ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ހުންނެވި އައިޝަތު ސޮފޫރާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.
ސޮފޫރާ ވަނީ ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، އެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވައިފަ އެވެ. އޭގެ ތެރެއިން، މަޖީދިއްޔާ ސްކޫލުގައި ތިން އަހަރު އަދި ސީއެޗްއެސްއީގައި 22 އަހަރު ވަންދެން އޭނާ މަސައްކަތްކުރެއްވި އެވެ.
ސިޔާސީ މަގާމަކަށް ވަޑައިގަތުމުން، ސީއެޗްއެސްއީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ޕްރިންސިޕަލުންނަށެވެ.
އޭނާ ވަނީ ސައިންސްގެ ދާއިރާއިން ބެންގަލޫރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، ދެ ދާއިރާއަކުން ޑަބަލް މާސްޓަސް ފުރިހަމަކޮށްފަ އެވެ.
އެމެރިކާގެ އޮހިއޯ ސްޓޭޓް ޔުނިވާސިޓީން އާޓް އިން މެތްސް، ސައިންސް އެންޑް ޓެކްނޮލޮޖީން 2006 ވަނަ އަހަރު މާސްޓާސް ޑިގްރީ އަދި އޭގެ ފަހުން ސޮފޫރާ ވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މައި ކޮލެޖުން މިދިޔަ އަހަރު މާސްޓާސް ޑިގްރީ ހާސިލްކުރެއްވި އެވެ.
ސޮފޫރާއާއެކު އެޑިއުކޭޝަނުގައި މި ވަގުތު ދެ ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން މަހަކު 15،000ރ. ގެ އެލަވަންސާއެކު، މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.