ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ތެރެއިންނާއި އެންމެ ގާތް ބައެއް ބޭފުޅުން "ފަހަތުން ވަޅި ޖަހާ އުސޫލުން" ކަންތައް ކުރާއިރު ވެސް ހުންނެވީ ކެތްކުރައްވައިގެން ކަމަށާއި އެކަމަކު ވަގުތާއި ހާލަތަށް ބައްލަވައި އެ މަނިކުފާނު ރިއެކްޓް ކުރައްވާ ތަން ދިވެހިންނަށް ވަރަށް ރީއްޗަށް އަދި ފެންނާނެ ކަމަށް ޖުމްހޫރީ ޕާޓީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަކިވި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އަންނަ މަހުގެ 15 އިގައި ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ގުޅީގައި ބޭއްވި ޖަލްސާއެއްގަ އެވެ.

މި ވަގުތު އެއްވެސް ޕާޓީއަކާ ނުގުޅި ހުންނެވި ސަމީރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ގޭތެރެއާ ހިސާބުންނޭ" ބުނާ ކަހަލަ ގޮތަކަށް ނުވަތަ އެންމެ ގާތް އަހުންގެ ގޮތުގައި ތިއްބެވި ބޭފުޅުން "ފަހަތުން ވަޅި ޖަހާ އުސޫލުން" ކަންތައް ކުރާއިރު ވެސް ރައީސް ޗުއްޕު ވެސް ވިދާޅުނުވާ ކަމަށެވެ.

"ބައެއް ފަހަރު ބައެއް ބޭފުޅުން ވިދާޅުވޭ ރިއެކްޓް ކުރައްވަން އެނގިވަޑައިނުގަންނަވަނީއޭ. އަޅުގަނޑު ދަންނަވާނީ ރިއެކްޓް ކުރަން ޖެހިވަޑައިގަތީމާ ވަގުތާއި ހާލަތު ދިމާވީމާ އެ ރިއެކްޓް ކުރައްވާ ތަން ދިވެހި ރައްޔިތުންނަށް ވަރަށް ރީތިކޮށް ފެނިވަޑައިގަންނަވާނެ. އެ ދުވަހު އަޅުގަނޑުމެންނަށް އެނގޭނެ ރައީސުލްޖުމްހޫރިއްޔާ އަކީ ހާލަތާއި ވަގުތަށް ރިއާޔަތް ކޮށް ކަންކަން ކުރުމުގައި ނަމޫނާ ބޭފުޅެއްކަން،" ސަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ ތެރެއިންނާއި ސިޔާސީ ގޮތުން ކުރިމަތިވާ ކަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިއެކްޓް ކުރެއްވުން ނުވަތަ އެ ކަންކަމަށް ގޮތް ނިންމެވުން ލަސްވާ ވާހަކަ ވަރަށް ގިނައިން އަޑު އިވެ އެވެ. ހާއްސަކޮށް އެ ވާހަކަ އެންމެ ގިނައިން ދައްކަވަނީ ރިޔާސީ އިންތިހާބުގެ ވާދަވެރިކަމުގައި އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިޔާލު ތަފާތުވެގެން ފެއަށް ޖެހިވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެހެންވީމާ ދިވެހި ރައްޔިތުންނަށް ދަންނަވާލަން އޮތީ ކެތްކުރައްވާށޭ. ބައިވަރު މީހުން، ބައިވަރު ގޮތްގޮތަށް ނުކުންނަން އުޅޭނެއޭ. އެކި ގޮތްގޮތަށް މަޅި ޖަހަން އުޅޭނެއޭ. އެކި ނަންނަމުގައި ބުނަމުން ގެންދާނެއޭ. ހަމަ އެއާއެކީގައި ބުނާނެ ތިމަންނަމެން މި އުޅެނީ ހަމަޖައްސަން ވެގެންނޭ،"--- ސަމީރު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރު ހިންގުމުގެ ތެރޭގަ އާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ރިއެކްޓް" ނުކުރައްވާ ކަމަށެވެ.

ރައީސް، ކަންކަމަށް ރިއެކްޓް ނުކުރައްވާ ވާހަކަ އެހާ ބޮޑަށް ދެއްކެވެން ފެށީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަކާ ގުޅިގެންނެވެ.

"ކަމެއް ދިމާވެއްޖިއްޔާ، އިބޫ، ރިއެކްޓެއް ނުކުރައްވާނެ. އެއްބައި މީހުން، މީހަކު އެއްޗެއް ބުނީ، ދެން އަނެއްކާ ރައްދުގައި އެއްޗެއް ބުނީ އެ ގޮތަށް ދޭ ނޫންތޯ. އަޅުގަނޑަށް ފާހަގަކުރެވޭ އިބޫ [އެގޮތަށް] ރިއެކްޓެއް ނުކުރައްވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވިތާ 12 ދުވަސް ފަހުން ފަޒޫ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވެ އެވެ.

ސަމީރު ރޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރެއް ﷲ ގެ ރަހުމަތުން ދިވެހިންގެ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ސަމީރާއި އެހެން ބައެއް ބޭފުޅުން ބައިވެރިވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ
ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ސަމީރާއި އެހެން ބައެއް ބޭފުޅުން ބައިވެރިވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ

އެމްޑީޕީގައި އިސްކޮށް ކުރިން މަސައްކަތް ކުރެއްވި ސަމީރު ވިދާޅުވީ، މިހާރުގެ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިހާއި ރައްޔިތުންގެ މަޖިލިހުގައި އޭނާ އުޅުއްވިއިރު ވެސް ވަރަށް މާޔޫސްވާ ކަންކަން ދިމާވާ ކަމަށާއި އޭގެ ހައްލާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމދު ސޯލިހާ ސުވާލު ކުރެއްވުމުން އަބަދުވެސް ޖަވާބަކީ ނަތީޖާ ރަނގަޅުވާނެ ކަން ކަމަށެވެ

"އެހެންވީމާ ދިވެހި ރައްޔިތުންނަށް ދަންނަވާލަން އޮތީ ކެތްކުރައްވާށޭ. ބައިވަރު މީހުން، ބައިވަރު ގޮތްގޮތަށް ނުކުންނަން އުޅޭނެއޭ. އެކި ގޮތްގޮތަށް މަޅި ޖަހަން އުޅޭނެއޭ. އެކި ނަންނަމުގައި ބުނަމުން ގެންދާނެއޭ. ހަމަ އެއާއެކީގައި ބުނާނެ ތިމަންނަމެން މި އުޅެނީ ހަމަޖައްސަން ވެގެންނޭ،" ސަމީރު ވިދާޅުވި އެވެ.

ރައީސްގެ މަގާމާ ހަވާލުވެވަޑައިގަންނަވަންދެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރެއްވީ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެހެންވެ، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެމްޑީޕީން އޭރު ހުރިހާ ކަމެއް ވެސް ކުރީ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.