ތަފާތު ޓެކްސްތަކާއި ފީތަކުން ލިބުނު އާމްދަނީ އިތުރުވެ، މީރާ އަށް މިދިޔަ މަހު 1.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީ އިތުރުވި ސަބަބަކީ ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓާއި އެއާޕޯޓް ސާވިސްޗާޖާއި ރެމިޓެންސް ޓެކްސް އާއި ވިތު ހޮލްޑިން ޓެކްސް އަދި ބިން ވިއްކުމާއި ޓޫރިޒަމްގެ ބޭނުމަށް ބިން ބަދަލުކުރުމުން ލިބުނު ފީ އިތުރުވުމުންނެވެ. އެއާއެކު މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ 26.5 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 10.4 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 1.1 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 890.1 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު އެ އިދާރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 658.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނުއިރު ބީޕީޓީގެ ގޮތުގައި 85.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މީރާއަށް އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 5.2 ބިލިއަން ރުފިޔާ އެވެ.