އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަލުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ހަމަޖައްސައިފި އެވެ.
އައިޓީއޯއިންގެ ޒިންމާއަކީ އެތުލެޓިކްސްގެ ޓްރެކް އަދި ފީލްޑުގެ ތަފާތު އިވެންޓްތަކުގެ އެންމެ އިސް ރެފްރީގެ މަގާމް ފުރުމެވެ. އޭގެ ތެރޭގައި ސްޓާޓް ރެފްރީކަމާއި ޓްރެކް ރެފްރީ ކަމާއި ފީލްޑް ރެފްރީ ކަމާއި ޖަމްޕް ރެފްރީކަން އަދި ތްރޯސް ރެފްރީކަން ހިމެނެ އެވެ. މީގެ ތެރެއިން މުންތަގިމް ސައުތު އޭޝިއަން ގޭމްސްގައި އަދާކުރާނީ ކޮން މަގާމެއްކަން އަދި ނޭގެ އެވެ.
މި ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގެ ރެފްރީންނާ ގުޅޭ ކަންކަމުގެ އެންމެ އިސް މީހަކަށް ރާއްޖޭގެ ބީޗްވޮލީބޯޅަ ރެފްރީ ހުސެއިން މުހައްމަދު ވަނީ ހަމަޖައްސައިފި އެވެ.
އޭޝިއާ އާއި ދުނިޔޭގެ ފެންވަރުގެ އެތުލެޓިކްސް މުބާރާތްތަކުގައި އައިޓީއޯ އިންނަށް ވުމުގެ ފުރުސަތު ލިބެނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފްރީ ފާސް ހާސިލްކުރުމުންނެވެ. އެ ފާސް ނެގި ހަމައެކަނި ދިވެއްސަކީ މުންތަގިމެވެ. އަދި ދެކުނު އޭޝިއާގައި ވެސް އެ ފާސް މިވަގުތު އޮތީ މުންތަގިމްގެ އިތުރުން އިންޑިއާ އޮފިޝަލެއްގެ އަތުގައި އެކަންޏެވެ.
އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް ފަދަ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުން ފުރުސަތު ލިބެނީ ލެވެލް އެކެއްގެ ފާސް ހާސިލްކުރުމުންނެވެ. ލެވެލް އެކެއްގެ ކޯސް ދެން އޮންނާނީ 2020 ވަނަ އަހަރެވެ.
މުންތަގިމް ވަނީ މިހާތަނަށް ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި އައިޓީއޯގެ ޒިންމާ ނަގައިފަ އެވެ. އެގޮތުން ޖަޕާނުގެ ޖިފޫގައި މިދިޔަ އަހަރު އޮތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ސްޓާޓް ރެފްރީކުރުމާ އެކު އޭނާ ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ.
މުންތަގިމް ވަނީ މި އަހަރުގެ މާޗު މަހު ހޮންކޮންގުގައި އޮތް އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ގާތްގަނޑަކަށް ހުރިހާ އިވެންޓެއްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އޭގެ ތެރޭގައި ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމާއި ދުވުމުގެ އިވެންޓްތަކާއި ރާއްޖެ އަށް ވެސް މުޅިން އާ އިވެންޓެއް ކަމަށްވާ ޕޯލްވޯލްޓް ހިމެނެ އެވެ.
އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލްކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ އެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާއަދަކުރަން ފަށައި 1999 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތްކުރަމުން އަންނައިރު އޭނާ އަކީ 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ. މިއީ އޭނާ އެ މަގާމް ފުރަމުން އަންނަ ތިން ވަނަ ދައުރެވެ.
ސައުތު އޭޝިއަން ގޭމްސް އަށް އާއްމު ޓެކްނިކަލް އޮފިޝަލުން ފޮނުވުމުގެ ފުރުސަތު ކޮންމެ ގައުމަކަށް ވެސް ލިބޭއިރު ރާއްޖޭން އެ ޖާގަތަކަށް ދާނީ އަހުމަދު އަޒީލާއި މުހައްމަދު ހަސަނާއި އަބްދުލްލަތީފް އަލީ އާއި މުހައްމަދު ޝަރީފް ފާތިމަތު މީނާޒެވެ.
މީގެ ކުރިން ވެސް ސައުތު އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ޗެމްޕިއަންޝިޕުގައި ޓެކްނިކަލް އޮފިޝަލުންގެ ގޮތުގައި މުންތަގިމްގެ އިތުރުން ޔަޒްނީ ނަޝީދާ (ޔަޒޫ) އާއި އަހުމަދު އަޒީލް އަދި މުހައްމަދު އާމިރު ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވަނީ ސައުތު އޭޝިއަން ގޭމްސްގެ ޖޫރީ ޕެނަލުގައި މަސައްކަތްކޮށްފަ އެވެ.
އެކަމަކު މުންތަގިމް އަދާކުރަނީ މުޅިން ތަފާތު އަދި މަތީ މަގާމެކެވެ. އެއީ ޓެކްނިކަލް އޮފިޝަލުންގެ މައްޗަށް އެކުލެވޭ ޑިޕާޓްމަންޓުގެ އެންމެ އިސް މަގާމެވެ. ރޭސް ފަށައި އަދި ފައުލްތައް ނިންމައި ހުރިހާ ކަމެއް ކުރާނީ އެ އޮފިޝަލުގެ ބެލުމުގެ ދަށުންނެވެ. އަދި މިއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ރާއްޖޭގެ ޓެކްނިކަލް އޮފިޝަލަކު އަދާކުރާނެ އެންމެ ބޮޑު ޒިންމާ ވެސް މެ އެވެ.
ރާއްޖޭގެ ރެފްރީންނާއި އޮފިޝަލުން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ފަހަކަށް އައިސް ރަނގަޅު ހިސާބުތަކަށް ދަތުރުކުރަމުންނެވެ. އެންމެ ފުރަތަމަ ބޮޑު ޝަރަފެއް ހޯދީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ލައިންސްމަންކަން ކުރި ރާއްޖޭގެ މުހައްމަދު ސައީދެވެ. މީގެ އިތުރުން އަހުމަދު ޝާހިރާއި އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) ވަނީ ފީފާ އާއި އޭޝިއާގެ ބޮޑެތި މުބާރާތްތަކެއްގައި މެޗު ކޮމިޝަނަރުކަންކޮށްފަ އެވެ. ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަހުމަދު ޝިހާމް (ޕުޗު) އޮފިޝަލްކޮށްފައިވާއިރު މިދިޔަ އަހަރު އޮލިމްޕިކްސްގައި އަލީ އަބްދުލް ކަރީމް (ޒޯލާ) ވަނީ އޮފިޝަލްކަންކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް ވަނީ ރެފްރީކަންކޮށްފަ އެވެ.