ދިވެހި ފިލްމީ ދުނިޔޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދުމަށް ފަހު އާންމުންގެ ލޯމަތިން އައިޝަތު ޝިރާނީ ގެއްލުނުތާ ކިތައްމެ ދުވަހެއް ވެއްޖެ އެވެ. އެކަމަކު އޭނާ އަލުން ކޮންމެވެސް ރޯލަކުން ފެނިދާނެ ކަމުގެ އުއްމީދުގައި ތިބި މީހުން މަދެއް ނޫނެވެ. އެ ފޭނުންނަށް އޮތް ހިތާމަވެރި ހަބަރަކީ ޝިރާނީ ދެން ފިލްމީ ދާއިރާ އަށް އެނބުރި ނާންނާނެ ކަމެވެ.
"ދެން އެއްވެސް ގޮތަކަށް ފިލްމީ ދާއިރާއަކުން ނުފެންނާނެ. މިހާރު ބޭނުން ވަނީ ހަމަ ދަރިފުޅާ އެކު އުޅެން،" ބަތަލާ މަރިޔަމް އައްޒަ ހޯސްޓް ކުރާ ޝޯ، އައިސް ޓީވީގެ "އަޒޯނާ" ގައި ވާހަކަ ދައްކަމުން ޝިރާނީ ރޭ ބުންޏެވެ.
ރާއްޖޭގައި 1990 ގެ އަހަރުތަކުގައި އެންމެ މަޝްހޫރުވި އެއް ލަވަ ކަމަށް ވާ "މަހޭ ނެތިދާނޭ"ގެ އެކްޓަރު ބުނީ އޭނާގެ މިހާރުގެ ފިރިމީހާ އަހުމަދު ޝުޖާއު އާއި ފިރިހެން ދަރިފުޅު ޒަޔާންއާ އެކު ހޭދަކުރަމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށެވެ.
ޝިރާނީއާ އިނުމުގެ ކުރިން ޝުޖާއުގެ ކުރީގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެކަމަކު ކުރީގެ އަނބިމީހާ ޝިފޫ އާއި ޝިރާނީއާ ދެމެދު ވެސް ގާތް ގުޅުމެއް އޮންނަކަން ރޭގެ އިންޓަވިއުތަކުން އެނގުނެވެ. އެގޮތުން ޝިފޫ ބުނީ "އެ އާއިލާ އުޅެނީ ވަރަށް ގުޅިގެން، އެންމެން އެކީގައި ވަރަށް އުފާވެރިކޮށް" ކަމަށެވެ. ޝިރާނީ ވެސް ބުނީ ހަމަ އެހެންނެވެ.
"އަހަރެމެން ވަރަށް ގުޅިގެން އެންމެން އެކީގައި، ފެމިލީއެއް ގޮތަށް އުޅެނީ. އެއްވެސް ކަހަލަ ރުޅިވެރިކަމެއް، ހަސަދަވެރި ކަމެއް ނެތް،" ޓީވީ އިންޓަވިއުއަކުން ނުފެނި އެތައް އަހަރެއް ވުމަށް ފަހު ޝިރާނީ ދިން ފުރަތަމަ އިންޓަވިއުގައި އޭނާ ބުންޏެވެ.
އޭނާ ބުނީ "މިހާރު ދިރިއުޅުން ވަރަށް އުފާވެރި" ކަމަށާއި "މިހާރު މި އުޅެނީ އެންމެ ބިޒީ ޖޮބްގައި" ކަމަށެވެ. ފިލްމު ކުޅެން ފެށުމުގެ ކުރިން ކަސްޓަމްސްގައި ވެސް ވަޒީފާ އަދާކުރި ބަތަލާ ބުނި ގޮތުގައި ހައުސް ވައިފެއްގެ މަގާމަކީ ޒިންމާ ބޮޑު އަދި އުފާވެރި ވެސް ކަމެކެވެ.
ފިލްމީ ދާއިރާ އަށް ދެން އެނބުރި އައުން ނެތް ކަމަށް ރަސްމީކޮށް ކަށަވަރުކޮށްދިން އިރު ޝިރާނީ އަކީ ކާމިޔާބު ގިނަ ފިލްމުތަކެއްގެ ބަތަލާ އެވެ. ރާއްޖޭގެ މަޝްހޫރު އެތައް ފަންނާނުންނާ އެކު ފިލްމާއި ލަވަ ކުޅެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ތަރިންގެ އިންޓަވިއުތައް ވެސް ރޭ ގެނެސްދިނެވެ.
ޝިރާނީ ބުނީ އެންމެންގެ ތެރެއިން ވެސް އެންމެ ފަސޭހައީ އިސްމާއިލް ވަޖީހާއި ގިޔާސާ އެކު މަސައްކަތް ކުރަން ކަމަށެވެ.
ޝިރާނީ އާއި ގިޔާސްގެ "މަހޭ ނެތިދާނޭ" އަކީ އަބަދަށް ފެހި ލަވައެކެވެ. ޝިރާނީގެ ނަމާ އެކު ގިނަ މީހުންގެ ހަނދާނަށް އެންމެ އަވަހަށް އަންނާނީ ވެސް އެ ލަވަ އެވެ.
ސިންގަޕޫރުގައި މިހާރު ދިރިއުޅެމުން އަންނަ ވަޖީހް ރޭ ބުނީ "ރީލް ލައިފްގައި އެންމެ ގުޅޭ ޕެއާއަކީ" އެ ދެ މީހުންގެ ޖޯޑު ކަމަށް ވަރަށް ގިނަ ބަޔަކު ބުނެފައިވާ ކަމަށެވެ.
"ޝިރާނީއާ އެކު އަބަދުވެސް މަސައްކަތްކޮށްލަން ވަރަށް ފަސޭހަ،" ވަޖީހު ބުންޏެވެ.
ޝިރާނީ ކުޅުނު ފުރަތަމަ ލަވާގައި ވެސް އުޅުނު ގިޔާސް އޭނާ ސިފަކުރަމުން ބުނީ އެއީ "ފަސްމީރު ކުރިރުކެއް" ކަމަށެވެ. އެ ލަވައިގައި ޝިރާނީ ބޭނުންކުރި ކަންފަތުލާ މުދި ރޭގެ ޝޯގައި އައްޒަ ވަނީ ޝިރާނީ އަށް ދައްކާލައިފަ އެވެ.
އެއީ ގިޔާސްގެ ކަލެކްޝަންގެ ތެރޭގައި އެންމެ ލޯބިން ގެންގުޅޭ އެކައްޗެކެވެ. އެ މުދި ދައްކައިލުމުން ޝިރާނީ އަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.
"ވަރަށް ބޮޑަށް ހަނދާން އެބަ ހުރި މީގެ މަތިން،" ޝިރާނީ ބުންޏެވެ.
ދިވެހި ފިލްމާއި ލަވައަށް ލޯބިކުރާ މީހުންނަށް ޝިރާނީ ދޫކުރި އެތައް ހަނދާނެއް ޔޫޓިއުބުގައި އެހެރީ އެވެ. އެ އުފެއްދުންތަކުން އޭނާގެ ހުނަރު ކިތައްމެ ރަނގަޅަކަށް ވެސް އެނގެ އެވެ. އޭނާ ނެތް ތަން ފޫބެއްދޭ ވަރުގެ ބަތަލާއަކު އަދި ނެތް ކަމަށް، ބައެއް ފޭނުން ބުނަނީ ސަބަބުތަކެއް ހުރެގެންކަން ވެސް ސާބިތުވެ އެވެ.