އެކްރޯ ޖަމާއަތުން މި އަހަރު ހައްޖަށް ދާ މީހުން އިތުރަށް ފައިސާ ދައްކަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އެކްރޯ އިން މިދިޔަ ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި އެ ކުންފުނިން އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅި ޕްރޮޕޯޒަލްގައި ހުރި ގިނަ ކަންތައްތައް ހުށަހެޅި ގޮތަށް ކުރެވޭކަށް ނެތެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާލައިނާއި ކެއުމުގެ ކަންކަމުގެ އިތުރުން މައްކާ އާއި މިނާގައި ތިބުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.

އިއުލާންގައި ވާ ގޮތުން އެ ޖަމާއަތުގެ ހަވާލުގައި ގެންދާ ހައްޖާޖީންނަށް މި އަހަރު ހަައްޖަށް ދެވިދާނެތޯ ނުވަތަ އިތުރަށް ފައިސާ ދައްކަން ޖެހޭނެތޯ އަދި ސާފެއް ނުވެ އެވެ.

އިއުލާންގައި ބުނާ އެއްޗެއް އިތުރަށް ސާފުކުރަން ފޯނުން ގުޅުމުން އެކްރޯގެ އިސް ބޭފުޅުންނާއި އެ ކުންފުނީގެ އޮފީހުން ވެސް ޖަވާބެއް ނުދެ އެވެ.

އެކްރޯ އިން ބުނީ އެންމެ ފަހު ވަގުތު އިތުރު ކޯޓާ ހަމަޖެހުމުން ޑޮލަރު ގަންނަން ނުލިބުމާއި ބޭންކުގައި ހުރި އެ ކުންފުނީގެ ޑޮލަރު ވެސް ދޫނުކުރުމުން ހަރަދު ކުރާނެ ފައިސާ ނެތް ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ޖެެހެންދެން ވެސް ހައްޖަަށް މީހުން ގެންދެވޭނެ އަދަދު ޔަގީންވެ، ކަށަވަރު ނުވުމަކީ ވެސް މިހާރު ކުރިމަތިވި މައްސަލަތަައް ދިމާވުމުގެ ސަބަބެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކްރޯ އިން ހައްޖަށް ދާ 200 މީހުން ފުރާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު، މިހާރު ފުރުން ވަނީ މާދަމާ އާއި ހޮނިހިރު ދުވަހަށް ފަސްކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެކްރޯ އިން ހައްޖާޖީންނަށް ވެސް އަދި ވަކި އެއްޗެއް ނާންގަ އެވެ. ރޭގައި އެ ޖަމާއަތުން ހައްޖާޖީންނަށް ބައްދަލުވުމެއް ބޭއްވިއިރު، މިއަދު ހެނދުނު ވަނީ ފޮށި ވެސް ހަވާލުކޮށްފަ އެވެ. އަދި މިރޭ ވެސް އިތުރު ބައްދަލުވުމެއް ބާއްވަން ނިންމައި އެކަން ވަނީ އަންގާފަ އެވެ.

މިނިސްޓްރީން ކުންފުނިތަަކަށް ހުއްދަ ދޫކުރި އަގުތައް:

- ޒައީ ހައްޖު ގްރޫޕުން ޕްރޮޕޯސަލްގައި ހުށަހަޅާފައި ވަނީ އިކޮނޮމިކް ޕެކޭޖްގެ ދަށުން 69،965ރ. ނެގުމަށެވެ.

- އެކްރޯ ކުންފުނިން ތިން އަގެއް ހުށަހަޅާފައިވެ އެވެ. އިކޮނޮމިކް ޕެކޭޖަށް 69،975ރ. އަދި ބިޒްނަސް ޕެކޭޖަށް ކަނޑައެޅީ 74،975ރ. އެވެ. ވީއައިޕީ ޕެކޭޖްގެ އަގަކީ 79،975ރ. އެވެ.

- މިނާ ހައްޖު ކުންފުނިން އިކޮނޮމިކް ޕެކޭޖްގެ އަގުގެ ގޮތުގައި ކަނޑައެޅީ 69،965ރ. އެވެ. ބިޒްނަސް ޕެކޭޖްގެ އަގުގެ ގޮތުގައި 90،656ރ. އަދި ވީއައިޕީ ޕެކޭޖްގެ އަގަކީ 112،129ރ. އެވެ.

- - އަލް ހަރަމައިން ހައްޖު ކުންފުނިން އިކޮނޮމިކް ޕެކޭޖްގެ އަގެއްގެ ގޮތުގައި ކަނޑައެޅީ 57،999ރ. އެވެ. ބިޒްނަސް ޕެކޭޖްގެ ގޮތުގައި 65،000ރ. ހުށަހެޅިއިރު މި ކުންފުނިން ވީއައިޕީ ޕެކޭޖްގެ ދަށުން މީހުން ހައްޖަށް ގެންދަން ނިންމާފައެއް ނުވެ އެވެ.

- ސިސިލްފަރު ހައްޖު ކުންފުނިން ހުށަހެޅި އަގަކީ 69،969ރ. އެވެ. މި ކުންފުނިން ބިޒްނަސް އަދި ވީއައިޕީ ޕެކޭޖަ ނަގާ ގޮތަށް ހަމަޖައްސައިފައެއް ނުވެ އެވެ.

އެކްރޯ އިން ކުރިން ހައްޖަށް ގެންދިޔައީ އަލްހައިރުގެ ނަމުގަ އެވެ. އެ ނަމުގައި، 2014 ގައި އެ ކުންފުނިން މީހުން ހައްޖަށް ގެންދިޔައިރު ވެސް ބޮޑެތި މައްސަލަތަކެއް ޖެހުނެވެ. އެ ފަހަރު އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ޑޮލަރުން ފައިސާ ދައްކަން ޖެހުމެވެ.

ހައްޖު ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން ހަމަޖެއްސި 2000 ކޯޓާ ވަނީ ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަސް ކުންފުންޏަކަށް ބަހައިފަ އެވެ. އޭގެ ތެރެއިން ސަރުކާރުގެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު 1000 މީހުން ހައްޖަށް ދާނެ އެވެ. މީގެ އިތުރުން އަމިއްލަ ޖަމާއަތްތައް ކަމަށްވާ ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުގެ ހަވާލުގައި 200 މީހުންނާއި ސިސިލްފަރު ހައްޖު ގްރޫޕުގެ ހަވާލުގައި 193 މީހުން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕު ވަނީ މިދިޔަ ހޯމަ ދުވަހު ފުރައިފަ އެވެ. އަދި މި ހަފުތާ އާއި އަންނަ ހަފުތާގެ އެކި ދުވަސް ދުވަހު ހައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.