެ ލޯންޗު ވަނީ މާކެޓަށް ނެރެފަ އެވެ.