ގަތަރުގެ އަލް ޖަޒީރާ ޗެނަލްއިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގާ އޮފީސް 45 ދުވަސް ތެރޭ ބަންދުކުރަން އިޒްރޭލުން އަންގައިފި ކަމަށް އެ ޗެނަލުން ބުނެފި އެވެ.
"އަލް ޖަޒީރާގެ އޮފީސް 45 ދުވަސް ތެރޭ ބަންދުކުރަން ކޯޓު އަމުރެއް އެބަ އޮތް،" އިޒްރޭލު ސިފައިން އަލް ޖަޒީރާގެ އޮފީހަށް ވަދެ ބިއުރޯ ޗީފް ވަލީދު އަލް އުމަރީއަށް އިންޒާރުދިނެވެ. މި މަންޒަރު އޭރު ދިޔައީ އަލް ޖަޒީރާއިން ވަގުތުން ދައްކަމުންނެވެ.
"މި އަންގަނީ ހުރިހާ ކެމެރާއެއް ހިފައިގެން މި ވަގުތު މި އޮފީސް ދޫކޮށް ދިއުމަށް،" ސިފައިންގެ މީހާ ބުނެ އެވެ.
ވަރުގަދައަށް ހަތިޔާރު އަޅައިގެން ތިބި ގިނަ އަދަދެއްގެ ސިފައިންނާއި މޫނު ނިވާކޮށްގެން ތިބި ފައުޖެއް ވެސް އޮފީސްތެރެއަށް ވަދެފައިވެ އެވެ.
އަލް ޖަޒީރާއިން ބުނީ އޮފީސް ބަންދުކުރަން ކޯޓުން އަމުރެއް ނެރެން ޖެހުނު ސަބަބެއް ސިފައިންގެ މީހާއަށް ނުބުނެވުނު ކަމަށެވެ.
މީގެ ކުރިން ވެސް އިޒްރޭލުން އަލް ޖަޒީރާއަށް ހުރަސްއެޅުމަށް އެތައް ކަމެއް ކޮށްފައިވެ އެވެ.
އިޒްރޭލު ތެރޭގައި އަލް ޖަޒީރާގެ އޮޕަރޭޝަންތައް ހިންގުން މީގެ ހަތަރު މަސް ކުރިން މަނާކޮށްފައި ވާއިރު މިދިޔަ ހަފްތާގައި ވަނީ އަލް ޖަޒީރާގެ ނޫސްވެރިންނަށް އިޒްރޭލުން ދޫކޮށްފައިވާ ހުއްދަތައް ބާތިލްކުރަން ނިންމިކަން ވެސް އިއުލާނުކޮށްފަ އެވެ.
ހުޅަނގު އައްސޭރީގެ އަލް ޖަޒީފާ އޮފީސް ބަންދުކުރި ނަމަވެސް ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ގުޅޭ ގޮތުން އެ ޗެނަލުން ގެނެސްދޭ ކަވަރޭޖް ހުއްޓުމަކަށް ނާދެ އެވެ.
އަލް ޖަޒީރާގެ ނޫސްވެރިންގެ ތެރޭގައި "ޓެރަރިސްޓުންގެ އެޖެންޓުން" އުޅޭ ކަމަށް އިޒްރޭލުން އަބަދުވެސް ތުހުމަތުކުރެ އެވެ. އެއީ ހަމާސް ނުވަތަ އިސްލާމިކް ޖިހާދުގެ މީހުން ކަމަށް ބުނެ ނޫސްވެރިންނަށް ހަމަލާދީ އެތައް ބަޔަކު މަރާލާފައި ވެސް ވެ އެވެ. އެކަމަކު މިއީ އެއްވެސް އަސްލެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ބުނެ އަލް ޖަޒީރާއިން ތުހުމަތުތަކަށް އިންކާރުކުރެ އެވެ. -- އޭއެފްޕީ