ކުރީގެ ޖެންޑާ މިނިސްޓަރު އަދި ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޑރ. އާމާލް އަލީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ ރައީސް ޔޫސުފް މާނިއު ޖުމްހޫރީ ޕާޓީއާ ރޭ ގުޅިވަޑައިގެންފި އެވެ.
ރޭ ޖޭޕީގެ މައި ޖަގަހާގައި އޮތް ހަފުލާގައި މި ތިން ބޭފުޅުންގެ އިތުރުން 100 އަށް ވުރެ ގިނަ މީހުންގެ ފޯމް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ވަނީ ހަވާލުކޮށްފަ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ނާޒިމާ މީގެ ކުރިން ސިޔާސީ ޕާޓީއަކަށް ސޮއިކުރައްވާފައެއް ނުވެ އެވެ. އަދި ތައުލީމީ ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތްކުރައްވަމުން އަންނަ އާމާލް، ކުރީގެ ރައީސް މުހައްމަދު ވަހީދު އުފެއްދެވި ގައުމީ އިއްތިހާދު ޕާޓީގައި އުޅުއްވި އެވެ.
އެންއައިސީގެ ރައީސްގެ މަގާމުން މާނިއު ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށް، ނޮވެމްބަރު 23، 2017 ގަ އެވެ.
ޖޭޕީން ވެސް މިހާރު އަންނަނީ ކުރިއަށް އޮތް އާންމު އިންތިހާބުގައި ވާދަކުރަން ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީގެ ކައުންސިލުން ވަނީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކަންކަން ކުރިއަށްގެންދަން ހަތް މެމްބަރުންގެ ކޮމެޓީއެއް ރޭ ނަގައިފަ އެވެ. ކޮމެޓީގެ ރައީސަކީ ޖޭޕީގެ ވެސް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ މަޖިލިސް އިންތިޚާބަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރައިމަރީ ބޭއްވުމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.