ކުއާލަ ލަމްޕޫރު (ޖުލައި 19) - ދިގު ދަތުރުތައް ކުރުމަށް 30 ބިލިއަން ޑޮލަރަށް އެއާބަސް އޭ330ނިއޯ މަރުކާގެ 100 މަތިންދާ ބޯޓަށް އޯޑަރުކޮށްފައިވާ ކަމަށް މެލޭޝިއާގެ ބަޖެޓް އެއާލައިން އެއާ އޭޝިއާއިން މިއަދު އިއުލާންކޮށްފި އެވެ.
ކުއާލަ ލަމްޕޫރުގައި ބޭއްވި މީޑިއާ އިވެންޓެއްގައި އެއާ އޭޝިއާގެ ސީއީއޯ ޓޯނީ ފެނާންޑޭޒް ވިދާޅުވީ މި ބޯޓުތަކުގެ ތެރޭން ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށެވެ. އަދި އާ ބޯޓުތަކުގެ އެހީގައި ޔޫރަޕަށާއި ދެކުނު އެމެރިކާ އަދި އެފްރިކާ އަށް ދަތުރުތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަންޑަން ދަތުރުތައް މިހާރު ފެށިދާނެ. އަދި އާ ބޯޓުތައް ލިބުމުން ބްރެޒިލް އާއި ނެމީބިއާ އަދި ބޭނުން ކޮންމެ މަންޒިލަކަށް ދަތުރުތައް ފެށިދާނެ،" ފެނާންޑޭޒް ވިދާޅުވި އެވެ.
ކުއާލަ ލަމްޕޫރާއި ލަންޑަން ރޫޓުގެ ދަތުރުތައް 2012 ވަނަ އަހަރު ހުއްޓާލީ ޑިމާންޑް ދަށްވުމުންނާއި ތެލުގެ އަގު ބޮޑުވުމުންނެވެ.
ފެނާންޑޭޒް ވިދާޅުވީ އާ ބޯޓުތައް ލިބުމުން ދިގު ދަތުރުތައް ކުރުމަށް އެއާ އޭޝިއާ އެކްސް އިން މިހާރު ބޭނުން ކުރާ އޭ330އެސްގެ ބޯޓުތައް ދޫކޮށްލާނެ ކަމަށެވެ.