އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލައިގައި ސްޕްރީމް ކޯޓަށް ފުލުހުންގެ ފޮރެންސިކް ރިޕޯޓް ހުށަހެޅުމަށް މަސައްކަތް ކޮށްދެއްވާފައިވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރިން ޖެނުއަރީ 2015 ގައި ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު އެ ހުކުމް ޑިސެމްބަރު 13، 2018 ގައި ސްޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

އެ ހާދިސާއާ ގުޅިގެން ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދެއްކެވީ "ސަންގު ޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގަ އެވެ.

ޔާމީން ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ފޮރެންސިކް ރިޕޯޓް ފުލުހުންނަށް ލިބުމާއެކު، އޭރު ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމް ވަނީ އެ މަނިކުފާނަށް ގުޅުއްވައި، އެ މައްސަލަ އަލުން މުރާޖައާ ކުރައްވަން ބޭނުންވާ ކަމަށާއި އެކަމަކު ސްޕްރީމް ކޯޓަށް އެ ރިޕޯޓް ހުށަހަޅައިގެން ވެސް ކޯޓުން އެ ބަލައިނުގަތް ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވެ، ޔާމީން އެ މަސައްކަތްޕުޅުގައި އެހީތެރުވުމަށް ބިޝާމް އެދިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. ކޯޓުގައި ހިނގަމުންދާ އެ މައްސަލައިގެ ތެރެއަށް އެމަނިކުފާނު ވަންނަން ޖެހިވަޑައިގަންނަވާ ސަބަބެއް ނެތް ނަމަވެސް ޕީޖީ އެދިވަޑައިގަތީ ކޯޓަށް އާ ހެކިތައް ހުށަހަޅާނެ ފުރުސަތު ނުލިބުމުން އެކަން ކޮށްދެއްވުމަށް ކަމަށް ޔާމީން ވިދާޅުުވި އެވެ.

"ފޮރެންސިކް ރިޕޯޓް ސްޕްރީމް ކޯޓުން ބަލައެއް ނުގަތޭ. ދެން ރައީސް އިންޓަވިންކޮށްދެއްވާށޭ. ޕީޖީ މި ވިދާޅުވީ މިހެން. ރައީސް އިންޓަވިން ކުރަންޖެހޭ އެއްވެސް ޖާގައެއް ނެތް. މިއީ ކޯޓުގައި ހިނގާ މައްސަލައެއް. ރަައީސް އިންޓަވިން ކުރީމަ މިބުނަނީ ކުރާ ވާހަކަ. އެކަމަކު ގާނޫނު ކަނޑައެޅިގެން އެނގޭ މީހުން އައިސް މިބުނަނީ ކޮށްދޭށޭ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބިޝާމްގެ ވާހަކަތަކާ ގުޅިގެން އެމަނިކުފާނު ނިންމެވީ އެ ފޮރެންސިކުން ނާޒިމަށް ޑިފެންސް ލިބެން އޮތް ނަމަ، ނާޒިމަށް އެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

"އެހެންވެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ރައީސް އޮފީހަށް ގެނެސްގެން، މި ވާހަކަ ދެއްކީމަ އަބްދުﷲ ސައީދު އެއްގޮތަކަށް ވެސް ބޭނުމެއް ނުވި އެ ބަލައިގަންނާކަށް. ދެން އެތައް ވާހަކައެއް ދައްކައިގެން އަބްދުﷲ ސައީދު އެންމެ ފަހުން ގަބޫލުކުރެއްވީ ހެކި ވައްދަން ޖާގަދޭނެ ކަމަށް. ދެން އެ ވެއްދުނީ،" ޔާމީން ވިދާޅުވި އެވެ.

"ނާޒިމްގެ ދިފާއުގައި ބޭނުންކުރެވިދާނެ އެއްޗަކަށް މި ފޮރެންސިކް ރިޕޯޓް ވެދާނެ ކަމަށް ބިޝާމަށް ގަބޫލުކުރެވުނީމަ އަޅުގަނޑު އިންޓަވިންކޮށްގެން އެ މައްސަލަ ސްޕްރީމް ކޯޓަށް ބަލައިގަންނާނެ ގޮތް ހަދައިދިނިން."

އެ މައްސަލަ ރިވިއުކޮށްދޭން ނާޒިމުގެ ފަރާތުން ހުށަހެޅި މައްސަލާގައި އޭނާ މިނިވަންވީ ޑީއެންއޭ ހެކިތަކެއް ލިބި، ޑީއެންއޭ ސާމްޕަލްތައް އަދީބާ ގުޅިފައިވާ ކަމަށާއި ފުލުހުން އާންމުކުރި މައުލޫމާތުން ފިސްތޯލައިގެ އެއްވެސް ތަނަކުން ނާޒިމްގެ ޑީއެންއޭ ހުރި ކަމަކަށް ނުދައްކާތީ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ނާޒިމްގެ ގެއިން ފިސްތޯލަ ފެނުމުގެ ކުރިން މިނިސްޓަރަކު ފިސްތޯލަކަށް އެދި ޑިފެންސް މިނިސްޓްރިއަށް ހުށަހެޅި ސިޓީއެއް ހިފައިގެން އެމަނިކުފާނުގެ އަރިހަށް ނާޒިމު ވަޑައިގެންނެވި އެވެ. އެކަމަކު އެ ދުވަހު ވެސް އެއްވެސް ވަޒީރަކަށް ފިސްތޯލަ ގެންގުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށް ޔާމީން ވިދާޅުވެ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ ހިސާބުން ވެސް ނާޒިމްގެ އަތުގައި ފިސްތޯލައެއް އޮތްކަމަށް ވިދާޅެއް ނުވެ އެވެ.

"އެއްވެސް ވަޒީރަކަށް ބަޑިއެއް ނުގެންގުޅެވޭނެކަން އެ ދުވަހު ނާޒިމަށް ވެސް އެނގޭނެ. އެކަމަކު އެވާހަކަ ބުނިފަހުން ވެސް ބަޑިއެއް އޮތްނަމަ ނާޒިމަށް ފުރުސަތު ލިބުންދޯ ސަރެންޑާ ކުރަން،" މައްސަލަ ބަލަމުންދަނިކޮށް މިނިސްޓަރުކަމުން ނާޒިމް ވަކިކުރެއްވީ އޭނާ ކަންތައްކުރެއްވި ގޮތް ގޯސްވުމުންކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވި އެވެ.

ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާ ވިދާޅުވެފައި ވަނީ އެކަމަކީ ބަޔަކު އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއް ކަމަށެވެ.