އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ދަށުން ގަމުގައި ގާއިމު ކުރާ ސީ ޕްލޭންގެ ބޭސްގެ މަސައްކަތް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއެމްއޭ)އާ ހަވާލުކޮށްފި އެވެ.
ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން މިއަދު ބުނީ ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ކަމަށެވެ.
އޭއައިއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދެވެ. ޓީއެމްއޭއިން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ސީ ޕްލޭން އޮޕަރޭޓް ކުރާ ޓީއެމްއޭ އިން ބުނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ފެންވަރުގެ ސީ ޕްލޭން ބޭސްއެއް ގަމުގައި ވެސް ގާއިމު ކުރާނެ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މިކަމަށް އޮންނަ ޑިމާންޑަށް ބަލައި، އައްޑޫގައި ހިދުމަތް ފުޅާ ކުރުން ކަމަށް ޓީއެމްއޭ އިން ބުންޏެވެ.
އޭއައިއޭ އިން އަދު ބުނީ ގަމުގައި ސީ ޕްލޭން އޮޕަރޭޝަން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ގަމަށް އިންޓަނެޝަނަލް އޮޕަރޭޝަންތައް ފެށުމާ އެކު، ގަމުގެ ސީ ޕްލޭން ބޭސް މެދުވެރިކޮށް ހުވަދު އަތޮޅާއި އަދި އެ ނޫން ވެސް އައްޑު އާ ކައިރި އަތޮޅުތަކަށް ގެސްޓުން އުފުލުމުގެ ހިދުމަތް ޓީއެމްއޭއިން ކުރާނެ އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރަންވޭ ދިގު ކުރުމަށް ފަހު، ރަންވޭގެ 2،000 މީޓަރު މިދިޔަ އަހަރުން ފެށިގެން އަންނަނީ ބޭނުން ކުރަމުންނެވެ.
ރަންވޭގައި މިހާރު ކުރަމުން އަންނަ މަސައްކަތްތައް އަންނަ މަހުގެ ކުރީކޮޅަށް ނިންމައިލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭއައިއޭ އިން ބުންޏެވެ. ރަންވޭ އެއްކޮށް ނިމުމުން ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނާނެ އެވެ.
އޭއައިއޭ އިން ވަނީ ގަމުގައި ފެންވަރު ރަނގަޅު ހޮޓަލެއް ވެސް ތަރައްގީ ކުރަން ނިންމައިފަ އެވެ. އަދި އެ މަޝްރޫއަށް 50،000،000 ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.