ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސްގެ މެންބަރުކަން ކުރެއްވި އާއިޝަތު ވެލެޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.

ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.

"އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުޞޫލުތަކުން ވަނީ ކަނޑައަޅާ ދީފައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނީ ބުއްދި ސަލާމަތުން ހުރި މުސްލިމަކު މީހަކު މިފަދަ ވާހަކަތަކެއް ދައްކައިފި ނަމަ އެ މީހަކު ވާނީ އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެފައިވާ މީހެއް ކަމަށެވެ.

"މިގޮތުން ބަލާއިރު ޢާއިޝަތު ވެލެޒިނީ މުޙައްމަދުގެ މިވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް އޭނާއަކީ، މުރުތައްދުވެފައިވާ މީހަކުކަމުގައި މި މިނިސްޓްރީގެ ޢިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅައިފި ވާހަކަ ދަންނަވަމެވެ."

މިނިސްޓްރީން ވަނީ އިސްލާމް ދީނާ ބެހޭ ގޮތުން ދައްކާފައި ހުންނަ އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަށާއި އިސްލާމް ދީނުގައި ދެމިތިބުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ވެލެޒިނީ އަންނަނީ ފޭސްބުކް މެދުވެރިކޮށް ރާއްޖޭގެ ސިޔާސީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ބުނާ ގޮތުން އޭނާ މިހާރު އުޅެނީ ނެދަލެންޑްސްގައި ރެފިއުޖީއެއްގެ ގޮތުގަ އެވެ.