ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އަދި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި އެވެ.
ނާޒިމާ މަޖިލީހަށް ވާދަކުރައްވަނީ އޭނާ ދާދިފަހުން ގުޅިވަޑައިގަތް ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. އޭނާ ވާދަކުރައްވަނީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.
ނާޒިމާ ކުރެއްވި ޕޯސްޓެއްގައިވަނީ، ކުޅިވަރުގައި ކާމިޔާބު ހަރުފަތްތަކަށް ފަހު، މަޖިލީހަށް ވާދަކުރައްވަން ނިންމެވީ އޭނާގެ އަމިއްލަ ދާއިރާ ތަމްސީލުކުރައްވަން ކަމަށެވެ. ދާއިރާ އިސްކޮށް، ކެރޭ އަދި ހިތްވަރުގަދަ މީހެއްގެ ގޮތުގައި އޭނާ ދެމިހުންނަވާނެ ކަމަށް ނާޒިމާ ލިޔުއްވާފައިވެ އެވެ.
ނާޒިމަ އަކީ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ފުރަތަމަ އަންހެން ނައިބު ރައީސެވެ.
ޖުމްހޫރީ ޕާޓީއާ މި ފަހުން ގުޅިވަޑައިގަތް ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވެސް ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފަ އެވެ.