އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އަށް މަހެއްގެ މައްޗަށް 2.9 މިލިއަން ރުފިޔާ ލިބޭއިރު 3.9 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި، އޭއައިއޭ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ރިމްނާ ހަސަން ވިދާޅުވީ، ކުންފުނި ހިންގުމަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ފައިސާ ނެތުން ކަމަށެވެ. އޭނާ ވިދާޅުވީ، އައްޑޫ އެއާޕޯޓް ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމުގައި 2011 ވަނަ އަހަރު އޭއައިއޭ ރަޖިސްޓްރީކޮށް، ކުރިން އެއާޕޯޓް ހިންގަމުން އައި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހުރިހާ މުދަލެއް އޭއައިއޭ އަށް ބަދަލުކުރީ ފައިނޭންޝަލް އޮޑިޓަކާ ނުލައި ކަމަށެވެ.
އައްޑޫ އެއާޕޯޓްގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ޕްލޭންކޮށްފައި ވިޔަސް އެކަންކަން ނުކުރެވެނީ ވެސް ފައިސާ ނެތުމުން ކަމަށް ރިމްނާ ވިދާޅުވި އެވެ. އެގޮތުން 2013 ވަނަ އަހަރު އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ފެށި އެވެ. އެ މަސައްކަތް ނިންމާލާފައިވަނީ 2016 ވަނަ އަހަރު އެވެ. މިކަމަށް 14.6 މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭ ބޮޑުކުރުމުގެ މަސައްކަތް 2014 ވަނަ އަހަރު ފަށާފައިވެ އެވެ. އެ މަސައްކަތަށް 23 މިލިއަން ޑޮލަރު ހަރަދުކުރި އެވެ.
"މި ހުިރިހާ މަސައްކަތެއް ކުރި އިރު ކުންފުންޏަށް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް. ހަމައެކަނި އޮޕަރޭޝަންސް އިން އާމްދަނީ ލިބެނީ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ހިންގި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަކުންނެވެ. އެގޮތުން 24 މިލިއަން ޑޮލަރުގެ ލޯނެއް އޭރު ނެގި އެވެ. މި ލޯނަށް މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ފައިސާ ދައްކަން ޖެހެ އެވެ.
ރިމްނާ ވިދާޅުވީ، ލޯނު ދެއްކުމަށް ވެސް ކުންފުނީގައި ފައިސާ ނެތް ކަމަށެވެ. އެހެންވެ އެ ލޯނު ވެސް ދައްކަނީ ލޯނަށް ގެރެންޓީ ދިން ދެ ފަރާތުންނެވެ. އެގޮތުން ލޯނުގެ ފައިސާގެ 70 ޕަސެންޓް ސަރުކާރުން ދައްކާ އިރު 30 ޕަސެންޓް ދައްކަނީ ކާސާ ހޯލްޑިންސް އިންނެވެ. ކޮންމެ މަހަކު ސަރުކާރުން 270،000 ޑޮލަރު ދައްކާ އިރު ކާސާ ހޯލްޑިވްސް އިން 97،000 ޑޮލަރު ދައްކަ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 50 ޕަސެންޓް ހިއްސާވަނީ ސަރުކާރުންނެވެ. ކާސާ ހޯލްޑިންސް އިން 30 ޕަސެންޓް ހިއްސާވާއިރު އެމްއޭސީއެލް އާއި އެސްޓީއޯ އިން ކުރެ ކޮންމެ ކުންފުންޏަކުން 10 ޕަސެންޓް ހިއްސާވެ އެވެ.
ކުންފުނީގެ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި ކުންފުނީގެ މުވައްޒަފުންގެ މުސާރަ ވެސް ދޭންޖެހޭ ދުވަހަށް ބައެއް މަސް މަހު ނުދެވޭ ކަމަށް ރިމްނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކުންފުންޏަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ޖެޓް ފިއުލް ވިއްކައިގެން ލިބޭ އިރު އެސްޓީއޯ އަށް މިހާރު ވެސް ތެލުގެ ފައިސާގެ ގޮތުގައި 200 މިލިއަން ރުފިޔާ ދައްކަން އެބަ އޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ނުދެއްކި ވަނީ ކުންފުންޏަށް ލިބޭ އާމްދަނީން މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދުތައް މެނޭޖްކުރަން ޖެހޭތީ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ކާސާ ހޯލްޑިވްސްގެ ފަރާތުން ބޯޑުގައި އިންނަވާ ޑިރެކްޓަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު އެހާ ބޮޑަށް ދަށްވީ، ގަމުގެ ގެސްޓް ހައުސް އީކުއެޓާ ވިލެޖުން ކުންފުންޏަށް ލިބެން ޖެހޭ ފައިސާ އެ ކުންފުންޏަށް ނުލިބުމުން ކަމަށެވެ. ކުންފުނީގެ ހިއްސާ ކާސާ އިން ގަތް އިރު ތައްޔާރުކޮށްފައިވާ ބިޒްނަސް ޕްލޭންގައި ހިސާބުތައް އަންދާޒާކުރީ، ސަރުކާރުން ދޭން ކަނޑައެޅި ބިންތަކުގެ އާމްދަނީ އަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭއައިއޭ އުފެއްދި އިރު ދޭން ބުނި އެއްވެސް ތަނެއް ލިބިފައެއް ނެތް. އީކުއޭޓާ ވިލެޖް ވަނީ 25 އަހަރަށް އެހެން ބަޔަކަށް ވެސް މިހާރު ދީފައި،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ވަނީ 10 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ.