އަލަށް ހަމަޖެއްސި އުސޫލެއްގެ ސަބަބުން އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ މުސާރައިގެ ފަރަގު ބޮޑުވާ ކަމަށް ބުނެ ހުށަހެޅި ޕެޓިޝަނެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައި ވަނީ އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ދޭ ޖުމުލަ އުޖޫރައިގެ ބޮޑު ބައެއް ބިނާވެފައި ވަނީ ރޭޓިން އެލަވަންސަށް ކަމަށާއި ރޭޓިން އެލަވަންސް ލިބެނީ ކޮންޓްރޯލަރުންނަށް ދޭ ތަމްރީންތަކަށް ބަލާފައި ކަމަށެވެ.
އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓާ (އެމްއޭޓީސީސީ) ޔުނިޓަށް ގިނަ އަދަދެއްގެ ތަމްރީންތަކެއް ހިމަނާފައި ކަމަށާއި އެހެން ހެދުމުން ޓަވަރު ޔުނިޓުގެ މުވައްޒަފުންނާއި އެމްއޭޓީސީސީގެ މުއައްޒަފުންނަށް ލިބޭ ރޭޓިން އެލަވަންސްގެ ފަރަގު ވަރަށް ބޮޑު ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
ޕެޓިޝަންގައި ބުނެފައިވަނީ އާ އުސޫލަށް އަމަލުކުރުމުން، ޓަވަރު ޔުނިޓުގައި 10-15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ ރޭޓިން އެލަވަންސަށް ވުރެ އަލަށް ނަގާ މުއައްޒަފުންގެ ރޭޓިން އެލަވަންސް 50 ޕަސެންޓް ބޮޑު ކަމަށެވެ.
"މި ބޮޑު ބޭއިންސާފު އޭޓީސީ މެނޭޖްމަންޓާއި އެމްއޭސީއެލްގެ ވެރިންނަށް ތަކުރާރުކޮށް ހިއްސާ ކުރުމުން ވެސް" އެ ކަންކަމަށް އަޅާނުލި ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
އޭގައި ބުނެފައިވާ ގޮތުގައި، އެކަމަށް ހައްލެއް އަންނާނީ ޓަވަރު ޔުނިޓާއި އެމްއޭޓީސީސީގެ މުއައްޒަފުންނަށް ތަމްރީން ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމް ކުރުމުން ކަމަށާއި ކޮންޓްރޯލަރުންނަށް ހާއްސަކޮށްފައިވާ ރޭޓިން އެލަވަންސް ސިސްޓަމް ބަދަލުކޮށް އެއާޓްރެފިކް ކޮންޓްރޯލާ ލައިސެންސްގެ ހިދުމަތް ކޮށްފައިވާ އަހަރުތަކަށް ބިނާކޮށް އެލަވަންސް ކަނޑައަޅައިގެންނެވެ.
އެ މައްސަލާގައި މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީން ނިންމީ އެ މައްސަލަ ބަލައިގަނެ، އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދަން އެމްއޭސީއެލްގެ ވެރިންނާއި ކަމާ ގުޅުން ހުރި ޑިޕާޓްމަންޓުގެ މުއައްޒަފުން ހާޒިރު ކުރުމަށެވެ.
މިދިޔަ އަހަރު ތެރޭގައި ވެސް އެއާ ޓްރެފިކް ކޮންޓްރޯލަރުން ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސަސް (އޭޓީސީ) ހިންގާ ގޮތާ މެދު ހިތްހަމަނުޖެހި އެކަންކަން ހައްލުކުރުމަށް އެދި އެމްއޭސީއެލް އަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.