ކޮވިޑާ ގުޅިގެން އައި މެދުކެނޑުމަކަށް ފަހު، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއާ ފްރާންސް ގެ ދަތުރުތައް ރާއްޖެ އަށް އަނެއްކާ ފަށަން ނިންމައިފި އެވެ.
އެއާ ފްރާންސުން ހަފްތާއަކު ތިން ދަތުރު ކުރާނެ އެވެ. އެ އެއާލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީ 2017 އިގަ އެވެ. މެދު ކެނޑުމަކަށް ފަހު ދަތުރުތައް ފެށުމުން ފްރާންސާއި ޔޫރަޕުން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ކޮވިޑްގެ ހާލަތަށް ފަހު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ޓޫރިޒަމް ރަނގަޅުވާން ފެށީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެވެ. އެ އަށް ފަހު އިތުރު އެއާލައިންތަކުގެ ދަތުރުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.
މިދިޔަ ހަފުތާގައި ބަހްރެއިންގެ ގައުމީ އެއާލައިންގެ ގަލްފް އެއާގެ ދަތުރުތައް ވެސް ރާއްޖެ އަށް ވަނީ އަލުން ފަށައިފަ އެވެ.
ކޮވިޑްގެ ހާލަތަށް ފަހު ރާއްޖެ އަށް މިހާރު ގާތްގަނޑަކަށް 20 އެއާލައިނުން ދަތުރުތައް ކުރެ އެވެ. ޕީކް ސީޒަނާ ދިމާކޮށް ރާއްޖެ އަށް ޑިމާންޑް ބޮޑުވެ، އެހެން ބައެއް އެއާލައިންތަކުގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން އެމިރޭޓްސް އިން ދުވާލަކު ތިން ދަތުރުކުރާ އިރު ސްރީ ލަންކަން އެއާލައިންސުން ވަނީ ލަންޑަނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފަ އެވެ.