ނިއު ރޭޑިއަންޓްގެ ކުރީގެ ޖެނަރަލް ސެކެރެޓަރީ، އަހްމަދު ނިޔާޒު މޫސާ (ޓެޑް)، އޭނާގެ އަމިއްލަ ރަށް، ހއ. މުރައިދޫގައި ހިންގާ ނިޔާ އެކަޑަމީގެ އެވޯޑް ހަފުލާ، ބްލޫ ނައިޓްގައި ވަނަވަނަ އަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފި އެވެ.
އެކަޑަމީގައި ތަމްރީން ހަދަމުން އަންނަ ކުދިންގެ ތެރެއިން އެއްވަނަ އަންހެން ދަރިވަރުގެ އެވޯޑް ހޯދީ ސުހާ އަބްދުލް ގައްޔޫމެވެ. އަދި އެންމެ މޮޅު ފިރިހެން ދަރިވަރުގެ އެވޯޑް ހޯދީ އަނަސް މުހައްމަދު ޝަފީގެވެ.
ނިޔާޒު ބުނި ގޮތުގައި ސުހާ އާއި އަނަސް އެއްވަނަ ލިބުނީ، ކުޅިވަރުގެ އިތުރުން ކިޔެވުމުގައި ވެސް ހޯދި ކާމިޔާބުތަކަށް ބިނާކޮށެވެ. މި އެވޯޑް ހަފުލާ އަކީ 2020 އަދި 2021 ގެ އެވޯޑް ދިނުމަށް ބޭއްވި ހަފުލާ އެކެވެ. މި ހަފުލާ އަށް ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި މުރައިދޫ އަށް އުފަން ގައުމީ ފެންވަރުގެ ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ދިޔަ އެވެ. އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިނީ ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
"އަޅުގަނޑުމެންގެ މި އެކަޑަމީ އަކީ ކުޅިވަރަށް ހާއްސަ އެކަޑަމީ އެއް. ނަމަވެސް އެކަޑަމީގެ އެންމެ މޮޅު ކުދިން ހޮވާއިރު އަޅުގަނޑުމެން ބަލަން ކުޅިވަރުގެ އިތުރުން ކިޔެވުމުގައި ވެސް އެ ކުދިން ހޯދާ ކާމިޔާބަށް،" ކުރިން ސިފައިންގޭގައި ވެސް ވަޒީފާ އަދާކުރި ނިޔާޒު ބުންޏެވެ.
ފުޓްބޯޅަ އާއި ވޮލީބޯޅައިން ކުދިން ތަމްރީން ކުރާ އެކަޑަމީން ދަރިވަރުންގެ މެދުގައި ގުރުއާން މުބާރާތް ވެސް ބާއްވަ އެވެ. ގުރުއާން މުބާރާތުން އެއްވަނަ ހޯދީ ރާޔާ އިބްރާހިމް ރަޝީދެވެ. އޭނާ އަށް އިނާމް ދިނީ ޝަލަބީ އެވެ.
ދުވުންތެރިޔާ ފަޒީލް، ރާއްޖެ އަށާއި މުރައިދު އަށް ހޯދައި ދީފައިވާ ރީތި ނަން އަގުވަޒަން ކުރުމުގެ ގޮތުން ނިޔާ އެކަޑަމީން ވަނީ ފަޒީލް އަށް ޝަރަފުގެ އެވޯޑެއް ދީފަ އެވެ. ނިޔާ ބުނި ގޮތުގައި އޭނާގެ އެކަޑަމީގެ ދަރިވަރުންނަށް ފަޒީލްގެ ކިބައިން ހިތްވަރު ހޯދުމަށް، އެކަޑަމީން ބާރު އަޅާ ކަމަށެވެ.
ފަޒީލް ވަނީ، އެކަޑަމީ ދަރިވަރުންނާއި ބެލެނިވެރިންނާ މުހާތަބުކޮށް ވާހަކަ ވެސް ދައްކައިފަ އެވެ.
ސެތާކަ އަށް ވުރެ ގިނަ ދަރިވަރުން ތަމްރީން ހަދަމުން އަންނަ އެކަޑަމީ އަކީ މާލެއިން އުތުރުގައި ހިންގާ އެންމެ ބޮޑު ކުޅިވަރު އެކަޑަމީ އެވެ. އޭނާ ބުނީ ކުޅިވަރާއި ކިޔެވުމުގައި ކުރިއަށް ދިއުމުގެ އިތުރަށް ހަރުދަނާ އެތުލީޓެއްގެ ކިބައިގައި ހުންނަ ސިފަތައް ހަރުލެއްވުމަށް ވެސް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކުގައި ބާރު އަޅާ ކަމަށެވެ.