ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސްގެ މެންބަރުކަން ކުރެއްވި އާއިޝަތު ވެލެޒިނީ ދެ ހަފުތާ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވެލެޒިނީ ހާޒިރުވާން އެންގީ އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ޖަވާބުދާރީވާން ކަމަށެވެ. އެކަމަކު ވެލެޒިނީއާ ގުޅޭގޮތުން ތަހުގީގުކުރާ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ނެދަލެންޑްސްގައި ދިރިއުޅޭ ވެލެޒިނީގެ މައްސަލައެއް ފުލުހުން ބަލާއިރު، އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލްމީޑިއާގައި އޭނާ އާއްމުކޮށްފައިވާ ވީޑިއޯތަކާއި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އެއީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

ފުލުހުން ބުނީ ވެލެޒިނީ އަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާއާ ސުވާލުކުރުމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަދައްކަން 14 ދުވަހުގެ މުއްދަތެއް ދިނީ، ރާއްޖެއިން ބޭރުގައި އޭނާ ދިރިއުޅޭތީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.

މި މުއްދަތުގައި ވެލެޒިނީ ހާޒިރުނުވެއްޖެ ނަމަ އޭނާ އަށް ތުހުމަތުކުރެވޭ މައްސަލާގައި، މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް، ޣައިރު ހާޒިރުގައި ދައުވާކޮށްދޭން އެދި މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.

ވެލެޒިނީގެ ފޭސްބުކް ޕްރޮފައިލްގައި ބުނާ ގޮތުން އޭނާ މިހާރު އުޅެނީ ނެދަލެންޑްސްގައި ރެފިއުޖީއެއްގެ ގޮތުގަ އެވެ.