މިސްރުގެ އަޒްހަރު ޔުނިވާސިޓީން ބެޗިލާސް ޑިގްރީ އަށް ކިޔެވުމަށް ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަޒްހަރު ޔުނިވާސިޓީން ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްގެ 22 ފުރުސަތެއް ހުޅުވާލާކަމަށެވެ.

އެއީ ޝަރީއާ ދާއިރާއިން 10 ފުރުސަތެއް އަދި މިނިސްޓްރީގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން އެ ކުއްޖަކު ބޭނުން ދާއިރާއަކުން 12 ފުރުސަތެކެވެ.

މި ސްކޮލާޝިޕަކީ ޕާޝިއަލް ފަންޑަޑް ސްކޮލާޝިޕެއް ކަމަށް ވާތީ މި ސްކޮލާޝިޕަށް އަޒްހަރު ޔުނިވާސިޓީން ދިނުމަށް ނިންމާފައިވަނީ ހަމައެކަނި ޓިއުޝަން ފީ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެނިހެން ހަރަދުތައް ހަމަޖައްސަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ސްކޮލާޝިޕަށް ދަރިވަރުން ނޮމިނޭޓްކުރާނީ ޝަހާދަ ސާނަވިއްޔާ ސެޓްފިކެޓުން އެންމެ މަތިން ޕޮއިންޓު ލިބޭ ތަރުތީބުންނެވެ. އަދި މި ސްކޮލާޝިޕްގެ ދަށުން ކޯހަށް ނަގާ ދަރިވަރުން ކިޔެވުން ފެއްޓުމުގެ ކުރިން އަރަބި ޓެސްޓެއް ހަދަން ޖެހޭ ކަމަށާއި އެ ޓެސްޓުން ފާސް ނުވެއްޖެ ނަމަ އެ ދަރިވަރަކަށް ބަސް ކިޔެވުމަށް ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ސްކޮލާޝިޕަށް ކުރިމަތިލާ ކުދިންނަކީ ކޯހާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރަކަށް ވެގެން ނުވާނެ އެވެ. އަދި ސްޓޫޑަންޓް ލޯނު ސްކީމަށް ނުވަތަ އެހެން ސްކޮލާޝިޕަކަށް ހޮވިފައިވާ ދަރިވަރަކު މި ސްކޮލާޝިޕަށް ނޮމިނޭޓެއް ނުކުރާނެ އެވެ.

މި ސްކޮލާޝިޕަށް ލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޮގަސްޓް ދޭއްގެ ނިޔަލަށެވެ. އަދި ސްކޮލާޝިޕަށް ދޭ ދަރިވަރަކީ މިއަހަރުގެ އޮގަސްޓް މަހުގެ 30ގެ ކުރިން 25 އަހަރު ނުފުރޭ ދަރިވަރަކަށް ވާން ޖެހޭނެ އެވެ.

މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް މިހާރު މި ސްކޮލާޝިޕަށް އެދެވޭނެ އެވެ.